23 Aug 2020, 18:56
ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުން އިންތިހާއަށް އިތުރުވެ، އެޑްމިޓްކޮށް ފަރުވާ ދޭންޖެހޭ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެފައިވާ އިރު، އެކަށީގެންވާ މިންވަރަށް ޑޮކްޓަރުންނާއި ނަރުހުން ނެތް ކަމަށް، އެޕިޑޮމިލޮޖިސްޓް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޑރ. ޝީނާ ވިދާޅުވީ ބަލި ޖެހޭ މީހުން އިތުރުވާ ކަމާއި، އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުންގެ އަދަދު އިތުރުވާކަން އެންމެނަށް ވެސް އެނގޭ ކަމަށެވެ.
ނަމަވެސް އާންމުކޮށް ނުދައްކާ ވާހަކައަކީ، އެޑްމިޓްކުރާ މީހުންނަށް ފަރުވާ ދޭންތިބި ޑޮކްޓަރުންނާ ނަރުހުންގެ އަދަދުގެ ވާހަކަ ކަމަށެވެ.
"މިހާރު އަސްލު ރާއްޖޭގެ ސިޗުއޭޝަންގައި 60 ޕަސެންޓަށް ވުރެ ގިނަ އެނދު ފުރުނީމަ، އެނދުގެ ވާހަކަ މި ދައްކަނީ. ޕަބްލިކްލީ ނުދައްކަ ޑޮކްޓަރުންނާ ނަރުހުން މަދު ވާހަކައެއް،" ޑރ. ޝީނާ ވިދާޅުވިއެވެ.
ޑރ. ޝީނާ ވިދާޅުވީ އާންމު ހާލަތުގައި ފަރުވާދެމުން ދިޔައީ ކޮންމެ ފަސް އެނދަކަށް ނަރުހެއް ލައިގެން ކަމަށާއި، އެހެން ނަމަވެސް މިހާރު މަސައްކަތް ކުރަން ޖެހިފައި ވަނީ ކޮންމެ 30 އެނދަކަށް އެއް ނަރުސް ލައިގެން ކަމަށެވެ.
މިގޮތަށް ފަރުވާ ދޭންޖެހުމުން، ފަރުވާގެ ފެންވަރަށް ވެސް އަސަރުކުރާނެކަން ފާހަގަކުރައްވައި ޑރ. ޝީނާ ވިދާޅުވީ، ނަރުހުންގެ އިތުރުން ޑޮކްޓަރުން ވެސް މަދު ކަމަށެވެ.
"އަޅުގަނޑަށް މައުލޫމާތު ލިބޭ ގޮތުން ވިއްޔާ ހުޅުމާލެ ފެސިލިޓީގައި ރައުންޑެއް ނަގަން، އެބަ ނަގާ މުޅި ދުވަހު 10 ގަޑިއިރު. އެއް ރައުންޑަށް. އެއީ ޑޮކްޓަރުން މަދުވީމަ،" ޑރ. ޝީނާ ވިދާޅުވިއެވެ.

ޑރ. ޝީނާ މޫސާ --- ފޮޓޯ/ ޕީއެސްއެމް
ޑޮކްޓަރުންނާ ނަރުހުން މަދުވަނީ، ކޮވިޑް ނޫން އެހެން ބަލިތަކަށް ވެސް ފަރުވާދޭން ޖެހޭތީ ކަމަށާއި، ދުނިޔޭގެ ހުރިހާ ގައުމަކުން ވެސް އެމީހުންގެ ވޯކްފޯސް ހިފަހައްޓަން ބޭނުންވާ މި ދަނޑިވަޅުގައި، އިތުރު ބަޔަކު ރެކްރޫޓުވެސް ނުކުރެވޭނެކަން ޑޮކްޓަރު ފާހަގަކުރެއްވިއެވެ.
"ޕޮއިންޓަކީ ރާއްޖޭގެ ސިއްހީ ނިޒާމު އޮތީ ބާޑަން ވެފައޭ. ކޭޓާއެއް ނުކުރެވެއޭ. މެނޭޖު ކުރަނީ ކޮންމެސް ގޮތަކަށް. މި ރޭޓުގައި ދާން ފަށައިފިއްޔާ، އަދި އެނދުތަކެއް ލާފަ، ނޫނީ ސްކޫލެއްގައި އެނދު ޖަހާފަ މީހުން ބޭތިއްބިޔަސް ކާކު ހެއްޔޭ އެމީހުންނަށް ފަރުވާ ދޭނީ. ފަރުވާ ނުދެވިޖެއްޔާ މީހުން މަރުވާ އަދަދު ގިނަ ވާނޭ،" ޑރ. ޝީނާ ވިދާޅުވިއެވެ.
ޑރ. ޝީނާ ވިދާޅުވީ ކޮވިޑާ ގުޅިގެން ރާއްޖެއިން ބޭރުން ގެނައި މެޑިކަލް ޓީމުތަކުގެ ސަބަބުން ނިޒާމަށް ލުއިވެ، ވަރަށް ރަނގަޅު ފައިދާއެއް ކުރި ކަމަށެވެ.
އަދި މިހާރު ބޮޑު ސުވާލަކީ، އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންނަށް ކޭޓާ ކުރެވޭނެ ކެޕޭސިޓީ ސިއްހީ ނިޒާމުގައި ހުރިތޯ އުފެދޭ ސުވާލު ކަމަށް ވެސް ޑރ. ވިދާޅުވިއެވެ.
ދުނިޔޭގެ އެހެން ގައުމުތަކުން މިސާލު ޖައްސަވަމުން، ޑރ. ޝީނާ ވިދާޅުވީ އެހެން ގައުމުތަކުގައި ބަލި ޖެހިގެން އެތައް ހާސް ބަޔަކު މަރުވަނީ، ސިއްހީ ނިޒާމަށް ބުރަ ބޮޑުވެ، އެޑްމިޓްކުރާނެ އެނދާއި، ފަރުވާދޭނެ ޑޮކްޓަރުންނާއި ނަރުހުން މަދުވެގެން ދިއުމުގެ ސަބަބުން ކަމަށެވެ.
އެހެންކަމުން ރާއްޖޭގައި ވެސް އެންމެ މުހިންމު ކަމަކަށް ވާނީ، ބަލީގައި މަރުވާ މީހުންގެ އަދަދު މަދުކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ޑރ. ޝީނާ ވަނީ ރާއްޖޭގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އަލުން ލޮކްޑައުން އަކަށް ދާންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް މިއަދު ވިދާޅުވެފައެވެ.