މެދުމިނުގެ އިސްލާމްދީނަކީ ކޮބައިކަމާއި އެދީނުގެ ހުކުމްތަކަކީ ކޮބައިކަން ސާފުކޮށްދެއްވުން އެދި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް ސިޓީއެއް ފޮނުވައިފި އެވެ.

އަދާލަތުގެ ސިޓީގައި ރައީސް ނަޝީދު އަރިހުން އެދިފައި ވަނީ ރައީސް ނަޝީދު ވިދާޅުވާ މެދުމިނުގެ އިސްލާމްދީނާއި އެދީނުގެ ހުކުމްތަކަކީ ކޮބައިކަން ސާފުކޮށް ދެއްވައި މި މަހުގެ 17 ވަނަ ދުވަހުގެ ކުރިން އެ ޕާޓީގެ އިލްމުވެރިންގެ މަޖިލީހަށް އެކަން ލިއުމަކުން އަންގަވައި ދެއްވުމަށެވެ.

... ވީމާ މަނިކުފާނު ވިދާޅުވަމުން ގެންދަވާ މެދުމިނުގެ އިސްލާމްދީނަކީ ކޮބައިކަމާއި މެދުމިނުގެ އިސްލާމްދީނުގެ ހުކުމްތައް އަޅުގަނޑުމެންނަށް ސާފުކޮށްދެއްވައި 17 ޖެނުއަރީ 2012ގެ ކުރިން މި މަޖިލީހަށް ލިއުމަކުން އަންގަވައިދެއްވުން އެދި ދެންނެވީމެވެ،" އަދާލަތުގެ ސިޓީގައިވެ އެވެ.

އަދާލަތުގެ ސިޓީގައި ބުނަނީ އެ ޕާޓީގެ އިލްމުވެރިންގެ މަޖިލީހަކީ ދިވެހި ރައްޔިތުންގެ މެދުގައި އިސްލާމްދީނާ މެދު ހޭލުންތެރިކަން އުފައްދައި، ކުޅަދާނަވީ އެންމެ ފުޅާދާއިރާއެއްގައި އިސްލާމްދީނުގެ ފުރިހަމަ މައުލޫމާތު ރައްޔިތުންގެ މެދުގައި ފެތުރުމަށް މަސައްކަތްކުރާ މަޖިލީހެއް ކަމަށެވެ.

އަދާލަތުގެ އިލްމުވެރިންގެ މަޖިލީހުން އިސްލާމްދީނުގައި އޮންނަ މެދުމިން ގަބޫލުކުރާ ގޮތް ވެސް އެ ސިޓީގައި ބަޔާންކޮށްފައިވެ އެވެ. އެގޮތުން ބުނެފައި ވަނީ އެ މަޖިލީހުގެ އިލްމުވެރިން އީމާން ވަނީ އިސްލާމްދީން ބާވައިލެއްވީ ކުރީގެ އުއްމަތްތައް ކަމަށްވާ ޔަހޫދީންނާއި ނަސޯރާ އިން ހައްދުފަހަނައަޅައި ދިޔަ ދިއުމުން ބަރީއަވެގެންވާ، ދުނިޔެ އާއި އާހިރަތުގެ ބާއްޖަވެރިކަމުގެ ވަސީލަތެއްގެ ގޮތުގައި ކަމަށް ސިޓީގައި ބުނެފައިވެ އެވެ. އަދި ބުނެފައި ވަނީ އިސްލާމްދީން ވަނީ ފުރިހަމަ ކުރެވިގެން ކަމަށާއި އިސްލާމްދީނުގައި މިންތަކެއް ކަނޑައެޅިފައި ނުވާ ކަމަށެވެ.

"އިސްލާމްދީން ވަނީ ފުރިހަމަ ކުރެވިގެންނެވެ. އިސްލާމްދީނުގައި މިންތަކެއް ކަނޑައެޅިފައެއް ނުވެ އެވެ. ނަމަވެސް މަނިކުފާނުގެ ވާހަކަފުޅުތަކުން މެދުމިނުގެ އިސްލާމްދީނުގެ ވާހަކަ އަޅުގަނޑުމެންނަށް ތަކުރާރުކޮށް އަޑުއިވެ އެވެ،" އަދާލަތުގެ އިލްމުވެރިންގެ މަޖިލީހުގެ ސިޓީގައިވެ އެވެ.