ހުސްވެފައިވާ ހައި ކޯޓުގެ ދެ ފަނޑިޔާރުކަމުގެ މަގާމަށް މީހުން ހޯދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން އިއުލާންކޮށްފި އެވެ.

ހައި ކޯޓުގެ ދެ ފަނޑިޔާރުގެ މަގާމު ހުސްވީ، އެ ކޯޓުގެ އިސް ފަނޑިޔާރެއްގެ ގޮތުގައި ހުންނެވި ޝުޖާއު އުސްމާން އަދި ފަނޑިޔާރު ހަސަން އަލީގެ ސުލޫކީ މައްސަލައެއް ސާބިތުވެ، އެ ދެމީހުން މަގާމުން ވަކިކުރުމަށް ޖޭއެސްސީން ނިންމާފައި ވަނިކޮށް އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ހަސަން އަލީ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން މީގެ ކުރިންވެސް ޖޭއެސްސީން ފަނޑިޔާރަކު ހޯދުމަށް އިއުލާން ކުރިއެވެ.

ޖޭއެސްސީން މިއަދު ނެރުނު އިއުލާންގައި ބުނީ، އެކަށީގެންވާ އަދަދަށް މީހުން ކުރިމަތިލާފައި ނުވާތީ، ކުރިން ނެރުނު އިއުލާން ބާތިލްކޮށް، އަލުން ދެ ފަނޑިޔާރުންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އެހެން ކަމުން ކުރިން އެ މަގާމަށް ކުރިމަތިލި މީހުން އަލުން އެޕްލިކޭޝަން ފޯމު ހުށަހެޅުމަށް އިއުުލާންގައި ބުނެއެވެ.

ޖޭއެސްސީން އެދިފައި ވަނީ، އެ މަގާމަށް ޝަރުތު ފުރިހަމަވާ ފަރާތްތަކުން އަންނަ މަހު އަށް ވަނަ ދުވަހު، މެންދުރުފަހު 2:00ގެ ކުރިން، އެޕްލިކޭޝަން ފޯމު ހުށަހެޅުމަށެވެ. އަދި ކަމާ ގުޅުންހުރި ލިޔެކިޔުންތައް ކޮމިޝަންގެ ރަސްމީ އީމެއިލް ([email protected])އަށް ފޮނުވަމަށް ޖޭއެސްސީން ވަނީ އެދިފައެވެ.

އެ އިއުލާންގައި އިތުރަށް ބުނީ، ކުރީގެ އިއުލާންގެ ދަށުން ފަނޑިޔާރުކަމަށް ކުރިމަތިލެއްވި ފަރާތްތަކުން އެޕްލިކޭޝަން ފިޔަވާ އިތުރުން އެހެން އެއްވެސް ލިޔެކިޔުމެއް އަލުން މަގާމަށް ކުރިމަތިލާއިރު، ހުށަހަޅުއްވަން ނުޖެހޭނެ ކަމަށެވެ.