ދާދިފަހުން އިއުލާންކުރި ފިލްމު "އަދިޕުރުޝް"ގައި ސައިފް އަލީ ޚާން ކުޅޭނީ ވިލަން އެއްގެ ރޯލުކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ސައިފް މިހާރު އެ ފިލްމު ކުޅުމަށް ސޮއިކޮށްފައިވާ އިރު މި ފިލްމަކީ "ބާހުބަލީ" އިން ބޮޑު ކާމިޔާބީއެއް ހޯދި އެކްޓަރު ޕްރަބާސް ލީޑު ރޯލުން ފެނިގެންދާ ފިލްމެކެވެ.

އެކްޓަރު ސައިފް މި ފިލްމުގައި ވިލަންގެ ރޯލުން ކުޅުމަށް ސޮއިކުރި އިރު މިއަހަރު ޖަނަވަރީ މަހު އަޖޭ ދޭވްގަން އާއި ކާޖޮލްއާ އެކު ކުޅުނު ފިލްމު ތާނާޖީ: ދި އަންސަންގް ވޮރިއާ"ގައި ވެސް ސައިފް ފެނިގެންދިޔައީ ވިލަން އެއްގެ ރޯލުންނެވެ.

އަދިފުރުޝްގެ މޯޝަން ޕޯސްޓަރު ވެސް މިހާރު އާންމުކޮށްފައިވާ އިރު މި ފިލްމަކީ ޓީ ސީރީޒުން ޕްރޮޑިއުސްކުރާ ފިލްމެކެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ ތާނާޖީ ވެސް ޑައިރެކްޓްކުރި އޯމް ރައުތުގެ ފިލްމެކެވެ. އަންނަ އަހަރު ޝޫޓިން ފަށާ އެ ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައިވަނީ 2022 ވަނަ އަހަރުގަ އެވެ.