އޮންލައިންކޮށް ކްލާސްތައް ނަގައިދެމުންގެންދާތީ ދިރާގާއި އުރީދޫއިން ދަރިވަރުންނަށާއި ޓީޗަރުންނަށް ހިލޭ ދެމުން އައި ޑޭޓް ޕެކޭޖްތައް ޕްރައިވެޓް ސްކޫލްތަކަށް ދިނުން ހުއްޓާލައިފިއެވެ.

ޑޭޓާ ޕެކްގެ ގޮތުގައި ދެމުންގެންދިޔައީ 5 ޖީބީއެވެ.

އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް ރަޝީދު "ސަން" އަށް ވިދާޅުވީ ޑޭޓާ ޕެކްތައް އެ ސްކޫލަށް ދެމުން ގެންދިޔައީ މިދިޔަ އޭޕްރީލް މަހުން ފެށިގެން ކަމަށެވެ. އަދި މިމަހުގެ 18 އަށް އެ ޑޭޓާ ޕެކްތައް ދިނުން މިހާރު ހުއްޓާލިކަން އަންގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޑޭޓާ ޕެކްތައް ދިނުން ހުއްޓާލުމުން އަލުން އެ ޕެކޭޖްތައް ހޯދަން ދިރާގާއެކު މަޝްވަރާ ކޮށްފައިވާ ކަމަށް ވެސް ރަޝީދު ވިދާޅުވިއެވެ. ނަމަވެސް އަދި ވަކި ޖަވާބެއް އެކަމުގައި ނުލިބޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މާލޭގެ އެހެން ސްކޫލެއްގެ ޕްރިންސިޕަލަކު "ސަން" އަށް ވިދާޅުވީ ޑޭޓާ ޕެކްތައް މިމަހުގެ 18 އިން ފެށިގެން ދިނުން ހުއްޓާލައިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު އިންނާނީ އެކަމާ ގުޅިގެން މަޝްވަރާކޮށްފައި އުރީދޫއާ. އެބޭފުޅުން ދެންނެވި ޕެކޭޖް ބަދަލުކޮށްގެން އެކަން މިހާރަށް ވުރެ އިފެކްޓިވްކޮށް ޑޭޓާ ދިނުމުގެ ވިސްނުން އެބަހުރި ކަމަށް. ނަމަވެސް އަދި ވަކި ގޮތެއް ހަމަނުޖެހޭ،" މާލޭގެ ޕްރައިވެޓް ސްކޫލެއްގެ ޕްރިންސިޕަލަކު "ސަން"އަށް ވިދާޅުވިއެވެ.

ކޮވިޑް-19 ފެތުރޭތީ މާޗްމަހުން ފެށިގެން ޖުލައި މަަހަށް ރާއްޖޭގެ ސްކޫލްތައް އޮތީ ބަންދުކޮށްފައެވެ. އަދި ޖުލައި މަހު ކޮވިޑް ނެތް ރަށްރަށުގެ ހުރިހާ ގްރޭޑްތަކަށް ކިޔަވައިދޭން ފެށިނަމަވެސް މާލޭގައި ކިޔަވައިދޭން ފެށީ ގްރޭޑް ނުވަޔަކުން މައްޗަށެެވެ. ނަމަވެސް ފަހުން ގްރޭޑް ނުވަަޔަކާއި ދިހައެއްގެ ކިޔެވުންވެސް ވަނީ ވަގުތީ ގޮތުން ހުއްޓާލައިފައެވެ.

މިހާރުވެސް ގިނަ ކްލާސްތައް ގެންދަނީ އޮންލައިންކޮށެެވެ.