24 Aug 2020, 10:27
ރާއްޖެއިން ކޮވިޑް19 ޖެހުނު 27 އަހަރުގެ ޒުވާނަކަށް ވެސް އައިސީޔޫގައި ފަރުވާދޭން ޖެހިފައިވާ ކަމަށާއި، އެހެންކަމުން ޒުވާނުންނަށް މި ބަލީގެ ނުރައްކާ ނެތް ކަމަށް ދެކި ފިޔަވަޅުތައް އެޅުމުގައި ފަރުވާކުޑަ ނުކުރުމަށް އެޕިޑޮމިލޮޖިސްޓް ޑރ. ޝީނާ މޫސާ އިލްތިމާސްކުރައްވައިފި އެވެ.
ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި އިއްޔެ ވާހަކަ ދައްކަވަމުން ޑރ. ޝީނާ ވިދާޅުވީ ކޮވިޑް19 ގައި ބޮޑަށް ނުރައްކާވަނީ އެހެން ބައްޔަކަށް ފަރުވާ ކުރަމުން އަންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުން ނަމަވެސް، ބަލީގައި މަދުން ނަމަވެސް ޒުވާނުންނަށް ވެސް ނުރައްކާ ވެފައި އެބަހުރި ކަމަށެވެ.
ހަމައެއާއެކު ރާއްޖޭގެ ޒުވާނުންގެ އާބާދީއަށް ބަލާއިރު، ޒުވާނުންގެ ތެރޭގައި ހަކުރު ބައްޔާ، ހައިޕަޓެންޝަން ފަދަ ބަލިތަކަށް ފަރުވާ ކުރާ މީހުން މަދު ނޫން ކަމަށެވެ.
ހަމައެއާއެކު ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް ހަތަރު ބައިކުޅަ އެއްބައި މީހުން ދުންފަތުގެ އިސްތިއުމާލު ކުރާ ކަމަށާއި، އެއީ ވެސް ކޮވިޑް19 އަށް ހައި ރިސްކް ފެކްޓާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންވީމަ އެކަމުގެ އަސަރު ނުކުރާނޭ ބުނާކަށް ވެސް ނޭނގޭނެ. ވަރަށް ފަހުން 27 އަހަރުގެ މީހަކު ވެސް އެބަ އޮތް އައިސީޔޫއަށް ލާން ޖެހިފައި. އެހެންވީމަ ރާއްޖޭގެ އާބާދީގައި އަދި ޒުވާނުން ގިނަ ނަމަވެސް، ކޮމޯބިޑިޓީޒް އާ ސިއްހަތަށް ގެއްލުން ހުރި، ހައި ރިސްކް ވާ ކަހަލަ އާދަކާދަ ހުރީމަ ހަމަ އެބަ އޮތް ޗާންސް،" ޑރ. ޝީނާ ވިދާޅުވި އެވެ.
ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި 6،779 މީހުންގެ ތެރޭގައި އުމުރުން 21 އަހަރާއި 40 އަހަރާ ދެމެދުގެ 3،395 މީހުން ހިމެނޭ ކަމަށް އެޗްޕީއޭއިން މިހާތަނަށް ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ 2،589 ފިރިހެނުންނާއި 806 އަންހެނުންނެވެ.
އެޗްޕީއޭއިން ވެސް މީގެކުރިން ބުނެފައި ވަނީ، މިހާރު ބަލި ބޮޑަށް ފެތުރެނީ ގިނައިން ބޭރަށް ނުކުމެ އުޅޭ، ޒުވާން އުމުރުގެ މީހުންގެ ތެރޭގައި ކަމަށެވެ.
ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް މިހާރު ވަނީ އިތުރު ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެގޮތުން ރޭގަނޑު އަށަކުން ފަތިހު ފަހަކާއި ހަމައަށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުުން ވަނީ މަނާކޮށްފަ އެވެ.
އެޗްޕީއޭ އިން ބުނީ އުޅަނދު ދުއްވުން މަނާކުރީ ޒުވާނުންގެ އެއްވުންތައް މަދުކުރުމަށް ކަމަށެވެ.
އެއްގަމު އުޅަނދު ދުއްވުމާ ގުޅޭ ނިންމުމަށް އާންމުން ފާޑުކިޔަމުން ދަނިކޮށް އެޗްޕީއޭ އިން އިއްޔެ ބުނީ ރޭގަނޑު އަށަކުން ފަތިހު ފަހަކަށް އެއްގަމު އުޅަނދު ދުއްވުން މަނާކުރުމުގެ އަމާޒަކީ އެންމެ ބޮޑަށް ބަލި ފެތުރޭކަމަށް ރެކޯޑުކުރެވިފައިވާ ޒުވާނުންގެ އިޖުތިމާއީ އެއްވުންތަކާއި ދަތުރުކުރުންތައް ވީހާވެސް ބޮޑަކަށް ހުއްޓުމަކަށް ގެނައުން ކަމަށެވެ.