24 Aug 2020, 08:30
ދުނިޔޭގައި މިވަގުތު ހުރި އެންމެ ދުވަސްވީ ފިރިހެން މީހާ ކަމަށް ބެލެވޭ ދެކުނު އެފްރިކާގެ ފްރެޑީ ބްލޮމް އުމުރުން 116 އަހަރުގައި މަރުވެއްޖެ އެވެ.
ފްރެޑީ ބްލޫމްގެ އައިޑެންޓިޓީ ޑޮކިއުމެންޓްތަކުން ދައްކާގޮތުގައި އޭނާ އުފަން ވެފައިވަނީ ކޭޕްޓައުންގެ އިރުމަތީ ޕްރޮވިންސްއެއްގަ އެވެ. އޭނާ އުފަންވީ 1904 އަހަރު އެވެ. އެހެން ނަމަވެސް އެ މައުލޫމާތެއް ގީނެސް ބުކް އޮފް ވޯލްޑް ރެކޯޑްސް އިން ކަށަވަރުކޮށްފައެއް ނުވެ އެވެ.
އޭނާގެ ފުރާވަރު އުމުރުގައި، އޭނާގެ މުޅި އާއިލާ ވަނީ ސްޕެނިޝް ފްލޫގެ ސަބަބުން 1918 ވަނަ އަހަރުގައި މަރުވެފަ އެވެ. އެއަށްފަހު ފްރެޑީ ވަނީ ދުނިޔޭގެ ބޮޑު ދެ ހަނގުރާމައިގެ ތެރޭގައިވެސް ސަލާމަތްވެފަ އެވެ.
ބީބީސީއަށް ފްރެޑީ 2018 ވަނަ އަހަރު ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ދިގު އުމުރުގެ ވަކި ހާއްސަ ސިއްރެއް ނެތް ކަމަށެވެ.
"އެހެންނަމަވެސް އިންސާނާ ހެއްދެވި ކަލާންގެ އަތުގައި ހުރިހާ ބާރެއް ވަނީ. އަހަރެން އަތުގައި އެއްވެސް ބާރެއް ނެތް. އަހަރެން ކޮންމެ ވަގުތެއްގައިވެސް މަރުވެދާނެ،" އޭނާ ބުންޏެވެ.
ފްރެޑީގެ އުމުރުގެ ބޮޑު ބައެއް ހޭދަކޮށްފައިވަނީ ލޭބަރެއްގެ ގޮތުގަ އެވެ. އެގޮތުން ފުރަތަމަ އޭނާ މަސައްކަތް ކުރީ ދަނޑުވެރިކަމުގަ އެވެ. އެއަށްފަހު ކޮންސްޓްރަކްޝަން ދާއިރާގައިވެސް އޭނާ މަސައްކަތް ކުރި އެވެ. އަދި އޭނާ ރިޓަޔަރު ވެފައިވަނީ އުމުރުން 80 އަހަރުގަ އެވެ.
ވޯލްޑް ރެކޯޑު ފޮތުގައި ބުނާ ގޮތުން، މިވަގުތުވެސް ފްރެޑީ އާ އެއް އުމުރެއްގެ ދެ މީހަކު ދުނިޔޭގައި އެބަތިއްބެވެ. އަދި ފްރެޑީއަށްވުރެ އުމުރުން ދޮށީ އެކަކުވެސް ދުނިޔޭގައި އެބަހުއްޓެވެ. އެއީ ޖަޕާނަށް އުފަން 117 އަހަރުގެ ކަނޭ ޓަނާކާ އެވެ. ނަމަވެސް އެ ހުރިހާ އެންމެނަކީވެސް އަންހެނުންނެވެ.