ޗައިނާގެ 14 އަހަރުންދަށުގެ ކްރިކެޓް ޓީމަކާއި އިނގިރޭސި ވިލާތުގެ ކްރިކެޓް ޓީމެއް އަންނަ މާޗް މާހު ފުވައްމުލަކަށް ދާން ހަމަޖެހިފައިވާ ކަމަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން ބުނެފި އެވެ.

ކްރިކެޓް ބޯޑުގެ ރައީސް އިމާދު އިސްމާއިލް މިއަދު ވިދާޅުވީ، އިނގިރޭސި ވިލާތުގެ ކްރިކެޓް ޓީމު ފުވައްމުލަކަށް ދިއުމަށް ހަމަޖެހިފައިވަނީ އަންނަ މާޗް މަހުގެ ހަ ވަނަ ދުވަހު ކަމަށެވެ. އަދި މާޗް މަހުގެ ދެ ވަނަ ހަފްތާގައި ޗައިނާ ސްކޫލްގެ ކުރިކެޓް ޓީމެއް ފުވައްމުލަކަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އިމާދު ވިދާޅުވި އެވެ.

އެ ދެ ޓީމް ވެސް ފުވައްމުލަކަށް ދަނީ ފުވައްމުލަކުގައި މިދިޔަ އަހަރު ހެދި ކްރިކެޓް ދަނޑުގައި ރާއްޖެއާއެކު ރަހުމަތް ތެރިކަމުގެ މެޗް ތަކެއް ކުޅުމަށެވެ.

"ޗައިނާގެ ސްކޫލް ސްކޫލް ޓީމް ކުޅޭނީ ފުވައްމުލަކުގެ ސްކޫލް ކުދިންނާ. އެޓީމް ފުވައްމުލަކުގައި ހަތަރު މެޗު ކުޅުމަށް ވަނީ ހަމަޖެހިފައި. އިނގިރޭސި ވިލާތުގެ ޓީމު މެޗު ކުޅޭނީ ރާއްޖޭގެ ޤައުމީ ކުރިކެޓް ޓީމާއެކު" އިމާދު ވިދާޅުވިއެވެ.

އިމާދު ވިދާޅުވީ ފުވައްމުލަކުގައި ކުރިކެޓް ޔޫތު ޑިވޮލޮޕްމަންޓް ޕްރޮގްރާމެއް ފެށުމަށް ވެސް ކްރިކެޓް ބޯޑުން ތައްޔާރު ވަމުން އަންނަ ކަމަށެވެ.

މިދިޔަ އަހަރު އައްޑޫގައި ނިމިގެންދިޔަ ސާކް ސަމިޓްގެ ހަވާސާގައި ފުވައްމުލަކުގައި ބޭއްވި ސާކް ގައުމުތަކުގެ ކުރިކެޓް މުބާރާތް ކުޅުމަށް ފުވައްމުލަކުގައި ހެދި ކްރިކެޓް ދަނޑަކީ ފުވައްމުލަކާއި ދިވެހި ރާއްޖޭގެ ކުރިކެޓްގެ އާފެށުމެއް ކަމަށް ކުރިކެޓަށް ލޯބިކުރާ ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. މިއީ ރާއްޖޭގެ ކުރިކެޓްގެ އާ ފެށުމެއް ކަމަށް ކުރިކެޓް ބޯޑުގެ ވެރިން ވެސް ވަނީ ބުނެފައި އެވެ.