23 Aug 2020, 20:37
ރާއްޖޭގައި މިހާރު ކޮވިޑް19 ފެތުރެމުން އަންނަ މިންވަރާ ބަލާއިރު، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގައި އޮޕަރޭޝަނަލް ކެޕޭސިޓީ ނެތް ކަމަށް، ޕަބްލިކް ހެލްތު ސްޕެޝަލިސްޓް ޑރ. ޝީނާ މޫސާ މިއަދު ވިދާޅުވެއްޖެ އެވެ.
ޑރ. ޝީނާ ވިދާޅުވީ ކޮވިޑް19 އާ ގުޅިގެން އެންމެ ފުރަތަމަ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އެކުލަވާލައި، ކަމާ ގުޅުންހުރި ހުރިހާ ސެކްޓާއެއް އެކުގައި މަސައްކަތް ކުރި އިރު، ރަނގަޅު ރެސްޕޯންސް އެއް ފެނިގެން ދިޔަ ކަމަށެވެ.
އެހެން ނަމަވެސް އެންއީއޯސީ އުވާލައި، ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރަކަށް ބަދަލުކުރުމާ ގުޅިގެން، ކުރިން ދިން ވަރުގެ ރެސްޕޯންސެއް ދިނުމުގައި ދަތިތައް ހުންނާނެ ކަމަށް ޑރ. ޝީނާ ވިދާޅުވިއެވެ.
އެޗްޕީއޭގެ ޓެކްނިކަލް ގައިޑެންސް ރަނގަޅު. ގައިޑްލައިންތައް ވެސް ހަމަ އޮން ޕާ. ޓެކްނިކަލީ ގައިޑްލައިންސް އާ އެއްޗެހި ރަނަގޅު. އެކަމަކު އޮޕަރޭޝަނަލް ކެޕޭސިޓީ އެޗްޕީއޭ އެކަނި، ބަލައިފިިއްޔާ ނެތް. ޕެންޑެމިކް އެއްގައި ރެސްޕޯންޑް ކުރަން ބޭނުންވޭ ވަރަށް ގިނަ އެޖެންސީތަކުގެ ސަޕޯޓު،" ޑރ. ޝީނާ ވިދާޅުވިއެވެ.
އެގޮތުން ހުރިހާ ސިއްހީ ހިދުމަތް ދޭ ތަންތަނުގެ އެއްބާރުލުން ބޭނުންވާނެ ކަމަށާއި އަދި މީހުން އެކަހެރި ކުރުމަށް ބޭނުންވަ ރިސޯސަސް ވެސް އެޗްޕީއޭގައި ނުހުންނާނެކަން ޑރ. ޝީނާ ފާހަގަކުރެއްވިއެވެ.
ޑރ. ޝީނާ ވިދާޅުވީ ލޮކްޑައުނަށް ލުއި ދިނުމާ ހަމައަށް، އެންއީއޯސީގައި ގިނަ އަދަދެއްގެ ވޮލަންޓިއަރުން ވެސް މަސައްކަތް ކުރަމުން ދިޔަ ކަމަށާއި އެހެން ނަމަވެސް، އޮފީސްތަކާއި، ސްކޫލު އަދި ކޮލެޖުތައް ހުޅުވުމާ ގުޅިގެން، ގިނަ އަދަދެއްގެ ވޮލަންޓިއަރުން ވެސް މަދުވެގެން ގޮސްފައިވާ ކަމަށެވެ.
އަދި އެހެން ސެކްޓާތަކުގެ މަސައްކަތް ވެސް އަލުން ފެށުމާ ގުޅިގެން، އެ އިދާރާތަކުން ލިބެމުން ދިޔަ އެހީތެރިކަން ވެސް ކުޑަވެގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެއާ އެއްކޮށް ވަރަށް ބޮޑަށް އޮޕަރޭޝާނަލް ކެޕޭސިޓީ ގެއްލިގެން ދިޔައީ. މިހާރު، އެޗްޕީއޭގަ އަދި އެޗްއީއޯސީގަ ވެސް އެ އޮޕަރޭޝަނަލް ކެޕޭސިޓީއެއް ނެތް. މިހާރު މި އަންނަ ކޭސް ލޯޑު، ހޭންޑަލް ކުރުމުގެ ކެޕޭސިޓީއެއް ނެތް، ޓްރޭސް ކުރާކަށް ކެޕޭސިޓީއެއް ނެތް،" ޑރ. ޝީނާ ވިދާޅުވިއެވެ.
އަދި އެހެން އެޖެންސީތަކުގެ ސަޕޯޓާއެކު ވެސް، މިހާރު އަންނަ ކޭސް ލޯޑު ހޭންޑަލް ކުރަން ހުރި އޮޕަރޭޝަނަލް ކެޕޭސިޓީ ކުޑަކަމަށް ޑރ. ވިދާޅުވިއެވެ.
ކޮވިޑް-19އާ ގުޅިގެން ގައުމީ ފެންވަރުގައި ކުރާ މަސައްކަތްތައް ވިލަރެސް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެންއީއޯސީގެ ނަމުގައި ހާއްސަ ޓާސްކް ފޯހެއް އުފެއްދެވީ މިދިޔަ މާޗް މަހު އެވެ. އެންއީއޯސީ އުވާލައި، އެ ސެންޓަރުގެ މަސައްކަތްތައް އެޗްއޯސީއަށް ބަދަލުކުރީ ޖުލައި މަހުގެ ފުރަތަމަ ދުވަހުއެވެ.