23 Aug 2020, 20:41
ޓޫރިޒަމް މިނިސްޓަރު ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އައްޔަން ކުރެއްވި ޑރ. އަބްދުﷲ މައުސޫމަށް ރުހުން ދިނުމުގެ މައްސަލަ މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.
ރައީސް ސޯލިހު، ޓުއަރިޒަމް މިނިސްޓަރުގެ މަގާމަށް މައުސޫމު އައްޔަން ކުރެއްވީ މިމަހުގެ ހަވަނަ ދުވަހު އެވެ. އަދި މައުސޫމަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުއްވީ، މިމަހުގެ ނުވަނަ ދުވަހުއެވެ.
އޭނާއަށް ރުހުން ދޭން ފެންނަ ކަމަށް މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ފާސްކޮށްފައެވެ.
މަދާމާގެ ޖަލްސާގައި އެޖެންޑާ ކޮށްފައިވަނީ، ކޮމިޓީގެ ރިޕޯޓަށް ވޯޓަށް އެހުމަށެވެ.
އެމައްސަަލަ ކޮމިޓީން ނިންމާ އެކުލަވާލި ރިޕޯޓުގައި ބުނެފައިވަނީ މައުސޫމަށް ރުހުން ދޭން އެ ކޮމިޓީއަށް ފެންނަ ކަމަށެވެ. ކޮމިޓީގައި އެދުވަހު ބައިވެރިވި ހަތް މެމްބަރުންގެ އިއްތިފާގުން ވަނީ އެގޮތަށް ފާސްވެފަ އެވެ.
ޓޫރިޒަމް ދާއިރާގައި ތަޖުރިބާކާރު ޑރ. އަބްދުﷲ މައުސޫމް ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުގައިވެސް ޓޫރިޒަމް މިނިސްޓަރުކަން އަދާކުރައްވާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރުކަންވެސް މީގެ ކުރިން ކުރެއްވިއެވެ.
އެންވަޔަރަމެންޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ޑރ. މައުސޫމަކީ އިނގިރޭސިވިލާތުގެ ބާމިންހަމް ޔުނިވަރސިޓީއިން ޑޮކްޓަރ އޮފް ފިލޯސޮފީ ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ.
ސަރުކާރުގެ އިސް މަގާމުތަކުގެ އިތުރުން ޑރ. މައުސޫމް ވަނީ ސްޓްރީމް ލައިނަރސް ޕްރައިވެޓް ލިމިޓެޑްގެ ޗީފް އެގްޒެކްޓިވް އޮފިސަރުގެ މަގާމު ވެސް އަދާކުރައްވައިފައެވެ. އަދި 2018 ވަނަ އަހަރާ ހަމައަށް ސަން އައިލެންޑްގެ ޖެނެރަލް މެނޭޖަރުކަން ވެސް ކުރެއްވިއެވެ. އެ މަގާމުން އިސްތިއުފާ ދެއްވީ ސިޔާސީ ދާއިރާއަށް ވަގުތުދެއްވުމަށެވެ.
ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމު ހުސްވީ، ކުރިން އެމަގާމުގައި ހުންނެވި އަލީ ވަހީދުގެ މައްޗަށް ޖިންސީ ގޯނާއާއި ފުރައްސާރައިގެ ތުހުމަތުތަކެއް ކުރެވި، ރައީސް ސޯލިހް އޭނާ މަގާމުން ވަކިކުރެއްވުމާ ގުޅިގެންނެވެ. އެ މައްސަލަ މިހރު ފުލުހުން ބަލަމުންދާއިރު، އަލީ ވަހީދުގެ މައްޗަށް ކުރެވޭ ތުހުމަތުތައް އޭނާ ވަނީ ދޮގުކޮށްފައެވެ.