އަލުން ލޮކްޑައުން އަކަށް ދާންޖެހޭ ވަރަށް ރާއްޖޭގައި ކޮވިޑް19ގެ ހާލަތު ގޯސްވެފައިވާ ކަމަށް އެޕިޑޮމިލޮޖިސްޓް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޑރ. ޝީނާ މިއަދު ވިދާޅުވީ މަރުހަލާތަކަކަށް ބަހާލައިގެން ލޮކްޑައުން އަށް ލުއި ދިން އިރުވެސް، ކޭސްތައް އިތުރުވާނެކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށް އެނގޭ ކަމަށެވެ.

އެހެން ނަމަވެސް ގައިޑްލައިންތަކެއް ހަދައި، ލޮކްޑައުން އަށް ލުއި ދިނީ، އާންމުން އެ ފިޔަވަޅުތަކަށް ބޯލަނބާނެ ކަމުގެ އުންމީދާ އެކުގައި ކަމަށެވެ.

"އުންމީދަކީ ގައިޑްލައިންސް ފޮލޯ ކުރާނެއޭ. އެހެންވީމަ އަހަރުމެންނަށް ކޮންޓްރޯލްޑް ލެވެލް އެއްގައި ގެންގުޅެވޭނެ. އެއީ އުންމީދަކީ. އެއަށް ބޭސްކޮށްފައި މަޑުމަޑުން ހުޅުވާލީ،" ޑރ. ޝީނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް، އުންމީދު ކުރި މިންވަރަށް ވުރެ ބާރު ސްޕީޑުގައި ބަލި ފެތުރެމުން އަންނާތީ ޑރ. ޝީނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

އަދި އެކަން އެގޮތަށް ދިމާވީ އެކި ސަބަބުތަކާ ހުރެ، ގައިޑްލައިންތަކަށް ފުރިހަމައަށް ބޯނުލެނބޭތީ ކަމަށް ވެސް ވިދާޅުވި އެވެ. ޑރ. ޝީނާ މިއަދު ވިދާޅުވީ ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ބަލި ޖެހުމުގެ ފުރުސަތު އަދިވެސް ވަރަށް ބޮޑެވެ.

"އެއީ ބަލި ޖެހުނީމަ، ބަލީގެ ދިފާއީ ނިޒާމުގެ ބައިތައް ވެސް މި އަންނަނީ އެހެންވީމަ ރާއްޖޭގެ ވަރަށް ބޮޑު އާބާދީއެއް އަދިވެސް އެބަ އޮތް ބަލި ނުޖެހޭ، ބަލި ޖެހުމުގެ ފުރުސަތު އޮތް،" ޑރ. ޝީނާ ވިދާޅުވި އެވެ.

ޑރ. ޝީނާ ވިދާޅުވީ ގައިޑްލައިންތަކެއް އެކުލަވާލައި، މަރުހަލާތަކަކަށް ބަހާލައިގެން ލޮކްޑައުނަށް ލުއި ދިނީވެސް އެހެންވެގެން ކަމަށެވެ. އަދި ލޮކްޑައުން ކުރުމުގެ ސަބަބުން ސިއްހީ ދާއިރާގެ ކެޕޭސިޓީ ކޮންމެސް ވަރަކަށް އިތުރުކޮށް އެކަމަށް ތައްޔާރުވާން ވަގުތު ލިބުނު ކަމަށެވެ.

އަދި މިހާރު ވެސް ބަލި ފެތުރޭ މިންވަރާއި، ސިއްހީ ނިޒާމުގެ ކެޕޭސިޓީ ހުރި މިންވަރާއި، އެނދުތައް ފުރެމުންދާ މިންވަރާއި އެއަށް ކޭޓާ ކުރެވޭ ވަރު ބަލައިގެން، ބަލީގެ ހާލަތު މޮނީޓާ ކުރަމުން އަންނަކަމަށެވެ.

