ރާއްޖޭގައި ކޮވިޑް19 ގެ ހާލަތު ގޯސްވަމުންދާތީ، ރާއްޖެއަށް ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް އިލްތިމާސްކޮށް، އެމެރިކާގެ ސިއްހަތާ ބެހޭ ވުޒާރާ ސެންޓާ ފޮ ޑިސީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން އެޑްވައިޒަރީއެއް ނެރެފި އެވެ.

ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު އިތުރަށް ގޯސްވަމުންދާއިރު ސީޑީސީއިން ދާދި ފަހުން ވަނީ ރާއްޖޭގެ އެލާޓް ލެވެލް ތިނަކަށް ބަދަލުކޮށްފަ އެވެ. އެގޮތުން "ވޯނިން" އެލާޓް ލެވެލް އާ ގުޅިގެން ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ފިޔަވާ އެހެން ދަތުރުތައް މަޑުޖައްސާލުމަށް ސީޑީސީއިން ވަނީ އިރުޝާދު ދީފަ އެވެ.

ސީޑީސީއިން ބުނެފައިވަނީ ރާއްޖޭގައި ކޮވިޑް19ގެ ރިސްކު ވަރަށް މަތި ކަމަށެވެ. އެގޮތުން ރާއްޖޭގައި ކޮވިޑް19 އާ ގުޅިގެން ބަލިވެއްޖެނަމަ މެޑިކަލް ކެއާ އާއި ހިދުމަތްތައް ލިބުމުގައި ދަތިވުން އެކަށީގެންވާ ކަމަށާއި ބަލި މީހުން ގިނަވަމުން ދާތީ އެ ހިދުމަތްތައް ލިމިޓްވުން އެކަށީގެންވާ ކަމަށްވެސް ސީޑީސީއިން ބުނެ އެވެ.

ރާއްޖެއަށް ދަތުރުކުރާކަމަށްވާނަމަ އެ ފަރާތްތަކުން ރާއްޖޭގެ ހެލްތު މިނިސްޓްރީ ނުވަތަ ފޮޮރިން މިނިސްޓްރީގައިވާ ގަވާއިދުތަކާއި އެންގުންތަކަށް ސަމާލުވުމަށް ސީޑީސީއިން ވަނީ އެދިފަ އެވެ.

ރާއްޖެއަށް ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫން ދަތުރުތައް ނުކުރުމަށް ސީޑީސީއިން އަންގާފައިވާއިރު ރާއްޖެއަށް އައުން އެކަށީގެންވާ ދަތުރުތައްވެސް އެ ސެންޓަރުން އާންމުކޮށްފައިވެ އެވެ. އެގޮތުން ކޮންމެހެން ކުރާ ދަތުރުތަކުގެ ތެރޭގައި ހިއުމެނިޓޭރިއަން އެއިޑް ނުވަތަ ސިއްހީ ސަބަބެއް އަދި އާއިލާއާ ގުޅުންހުރި އެމާޖެންސީއެއް ހިމެނޭ ކަމަށް ސީޑީސީއިން ބުނެ އެވެ.

ސީޑީސީއިން ބުނެފައިވަނީ ރާއްޖޭގައި ސިއްހީ ކެޕޭސިޓީ ލިމިޓެޑް ވުން އެކަށީގެންވާތީ ގައުމުން ބޭރުން ހެލްތު ކެއާ ނަގާނެގޮތުގެ މައުލޫމާތު އިތުރަށް ސާފުކުރުން މުހިއްމު ކަމަށެވެ.

އެމެރިކާއިން ބޭރުގައި ހުއްޓާ ވައިރަސް އަށް ޕޮޒިޓިވް ވެއްޖެނަމަ އެ މީހަކު ރާއްޖެއިން ނުވަތަ އެހެން ގައުމަކުން ރާއްޖެއަށް އަނބުރާ ދާއިރު އައިސޮލޭޝަން އަށް ލާނެ އެވެ. އަދި ބައެއް ހާލަތްތަކުގައި ރާއްޖެއަށް ނުވެއްދުންވެސް އެކަށީގެންވާ ކަމަށް ސީޑީސީއިން ބުނެ އެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާ ކުރުމަށްޓަކައި ކޮވިޑް19 ކޮންޓްރޯލުކުރުން މުހިއްމު ކަމަށް ޓުއަރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވަނީ ފާހަގަކުރައްވާފަ އެވެ. އެގޮތުން ގައިދުރުކަމަށް އެޅޭ ފިޔަވަޅުތަކުގެ ސަބަބުން ކޮވިޑް19 ފެތުރޭ މިންވަރު ދަށްވުމުގެ ފުރުސަތު ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.

މައުސޫމް އިތުރަށް ވިދާޅުވީ ފަތުރުވެރިންގެ އަދަދު ގިނަ ކުރަން ކޮވިޑް19 އަށް ޕޮޒިޓިވްވާ އަދަދު ދަށް ކުރަން ޖެހޭ ކަމަށެވެ.

"ގެސްޓްހައުސްތައް ހުޅުވުމުގެ ފުރުސަތު ތަނަވަސްކުރަމާ ބަހީ،" މައުސޫމް ވިދާޅުވި އެވެ.

ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު އިތުރަށް ސީރިއަސް ވަމުން އަންނަ ކަމަށް ސިއްހީ ދާއިރާގެ މާހިރުން ހާމަކޮށްފައިވެ އެވެ. އެގޮތުން ހޮސްޕިޓަލްގެ އެނދުތަކުގެ 60 ޕަސެންޓަށް ވުރެ ބޮޑުބައި މިހާރު ވަނީ ފުރިފަ އެވެ.