23 Aug 2020, 23:15
ކޮވިޑް19ގެ ނުރައްކާ ބޮޑުވެފައި މިވާ ދަނޑިވަޅުގައި މުޒަހަރާތައް ނުކުރުމަށް ފުލުހުން އެދިއްޖެ އެވެ.
ދަރުބާރުގޭ، އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ފަރާތުން ވާހަކަ ދައްކަވަމުން ސްޕްރިޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފު ވިދާޅުވީ، ބައެއް ފަރާތްތަކުން އިހުތިޖާޖު ކުރަން އުޅޭ ކަމަށް ވާހަކަ ދެކެވޭ ކަމަށާއި މިއީ މުޒާހަރާ ކުރަން އެންމެ ރަނގަޅު ދަނޑިވަޅު ނޫން ކަމަށެވެ. އަދި ގާނޫނުތަކުންވެސް މިވަގުތު މުޒާހަރާ ކުރުމަށް ހުއްދަ ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިފަދަ ދަތި ހާލުގައި ދިރިއުޅޭ އިރު، އަނެއްކާވެސް ގިނަބަޔަކު މަގުމައްޗަށް ނުކުތުމަކީ މިކަމަށް ހުށަހެޅިގެންދާނެ ނުރައްކަލެއް،" ޝަރީފު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ހުރިހާ ފަރާތްތަކުންވެސް މި ބަލިން ރައްކާތެރިވުމަށް އަމަލުތައް ބެހެއްޓުމަކީ ފުލުހުންގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. އަދި އެގޮތަށް މިފަދަ ދަނޑިވަޅެއްގައި މުޒާހަރާ ކުރުމުން ފުލުހުންނަށްވެސް އޭގެ އުދަނގޫ ކުރިމަތިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. އެގޮތުން މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް ފުލުހުން ނެރުމުން އެމީހުން ކަރަންޓީން ކުރުމާއި އައިސޮލޭޓް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެން ކަމުން އެފަދަ ކަންކަން ނުކުރުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ.
މުޒާހަރާތަށް ނުކުރުމަށް ފުލުހުން އިލްތިމާސް ކުރި އިރު، މިއަދު ދަރުބާރުގޭ ކައިރީގައިވެސް ބަޔަކު ވަނީ މުޒާހަރާ ކޮށްފައެވެ. އަދި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ އަންނަ ހުކުރު ދުވަހު އަތޮޅު ތެރޭގައި މުޒާހަރާއެއް ބޭއްވުމަށް ނިންމާފައެވެ.
ކޮވިޑް ކޭސްތައް މަދުނުވެ، އިތުރުވަމުންދާތީވެ އެޗްޕީއޭއިން ވަނީ މިރެއިން ފެށިގެން ރޭގަނޑު 8:00 ފެށިގެން ފަތިހު 5:00 އަށް ދުއްވާ އެއްޗެހި ދުއްވުން މަނާކޮށްފައެވެ. އެގޮތަށް ނިންމި އެންމެ ބޮޑު އަމާޒަކީ އެންމެ ބޮޑަށް ބަލި ފެތުރޭކަމަށް ރިކޯޑުކުރެވިފައިވާ ޒުވާނުންގެ އިޖުތިމާއީ އެއްވުންތަކާއި ދަތުރުކުރުންތައް ވީހާވެސް ބޮޑަކަށް ހުއްޓުމަކަށް ގެނައުމަށް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
މިއަދު ރާއްޖެއިން 119 ކޮވިޑް ކޭސް ވަނީ ފެނިފައެވެ. މިހާރު ބައްޔަށް ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ، 2،531 އެވެ. މިހާތަނަށް ޖުމްލަ 6،700 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާއިރު، ބަލިން ރަނގަޅުވެފައި ވަނީ، 4،222 އެވެ. ބަލީގައި މަރުުވި މީހުންގެ އަދަދަކީ، 26 އެވެ.