ބޮލީވުޑްގެ އެންމެ ނުފޫޒުގަދަކަމަށް ބުނާ ބަތަލާ ކަންގަނާ ރަނައުތު ރަސްމީކޮށް ޓުވިޓާ އާ ގުޅިއްޖެ އެވެ.

މީގެ ކުރިން ކަންގަނާގެ ޓުވިޓާ އެކައުންޓް ހިންގަނީ އޭނާގެ ޓީމު މެންބަރުންނެވެ. ނަމަވެސް މިދިޔަ ހުކުރު ދުވަހު ކަންގަނާ ޓުވީޓްކުރި ވީޑިއޯގައި ބުނީ އެ ދުވަހުން ފެށިގެން އޭނާ އަމިއްލައަށް އޭނާގެ ޓުވިޓާ އެކައުންޓް ހިންގާނެ ކަމަށެވެ. އެ ވީޑިއޯގައި ކަންގަނާ ބުނީ ސުޝާންތު ސިންހް ރާޖްޕުތްގެ މަރާ އެކު އާންމުންގެ ބާރުގަދަކަން ވަރަށް ރަނގަޅަށް ހާމަވެއްޖެ ކަމަށާއި މިއީ އޭނާގެ ފޭނުންނަށް ދިން ހަދިޔާއެއް ކަމަށެވެ.

ކަންގަނާ ރަސްމީކޮށް އޭނާގެ ޓުވިޓާ އެކައުންޓް ހިންގަން ފެށި އިރު އޭނާ ޓުވިޓާގައި ވަރަށް ހިންގުންތެރި އެވެ. އޭނާ އަކީ މީގެ ކުރިން ސޯޝަލް މީޑިއާ ޕްލެޓްފޯމާ ވަރަށް ދުރު އެކްޓަރެކެވެ.

ބަތަލާ ކަންގަނާ އެންމެ ފަހުން ފެނިގެންދިޔައީ ފިލްމު ޕަންގާ އިންނެވެ. އެ ފިލްމަކީ އިންޓަނޭޝަނަލް ކަބައްޑީ ކުޅުންތެރިއެއްގެ ދިރިއުޅުން ދައްކުވައިދިން ފިލްމެކެވެ.