އަޅާ ފިޔަވަޅުގެ ނަތީޖާ ފެންނަން ދުވަސްތަކެއް ނަގާކަން ފާހަގަކުރައްވައި ޑރ. ޝީނާ ވިދާޅުވީ މިދިޔަ ހަފްތާގެ އިންޑިކޭޓަރުތަކަށް ބަލާއިރު، އަލުން ލޮކްޑައުން އަކަށް ދާން އިނީ އެންމެ ޕޮއިންޓެއް ކަމަށެވެ.

އެގޮތުން މާލޭ ސަރަހައްދުގައި ކޮވިޑް19 އަށް ހާއްސަކުރި އެނދުތަކުގެ ތެރެއިން 62 ޕަސެންޓް އެނދު މިހާރު ފުރިފައިވާކަން ޑޮކްޓަރު ފާހަގަކުރެއްވި އެވެ. ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ހުރި 200 އެނދުގެ ތެރެއިން 150 އަށް ވުރެ ގިނަ އެނދު މިހާރު ވަނީ ފުރިފަ އެވެ.

ބަލި ޖެހޭ މީހުންގެ އަދަދު އިންތިހާއަށް އިތުރު ވަމުން އަންނަ އިރު، އެޑްމިޓްކޮށް ފަރުވާ ދޭން ޖެހޭ މީހުން ވެސް އިތުރުވަމުން އަންނާތީ، ނިޒާމަށް ކަތާވަރަށް، ކޭސްތައް މެނޭޖުކުރެވޭނީ ކޮންޓެކްޓުން މަދުކުރުމަށް، އަނެއްކާވެސް މޫވްމަންޓުތައް ހުއްޓުމަކަށް ގެނެސްގެން ކަމަށް ޑރ. ވިދާޅުވި އެވެ.

"އަޅުގަނޑު ޕާސަނަލީ ބުނަންޏާމު މިއީ ލޮކްޑައުން އަކަށް ދާންވީ ވަގުތު. އެކަމަކު ސޯޝަލް އިކޮނޮމިކް ހާލަތާ ހެދި ކިހިނެއްހޭ މި މެނޭޖުކުރާނީ. މެނޭޖު ކުރެވޭނެ ހެއްޔޭ ލޮކްޑައުން އަކަށް ނުގޮސް. ކިހިނެއް ހަދައިގެން ހެއްޔޭ ވާނީ،" ޑރ. ޝީނާ ވިދާޅުވިއެވެ.

ކޮވިޑްގެ ނަންބަރުތައް އިތުރުވަމުން އަންނަ އިރު، ބަލިމީހުންނަށް ފަރުވާ ދޭނެ ޑޮކްޓަރުންނާއި ނަރުހުން ވެސް އެކަށީގެންވާ ވަރަކަށް ނެތްކަން ޑރ. ޝީނާ ވިދާޅުވި އެވެ.

ރާއްޖޭގެ ލޮކްޑައުން ނިމުމަކަށް ގެނައި ފަހުން، ކޭސްތައް ވަރަށް ބޮޑުތަން ވަނީ އިތުރުވެފަ އެވެ. އަދި މި މަހުގެ ތެރޭގައި އެކަނި 2500 އަށް ވުރެ ގިނަ މީހުނަށް ބަލި ޖެހި، ބަލީގައި 10 މީހަކު މަރުވެފައި ވާއިރު، ބަލި ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅުތަކެއް ވަނީ އަޅައިފަ އެވެ.

އެގޮތުން މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، މާލެ ސަރަހައްދުގައި ބޭރަށް ނުކުންނަ އިރު މާސް އެޅުން މަޖުބޫރުކޮށް، ރޭގަނޑު 10ގެ ފަހުން ކާފިއު ހިންގަން ވަނީ ފަށައިފަ އެވެ. އަދި ރޭގަނޑު 8:00 އިން ފެށިގެން ފަތިހު 5:00އާ ހަމައަށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން ވެސް ވަނީ މަނާކޮށްފަ އެވެ.

އުޅަނދު ދުއްވުން މަނާކުރުމަ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އެޗްޕީއޭއަށް އަންނަނީ އަމާޒުވަމުންނެވެ.

