ހުސްވެފައިވާ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ހަތަރު މެންބަރުންގެ މަގާމަށް ކުރިމަތިލާފައިވާ ބޭފުޅުންގެ ތެރެއިން، މީގެ ކުރިން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ރުހުން ދީފައިވާ ދެބޭފުޅަކު އެ ކޮމިޓީން ޑިސްކޮލިފައިކޮށްފިއެވެ.

ހުސްވެފައިވާ އެ ކޮމިޝަންގެ މެމްބަރު ކަމުގެ ހަތަރު މަގާމަށް ކުރިމަތިލި 41 ބޭފުޅުންގެ ތެރެއިން 15 ބޭފުޅަކަށް މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ރުހުން ދިނީ، މިދިޔަ ހަފްތާގައެވެ.

ރުހުން ދިން ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މ. ބާރަނާގެ، މަރްޔަމް މުނާ އާއި ހ. އަމްސާވިލާގެ، އަހްމަދު މޫސާ ޝަރުތު ފުރިހަމަ ނުވާކަމަށް ނިންމައި، އެ ދެ ބޭފުޅުންގެ ނަން ޑިސްކޮލިފައި ކުރުމަށް ކޮމިޓީން މިއަދު ވަނީ ނިންމާފައެވެ.

ނަން ތަޅުމަށް ފޮނުވުމަށް ފަހު، ޑިސްކޮލިފައި ކުރުމަށް ނިންމީ، އެ ދެ ބޭފުޅުން މާސްޓާސް ހާސިލް ކުރައްވާފައި ވިޔަސް، ސީއެސްސީގެ ގާނޫނުގައި ބުނާ ގޮތަށް އެ ބޭފުޅުން ޑިގްރީއެއް ހާސިލް ކުރައްވާފައި ނެތުމުންނެވެ.

މިގޮތަށް ނިންމީ، އެ ދެ ބޭފުޅުންގެ ތައުލީމީ ޝަރުތާ ބެހޭގޮތުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ދިން ލަފައަކަށެވެ. އެ މިނިސްޓްރީން ދިން ލަފާގައި ބުނެފައިވަނީ، މާސްޓާސް ޑިގްރީ ހާސިލް ކުރިޔަސް، ދެ ދެބޭފުޅުން ފުރަތަމަ ޑިގްރީ އޮތް ކަމަކަށް ނުބެލެވޭނެ ކަމަށެވެ.

ކޮމިޓީން މީގެ ކުރިން އެ ދެ ބޭފުޅުންނަށް ރުހުން ދިނީ، މިނިސްޓްރީގެ އެ ލަފާ ލިބުމުގެ ކުރިންނެވެ.

ސިވިލްސާވިސް ކޮމިޝަންގެ ގާނޫނުގެ މެމްބަރުންގެ ޝަރުތުތަކުގެ ތެރޭގައި ފުރަތަމަ ޑިގްރީއަށް ތައުލީމް ހާސިލް ކުރުމަށްފަހު، ހިންގުމުގެ ދާއިރާގައި މަދުވެގެން 10 އަހަރު ހިދުމަތްކޮށްފައިވުން ހިމެނެއެވެ.

މިކަމާ ގުޅޭ ގޮތުން މަޖިލީހުގެ ކައުންސެލާ ޖެނެރަލް ފާތުމަތު ފިލްޒާގެ ލަފާއެއްވެސް ކޮމިޓީން ހޯދިއެވެ. އޮންލައިންކޮށް ބޭއްވި އެ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ފިލްޒާ ވިދާޅުވީ، އެ ދެބޭފުޅުން ވަނީ ޑިގްރީއަށް ވުރެ މަތީ ފާހެއް ހޯއްދަވާފައި ކަމަށާއި އެހެން ކަމުން އެ މީހުން މަގާމަށް ޝަރުތު ހަމަނުވާ ކަމަށް ބެލުމަކީ ހަމަޖެހޭ ކަމަކަށް ނުވާނެ ކަމަށެވެ.

"ގާނޫނަށް ބަލާފައި އަޅުގަނޑަށް މާނަ ނެގެނީ ގާނޫނުގައި ބަޔާންކޮށްފައި އެވަނީ މިނިމަމް ރިކުއާމެންޓް [ޝަރުތު ފުރިހަމަވާނެ އެންމެ ކުޑަ މިންވަރު] ކަމަށް. އޭގެ މައްޗަށް ތައުލީމު ހާސިލްކޮށްފައި ވުމަކީ، އެ މީހަކު ޑިސްކޮލިފައި ވާން ޖެހެނެ ކަމެއް ކަމަށް އަޅުގަނޑަށް ގަބޫލު ނުކުރެވޭ،" ފިލްޒާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، 10 އަހަރުގެ ތަޖުރިބާއެއް އޮވެ، މާސްޓްސް އެއް ނުވަތަ ޕީއެޗްޑީ ހާސިލްކޮށްފައިވާ މީހެއް ނަމަ، އެ މީހަކީ މަގާމަށް ޝަރުތު ފުރިހަމަވާ މީހެއް ކަމަށް ބެލޭނެ ކަމަށެވެ.

