11 Jan 2012, 16:40
ނުރައްކާތެރި ތިން ކުށްވެރިޔެއްގެ ޝަރީއަތް މިއަދު ކެންސަލް ކުރުމުން އެމީހުން ހިތްހަމަނުޖެހިގެން ކޯޓުތެރޭގައި އަޑުގަދަކޮށް ހަމަނުޖެހުން ހިންގައިފި އެވެ.
މިއަދު ކެންސަލްކޮށްފައި ވަނީ ނުރައްކާތެރި، މ. ކޮޅުފުށީ، ޒަހީރާ މަންޒިލް، އަހުމަދު ސިރުހާން ޝަމީމް އާއި ހ. ހަމަރޯޅި، ރިޟުވާން ފަރުހަތު އާއި ހ. އަގި، އަސީލް އިސްމާއިލްގެ އިތުރުން ގއ. ދާންދޫ، ދިލްކަޝްވިލާ، ހައުޒާމް ނިޒާމް އަދި ގއ. ވިލިނގިލީ، ހިތިލާގޭ މުހައްމަދު ނައްވިރުގެ ޝަރީއަތެވެ.
މިއަދު ކެންސަލްކުރި މި މީހުންގެ މައްޗަށް ދައުލަތުން ކޮށްފައިވާ ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗިހި ގެންގުޅުމުގެ ކުށުގެ ދައުވާގެ ޝަރީއަތެވެ.
ކްރިމިނަލް ކޯޓުން ބުނީ މިއަދުގެ ޝަރީއަތް ކެންސަލް ކުރަން ޖެހުނީ އެ މައްސަލައިގެ ހެކިބަސް ދޭ މީހަކު ކޯޓަށް ހާޒިރު ނުވުމުން ކަމަށެވެ.
އެމީހުން ކޯޓުން ނެރެ ފުލުހުންގެ ވެހިކަލަށް ލުމުން ވެހިކަލްތެރޭގައި ވެސް ވަނީ ހަޅޭއްލައްވައި ހަމަނުޖެހުން ހިންގަން މަސައްކަތް ކޮށްފަ އެވެ. ފުލުހުންގެ ވެހިކަލްގައި އެމީހުން ގެންދިޔައީ އިމަޖެންސީ އެލާޓްގަ އެވެ.
އެ ފަސް މީހުންގެ މައްޗަށް ދައުވާކޮށްފައި ވަނީ ޑިސެމްބަރު، 18 2010ގައި ނުރައްކާތެރި ތޫނުހަތިޔާރު ހިފައިގެން ދުވެފައި ދަނިކޮށް ފުލުހުންނަށް ފެނިގެންނެވެ.
އެ މައްސަލައިގައި ހިމެނޭ ނައްވިރު ވަނީ ބަންދުން ދޫކޮށްލައިފަ އެވެ.
އެ މައްސަލައިގައި ދެ މީހެއްގެ ހެކިބަސް ނެގުމަށް މީގެކުރިން ވަނީ ދެ ޝަރީއަތުގެ މަޖިލީހެއް ބާއްވާފަ އެވެ.
ޖޫން 14، 2011ގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ފުލުހަކު ވަނީ ތަހުގީގަށް އޭނާ ދިން ބަޔާނާއި ދިމާ އިދިކޮޅަށް ހެކިބަސްދީފަ އެވެ.
ކޯޓުގެ އެހެން ކޮޓަރިއެއްގައި ހުރެ، އަޑުބަދަލުކޮށްގެން އެ ދުވަހު ހެކިބަސްދެމުން ފުލުސް މީހާ ބުނީ ހަތިޔާރު ހިފައިގެން ދިޔައިރު އެތަނަށް އޭނާ ދިޔަ ކަމަށާއި ނަމަވެސް އެއީ ކޮން ބައެއް ކަން ނޭނގޭ ކަމަށެވެ. ތަހުގީގަށް ދިން ބަޔާނުގައި އެ މީހުންގެ ނަންތައް ހިމަނާފައި ވަނީ ކީއްވެގެންތޯ ދައުލަތުގެ ވަކީލު ސުވާލު ކުރުމުން އޭނާ ބުނީ އެ ބަޔާން އެގޮތަށް ދީފައި ވަނީ އެ މައްސަލަ ތަހުގީގު ކުރި އޮފިސަރު ބުނުމުން ކަމަށެވެ.
އޯގަސްޓް 28، 2011ގައި ބޭއްވި ހެކިބަސް ނެގުމުގެ ޝަރީއަތުގެ މަޖިލީހުގައި ދައުވާލިބޭ އަސީލުއާ ބެހޭ ގޮތުން ތަހުގީގަށް ދިން ބަޔާނުގައި ބުނެފައިވާ ކަންތަކާ ގުޅޭ ގޮތުން ގާޒީ ސުވާލުކުރުމުން، ކާކުކަން ނޭނގޭ ގޮތަށް ހެކިބަސްދިން މީހާ ބުނީ އޭނާ ތަހުގީގަށް ދިން ބަޔާނުގައި އެއްވެސް މީހެއްގެ ނަން ބުނެފައި ނުވާނެ ކަމަށެވެ.
އޭނާ ބުނީ ގޭގެ ސިޓިން ރޫމްގައި އޭނާ ހުއްޓައި މީހަކު ވަރަށް ބާރަށް ދުވެފައި އައިސް ކުއްލިއަކަށް ގެއަށް ވަދެ ދޮރު ތަޅުލި ކަމަށާއި އަދި އެ ވަގުތު އޭނާގެ ކަނާތުގައި ވަޅިއެއް އޮތް ކަމަށެވެ. ނަމަވެސް އެއީ ކާކުކަން ނޭނގޭ ކަމަށް ވެސް ހެކިބަސް ދެމުން އެ ދުވަހު އެމީހާ ބުންޏެވެ.
އެ މައްސަލައިގައި ސިއްރުކޮށްފައިވާ ބަޔާނެއް ދައުވާލިބޭ މީހެއްގެ ވަކީލަކު އަތުގައި އޮއްވާ އެ ދުވަހު ވަނީ ފެނިފަ އެވެ. އެ ބަޔާން ލީކުވުމާ ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލައިގައި ދައުލަތުގެ ފަރާތުން ވަކާލާތު ކުރައްވާ ވަކީލު، އެސިސްޓެންޓް ޕަބްލިކް ޕްރޮސެކިއުޓާ މަހާޒް އަލީ ޒާހިރުއާ ސުވާލު ވެސް ކޮށްފަ އެވެ.
އެ މައްސަލައިގައި ދައުވާލިބޭ އަސީލްގެ މައްޗަށް ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ ކުށް ސާބިތުވެ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެތެރޭ ހަމަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވެ އެވެ. އަދި ކަތިވަޅިއަކުން މީހަކަށް ހަމަލާދިން މައްސަލައެއްގައި ހަތް އަހަރަށް ޖަލަށް ލުމަށް އަސީލުގެ މައްޗަށް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ވަނީ ހުކުމްކޮށްފަ އެވެ.
ދައުވާލިބޭ ހައުޒާމް އަކީ ގަވާއިދާއި ޚިލާފަށް ރާއްޖެ އަށް ބަނގުރާ އެތެރެކޮށް، ގެންގުޅުމުގެ ކުށް ސާބިތުވެ 1000ރ. އިން ޖޫރިމަނާކުރުމަށް މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ހުކުމްކޮށްފައިވާ މީހެކެވެ.