10:00


ރާއްޖޭގެ ކެބިނެޓު އިސްތިއުފާދިނުމަށް މެދުވެރިވި ކަންތައްތަކާ މެދު ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ޔޫރަޕިއަން ޕާލިމަންޓް ޑެލިގޭޝަންގެ ދެކުނު އޭޝިޔާގެ އެންމެ އިސް ވެރިޔާ ޖީން ލަމްބާޓް ވިދާޅުވެއްޖެ އެވެ.


ޔޫރަޕިއަން ޕާލިމަންޓް ޑެލިގޭޝަނުން ނެރެފައިވާ ނޫސްބަޔާނެއްގައި ޖީން ލަމްބާޓް ވިދާޅުވެފައި ވަނީ، ރާއްޖޭގެ އުފެދިފައިވާ ސިޔާސީ ހަލަބޮލިކަމުގެ ސަބަބުން ގައުމުގެ އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީއަށާއި ޓޫރިޒަމްގެ ދާއިރާއަށް ވަރަށް ބޮޑަށް އަސަރުކުރާނެ ކަމަށެވެ. ނަމަވެސް ގައުމުގެ ތަރައްގީއަށް ގައުމުގައި ހަމަޖެހުން އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ، ސިޔާސީ ފަރާތްތަކުން ބިނާކުރުވަނިވި ގޮތެއްގައި މަސައްކަތްކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ހެޔޮ ވެރިކަމެއް ޕްރޮމޯޓްކުރުމަށް ރާއްޖޭގެ ޤާނޫނު އަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ސިޔާސީ ބާރުތަކުން މަސައްކަތްކުރުމަށްވެސް އެ ބަޔާނުގައި އޭނާ ގޮވާލައްވާފައިވެ އެވެ.


މީގެ އިތުރުން މި މަހުގެ 15 ވަނަ ދުވަހު ބްރަސަލްސްގައި އޮންނަ ދެކުނު އޭޝިޔާ ސަރަހައްދަށް ޚާއްސަކޮށްގެން ބާއްވާ ޔޫރަޕިއަން ޕާލިމަންޓް ޑެލެގޭޝަންގެ ބައްދަލުވުމުގައި ރާއްޖޭގެ މިހާރުގެ ހާލަތާ ގުޅޭ ގޮތުން މަޝްވަރާކުރައްވާނެ ކަމަށް ވެސް އެބަޔާނުގައި އޭނާ ވިދާޅުވެފައިވެ އެވެ.