ފިލްޒާގެ އެ ވަހާކަތަކާމެދު މެމްބަރުންގެ މެދުގައިވެސް ހިޔާލުތަފާތުވުންތައް އުފެދުނެއެވެ. ބައެއް މެބަރުން ވިދާޅުވި ގޮތުގައި ގާނޫނުގައި ސާފުކޮށް އެގޮތަށް ބަޔާންކޮށްފައި އޮތުމުން، އެ މީހެއްގެ އަތުގައި ޑިގްރީއެއް އޮންނަންވާނެއެވެ. އަދި ގާނޫނުގައި ލިޔެފައި ނެތް އެއްޗެއް އެނޫން ގޮތަކަށް މާނަ ނުކުރެވޭނެ ކަމަށް ބައެއް މެމްބަރުން ވިދާޅުވިއެވެ. ފިލްޒާގެ ވާހަކައާ ދެކޮޅަށް ވާހަކަ ދެއްކެވި އެއް މެމްބަރަކީ ވިލިމާލެ ދާއިރާ މެމްބަރު އަހްމަދު އުޝާމެވެ.

"ގާނޫނުގެ 12 މާއްދާގެ (އ) ގައި ވަރަށް ސާފުކޮށް ލިޔެފައި އެބަ އޮވޭ، ފުރަތަމަ ޑިގްރީއަށް ތައުލީމް ހާސިލް ކުރުމަށްފަހުއޭ. އޭގެ މާނައަކީ، ފުރަތަމަ ޑިގްރީއަށް ތައުލީމް ހާސިލްކޮށްފައި ހުންނަން ޖެހޭނެއޭ. އަޅުގަނޑަށް ގަބޫލު ކުރެވޭނީ ސާފުކޮށް އެގޮތަށް ލިޔެފައި އޮތުމުން ފުރަތަމަ ޑިގްރީ އޮންނަން ޖެހޭނެ ކަމަށް،" ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލްކަން ކުރެއްވި އުޝާމް ވިދާޅުވިއެވެ.

އުޝާމް ވިދާޅުވިގޮތުގައި އެ ނޫން ގޮތަކަށް މާނަ ކޮށްފިނަމަ، އެކަން ބެެލެވޭނީ ގާނޫނުގައި ނެތް ކަމެއް މާނަ ކުރީ ކަމަށެވެ.

ފިލްޒާގެ ލަފައާއި މެމްބަރުންގެ ބަހުސަށްފަހު، ކޮމެޓީން ނިންމީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އެ ދެ ބޭފުޅުން ޑިގްރީ ހާސިލް ކޮށްފައި ނުވާ ކަމަށް ބުނެފައިވާތީ އެ މިނިސްޓްރީގެ ލަފަޔާ އެއްގޮތަށް އަމަލު ކުރުމަށެވެ. އެގޮތަށް ހުށަހެޅުުއްވީ، އުޝާމެވެ. އަދި އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ އިސްދޫ ދާއިރާ މެމްބަރު އަލީ ހަމީދެވެ. ހުށަހެޅުން ފާސްވީ، ވޯޓުގައި ބައިވެރިވި ހަތް މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރުންގެ ވޯޓުންނެވެ.

ކޮމިޓީން ތަޅުމަށް ފޮނުވަން މީގެ ކުރިން ރުހުން ދިން ބޭފުޅުން:

  1. މުހައްމަދު ޝަރީފް، ފުސްތުޅާގެ، ގދ. ތިނަދޫ

  2. އިބްރާހިމް ރަޝީދު. ބްލެކް، ރ. މީދޫ
  3. މުނާ މުހައްމަދު، ހ. ނޫރާނީފެހި
  4. އަޖުވަދު އަލީ، ގ. ބްލޫވޭވް
  5. މުހައްމަދު ފަރުޞަތު، ހ. ޓޫހަރޓް
  6. އާއިޝަތު ޝާހީން، މއ. ވިލާރޮދި
  7. މުހައްމަދު ނަސީރު، މ. ފުންފިނި
  8. ފާތިމަތު ޝަރީފް، މާކޯޅި، ގދ. ތިނަދޫ
  9. ފާތިމަތު ރިފާހަތު ރިފްއަތު، ގ. ވެގާ2
  10. އަހްމަދު ނާސިހު، މ. ފަލްކަންގެ
  11. ރަޝީދާ އަލީ، ގ. ޖަނަވަރީމާގެ
  12. ޝުހުދާ ރިޟްވާން، ފްލާވާ މީޑް، ސ. މީދޫ
  13. މަރިޔަމް ޝެނީން، މއ. ފޮސީތިއާ