ޑރ. ޝީނާ ވިދާޅުވީ، މާލޭގެ އާބާދިގެ ގިނަ ބަޔަކު އުޅަނދުފަހަރުގައި މަގުމައްޗަށް ނުކުމެ އުޅޭއިރު، ވަކި ވަގުތެއްގައި އުޅަނދު ދުއްވުން މަނާކުރުމަކީ ބަލި ފެތުރުން ކޮންޓްރޯލް ކުރަން އެޅޭ ނުސީދާ ފިޔަވަޅެއް ކަމަށެވެ.

އަދި މޫވްމަންޓް ރެސްޓްރިކްޓް ކުރާ ވަގުތު ކުޑަވުމަކީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން އެހާ ހިތްހަމަޖެހޭނެ ކަމެއް ނޫން ކަމަށެވެ.

"ސީދާ ލޮކްޑައުން އަކަށް ގޮއްސިއްޔާ ބަލި ކޮންޓްޜޯލް ކުރަން ފަސޭހަ ވާނެ. ފެނިވަޑައިގަންނަވާފައި އޮންނާނީ ލޮކްޑައުން ކުރުމުން ހަމަ ޑްރާސްޓިކަލީ ދަށަށް ގޮސްފައ އޮތީ. އެކަމަކު އުޅެންޖެހޭ ހާލު. އެއީ ބެލެންސް އެއް މި ގެންނަން ޖެހޭ ހިސާބު،" ޑރ. ޝީނާ ވިދާޅުވި އެވެ.

އަދި މިގޮތަށް ނަންބަރުތައް މައްޗަށް ދާކަމަށް ވާނަމަ، ފިޔަވަޅުތައް އަލުން ރިވައިޒް ކުރަންޖެހޭނެ ކަމަށާއި، މިވަގުތު އިތުރު ފިޔަވަޅުތައް ނާޅައިފި ނަމަ، ނިޒާމަށް ނުކަތާ ވަރަށް ބުރަވެގެން ދާނެ ކަމަށް ވެސް ޑރ. ޝީނާ ފާހަގަކުރެއްވިއެވެ.

އެހެންކަމުން އެންމެ ރަނގަޅު ފިޔަވަޅަށް ވާނީ ލޮކްޑައުން ކުރުން ކަމަށާއި، ނޫން ނަމަ ދުވާލުގެ 24 ގަޑިއިރުގެ ތެރެއިން ބޮޑު ބައެއްގައި މޫވްމަންޓް އެއްކޮށް ރެސްޓްރިކްޓް ކުރުން ކަމަށެވެ.

"އަސްލު މިހާރު މެޝާއެއް ނުނަގައިފިއްޔާ އޯވަ ބާޑަން ވާނެ. ގިނަ ބަޔަކު މަރުވާނެ. އެއީ ޔަގީންކަމެއް. މިހާރު އެ ފިޔަވަޅުތައް ނަގަނީ އެހާ ބޮޑަށް ރެސްޓްރިކްޓް ނުކޮށް، މެނޭޖު ކުރެވޭތޯ. ކޮންމެސް ވަރެއްގެ ރިސްކެއް އެބަ އޮތް. މެނޭޖު ނުކުރެވި އޯވަލޯޑް ނުކުރެވި ދާނެ ކަމުގެ ރިސްކު އެބަ އޮތް،" ޑރ. ޝީނާ ވިދާޅުވި އެވެ.

ޑރ. ޝީނާ ވިދާޅުވީ ބަލި ކޮންޓްރޯލް ކުރުމަކީ ހަމައެކަނި ސަރުކާރަށް އޮތް ކަމެއް ނޫން ކަމަށާއި، މިކަމުގައި ވިޔަފާރިވެރިންނާ އާންމު ރައްޔިތުންގެ ދައުރުވެސް ބޮޑު ކަމަށެވެ.

އަދި އެޗްޕީއޭއިން ފިޔަވަޅުތަކެއް އެޅި ނަމަވެސް ބަލި ކޮންޓްރޯލް ނުކުރެވޭނެ ކަމަށާއި، ބަލި ކޮންޓްރޯލް ވާނީ ހުރިހާ އެންމެން އެއް ކަމަކަށް އަމާޒު ހިފައިގެން، ފިޔަވަޅުތަކަށް ބޯލެނބުމުން ކަމަށެވެ.