23 Aug 2020, 21:40
ކޮވިޑް-19ގެ ހަރަދުތަކާ ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލްގެ އޮފީހުން އާންމު ކުރި، ހެލްތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތައް ބެލުމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި، އެ މިނިސްޓްރީގެ ބިޑް ކޮމިޓީގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ހާޒިރު ކުރަން ނިންމައިފިއެވެ.
އޮޑިޓާ ޖެނެރަލް އޮފީހުން އާންމުކޮށްފައިވާ ހެލްތު މިނިސްޓްރީގެ ކޮވިޑް-19 ކޮމްޕްލަޔަންސް އޮޑިޓުން ކޮރަޕްޝަނަށް ތުހުމަތުވާ ގޮތަށް އެތައް މިލިއަން ރުފިޔާއެއް ހަރަދުކޮށްފައިވާކަން ވަނީ ފެންމަތިކޮށްފައެވެ. އެގޮތުން އެންމެ ބޮޑަށް އޮޅުވާލާފައި ވަނީ ދުބާއީ ކުންފުންޏަކާ ހަވާލުކޮށްގެން 75 ވެންޓިލޭޓަރު ގަތުމުގައި ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެއެވެ.
އެ އޮޑިޓް ރިޕޯޓުން ފެންމަތި ކުރި މައްސަލަތައް ބަލަން މީގެ ކުރިން މާލިއްޔަތު ކޮމިޓީއިން ވަނީ ނިންމައިފައެވެ.
މާލިއްޔަތު ކޮމިޓީގެ މުގައްރިރު ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒު މިރޭ "ސަން"އަށް ވިދާޅުވީ، މިނިސްޓަރު އަމީންއާއި ހެލްތުގެ ބިޑް ކޮމިޓީގެ މެމްބަރުން މާލިއްޔަތު ކޮމިޓީއަށް ހާޒިރު ކުރަން ނިންމާފައި ވަނީ މާދަމާ ހެނދުނު 11:00އަށް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވެފައި ވަނީ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމުގައި އެންމެ ބޮޑު އިހުމާލެއް ވެފައި ވަނީ ބިޑް ކޮމިޓީއާއި ހެލްތު މިނިސްޓްރީގެ މާލީ ޒިންމާދަރުވެރިޔާ އަހްމަދު އަސްލަމް ކަމަށެވެ.
ވެންޓިލޭޓަރު ގަތުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނާ ފުލުހުންގެ ގުޅިގެން ތަހުގީގެއް ހިންގުމަށް އެދިފައެވެ.
ތަހުގީގު ނިމެންދެން ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީގެ ހުރިހާ މެމްބަރުނާއި މިނިސްޓްރީގެ މާލީ ޒިންމާދާރުވެރިޔާ އަހްމަދު އަސްލަމް ވަނީ ސަސްޕެންޑްކޮށްފައެވެ. އަދި މިނިސްޓަރު އަމީން ވަނީ ތަހުގީގު ނިމެންދެން އަމިއްލަފުޅަށް މަސްއޫލިއްޔަތުތަކުން އެކަހެރިވެވަޑައިގެންފައެވެ.