އުރީދޫ މޯލްޑިވްސްގެ 15 ވަނަ އަހަރީ ދުވަހާ ގުޅިގެން ދިވެހި ރާއްޖޭގެ ދުވުންތެރިންނަަށް އަމާޒުކޮށްގެން "އަތޮޅު ރަން"ގެ ނަމުގައި ބާއްވަން ހަމަޖެހިފައިވާ ދުވުމުގެ ޑިރެކްޓަރަކަށް އައި-ރަނާސްގެ ފައުންޑާ އަދި ހެޑް ކޯޗު، ހުސެއިން ޝުޖާއު (ކޯޗު ޝުޖާ) ހަމަޖައްސައިފި އެވެ.

ރާއްޖޭގެ ކާމިޔާބު ބޮޑެތި ދުވުންތަކުގެ ފަހަތުގައި އަބަދުވެސް އެންމެ ބުރަކޮށް މަސައްކަތް ކުރަމުން އަންނަ ޝުޖާއަށް އުރީދޫން ރާއްޖޭގައި މުޅިން އަލަށް ބާއްވަން ތައްޔާރުވާ އަތޮޅު ދުވުމުގެ ބޮޑު ޒިންމާ ހަވާލު ކުރި އިރު އިރު މިފަހަރުގެ މި ދުވުމަކީ ރާއްޖެއަށް މުޅިން އަލަށް ތައާރަފު ކުރާ ދުވުމެކެވެ.

ރާއްޖޭގެ 200 އަށް ވުރެން ގިނަ ރަށުގައި ކުރިއަށް ގެންދާ މި ދުވުމުގައި މިއަދާ ހަމައަށް 3000 އަށް ވުރެން ގިނަ ދުވުންތެރިން ވަނީ ރަޖިސްޓްރީވެފަ އެވެ. އަދި މި މަހުގެ 27 ގެ ނިޔަލަށް މި ދުވުމުގައި ރަޖިސްޓްރީވާން ފުރުސަތު އޮތް އިރު މިފަހަރުގެ މި ދުވުމަކީ މުޅި ރާއްޖެއިން އެންމެ ގިނަ ބަޔަކު ބައިވެރިވާ ދުވުމަށްވުން ވެސް އެކަށީގެންވެ އެވެ.

ޝުޖާ ބުނީ ރާއްޖޭގައި މުޅިން އަލަށް ބާއްވާ ވާޗުއަލް މި ދުވުމުގެ "ރަން ޑިރެކްޓަރ" ގެ މަގާމު ލިބުމަކީ ފަޙުރުވެރިވާ ކަމެއް ކަމަށާއި، 200 އެއް ވުރެން ގިނަ ރަށުގައި މި ދުވުމަށް ރެޖިސްޓްރީވާން ހުޅުވާލި އިރު ދުނިޔޭގެ އެހެން ކަންކޮޅުތަކުން ވެސް ބައިވެރިވަމުންދާ ކަމަށެވެ.

"ރާއްޖޭގައި މުޅިން އަލަށް ތައާރަފު ކުރާ މި ދުވުމުގެ ރަން ޑިރެކްޓަރަކަށް ވާން ލިބުނު ފުރުސަތަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް. 200 އަށް ވުރެން ގިނަ ރަށުގައި ދުވުމަށް އަހަރަމެން މި ތައްޔާރުވާ އިރު ދުނިޔޭގެ އެހެން ކަންކޮޅުތަކުން ވެސް ދުވުމުގައި ރަޖިސްޓްރީވަމުންދާކަން ފާހަގަކޮށްލަން،" ޝުޖާ ބުންޏެވެ.

"ދުވެލާފައި، ހިނގާލާފައި އަދި ނަށާލާފައި ގޮސް ފަސް ކިލޯމީޓަރު ހަމަކޮށްލަން ތައްޔާރުވޭ. އަދި އެހެންމެ 15 ކިލޯމީޓަރު ދުވަން 20 އަތޮޅެއްގައި 20 ދުވުންތެރިން ތައްޔާރަށް ތިބިކަން ފާހަގަކޮށްލަން."

މި މަހުގެ 28ގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އެ ދުވުން ކުރިއަށް ގެންދަން ރާވާފައިވާއިރު، ފަސް ކިލޯމީޓަރު ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު އުރީދޫގެ އަތޮޅު ދުވުން ޕޯޓަލް މެދުވެރިކޮށް ބައިވެރިވެވޭނެ އެވެ. ކޮންމެ ސަރަހައްދެއްގައި ތިބެގެން ވެސް ބައިވެރިވެވޭ ދުވުމުގެ ރަޖިސްޓްރޭޝަނަށް އެއްވެސް ފީއެއް ނުނަގާނެ ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫން މި ދުވުމަށް ކަނޑައަޅާފައިވާ ހާއްސަ އެޕްލިކޭޝަންތައް މެދުވެރިކޮށް ފަސް ކިލޯމީޓަރު ދުވުމުގެ ސްކްރީންޝޮޓެއް ޕޯޓަލްއަށް ފޮނުވާލުމުން ދުވުން ފުރިހަމަ ކުރާ ހުރިހާ ދުވުންތެރިންނަށް ވާޗުއަލް މެޑަލް ދޭން ވަނީ ނިންމާފަ އެވެ.