ވޮޝިންޓަން (އޮގަސްޓު 24): އެމެރިކާގެ ރައީސް ޑޮންލްޑް ޓްރަމްޕްގެ ދައްތާފުޅު އަދި ކުރީގެ ފެޑެރަލް ފަނޑިޔާރު މެރިއޭން ޓްރަމްޕް ބެރީ، ރައީސަށް ފާޑު ވިދާޅުވާ އަޑު އިވިގެންދާ އޯޑިއޯ ރެކޯޑިންތަކެއް އާއްމުވެއްޖެ އެވެ.

ވޮޝިންޓަން ޕޯސްޓު ނޫހަށް އެންމެ ފުރަތަމަ ލިބުނު އެ ރެކޯޑިންތަކުން އަޑު އިވިގެންދަނީ ބެރީ އާއި ޓްރަމްޕްގެ އަވަހާރަވެފައިވާ ބޭބޭފުޅު ފްރެޑް ޓްރަމްޕް ޖޫނިއާގެ ދަރިކަނބަލުން މޭރީ ދެއްކެވި ވާހަކަތަކެކެވެ.

އޭގެ ތެރެއިން އެއް ރެކޯޑިންގައި ޓްރަމްޕްގެ "އިތުރުފުޅު ހެއްދެވުމާއި ކަންކަމަށް ތައްޔާރު ނުވެ ހުންނެވުމަށް" ބެރީ ފާޑުވިދާޅުވެ އެވެ. އަދި ޓްރަމްޕް ފަސް ފަހަރެއްގެ މަތިން ބަނގުރޫޓުވެފައިވާ ކަމަށާއި އޭނާއަށް އިތުބާރު ނުކުރެވޭނެ ކަމަށް ބެރީ ވިދާޅުވެ އެވެ.

"އޭނާ ފަސް ފަހަރު ބަނގުރޫޓުވި. އެއީ އޭނާ [އަމިއްލައަށް] ކުރި ކަމެއް. އޭނާއަކަށް އިތުބާރެއް ނުކުރެވޭނެ،" ބެރީ ވިދާޅުވެ އެވެ.

މީގެ އިތުރުން ބެރީ ފެޑެރަލް ކޯޓަކަށް އައްޔަން ކުރަން ކުރީގެ ރައީސް ރޮނަލްޑް ރޭގަން އޭނާގެ ނަން ހުށަހެޅުއްވީ ޓްރަމްޕްގެ ވަކީލު އެކަމަށް އެދިލެއްވުމުން ކަމަށް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވާ ކަމަށް ބެރީ ވިދާޅުވި އެވެ. ނަމަވެސް ޓްރަމްޕް އެހީވެވަޑައި ނުގަތް ނަމަވެސް އޭނާއަށް ފެޑެރަލް ފަނޑިޔާރުކަން ލިބިވަޑައިގަންނަވާނެ ކަމަށް ބެރީ ވިދާޅުވި އެވެ.

"އެއީ އޭނާގެ އިހުލާސްތެރިކަމެއް ނެތް ކަމާއި އަނިޔާވެރިކަން. ޑޮނަލްޑަކީ އަނިޔާވެރިއެއް،" ބެރީ ވިދާޅުވި އެވެ.

އެ ވާހަކަތައް ރެކޯޑު ކުރެއްވި މޭރީ ޓްރަމްޕް ވަނީ ރައީސް ޓްރަމްޕަކީ "ދުނިޔޭގެ އެންމެ ނުރައްކާތެރި މީހާ"ގެ ގޮތުގައި ސިފަ ކުރައްވާ ފޮތެއް މިދިޔަ މަހު ނެރުއްވާފަ އެވެ. އަދި އޭނާގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި ބެރީއާ އެކު މޭރީ 2018 އާއި މިދިޔަ އަހަރާ ދެމެދުގެ ދެއްކެވި ވާހަކަތަކެއް ރެކޯޑު ކުރެއްވީ އެ އާއިލާގެ މެމްބަރުން މީގެ ކުރިން ދޮގު ހަދާފައިވާކަން ފާހަގަ ކުރެވޭތީ، އޭނާގެ އަމިއްލަ ރައްކާތެރިކަމަށް ޓަކަ އެވެ.

އެ ފޮތުގައިވާ ގޮތުން ރައީސް ޓްރަމްޕް ޕެންސިލްވޭނިއާ ޔުނިވާސިޓީން ޖާގައެއް ހޯއްދެވީ އެޑްމިޝަން ޓެސްޓު އެހެން މީހަކު ލައްވާ ހައްދައިގެންނެވެ. އަދި ބެރީގެ ރެކޯޑިންތަކުގައި އޭނާ އެފަދައިން ވިދާޅުވާ އަޑު އިވިގެންދެ އެވެ.

އެ ރިޕޯޓުތަކާ ގުޅިގެން ވައިޓް ހައުސްއިން ނެރުނު ބަޔާނެއްގައި ރައީސް ޓްރަމްޕް ވަނީ އެ ރެކޯޑިންތަކާ މެދު ނުވިސްނަވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެމެރިކާގެ ރައްޔިތުންނަށްޓަކާ ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށް ވިދާޅުވެފަ އެވެ.

ޓްރަމްޕްގެ ދައްތާފުޅުގެ ރެކޯޑިންތަކެއް އާއްމުވެފައި ވަނީ އެ ދެ ބޭފުޅުންގެ ކޮއްކޯފުޅު ރޮބަޓް މިމަހުގެ 15ގައި އަވަހާރަވި ފަހުންނެވެ. ޓްރަމްޕް އާއިލާގެ ފަސް ބޭފުޅުންގެ ތެރެއިން އެންމެ ހަގު ބޭފުޅާ ކަމަށްވާ ރޮބަޓް އަވަހާރަވި ސަބަބެއް ރަސްމީކޮށް ހާމަކޮށްފައި ނުވެ އެވެ.

އެ ފަސް ބޭފުޅުންގެ ތެރެއިން މިހާރު ދުނިޔޭގައި ތިއްބެވީ ބެރީ އާއި ރައީސް ޓްރަމްޕްގެ އިތުރުން އެލިޒަބެތު ޓްރަމްޕް ގްރޯ އެވެ. އަދި އެންމެ ދޮށީ ބޭބޭފުޅު ކަމަށްވާ ފްރެޑް ޓްރަމްޕް ޖޫނިއާ އަވަހާރަވީ 1981 ވަނަ އަހަރު، އުމުރުން 43 އަހަރުގައި ހިތް ހުއްޓިގެންނެވެ.