23 Aug 2020, 17:07
ހުސްވި ޖުލައި މަހު، ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 93 މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި، އޭގެ ތެރޭގައި ކުޑަކުދިންނަށް ކުރާ ޖިންސީ ހާނީއްކައިގެ 36 މައްސަލަ ހިމެނޭ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.
ޖެންޑާއިން މިއަދު ވަނީ ޖުލައި މަހު އެ މިނިސްޓްރީއަށް ހުށަހަޅާފައިވާ މައްސަލަތަކާ ގުޅޭ ތަފާސްހިސާބުތައް އާންމުކޮށްފައެވެ. އެގޮތުން ޖުލައި މަހު ޖެންޑާއަށް ޖުމަލް 170 މައްސަލަ ރިޕޯޓުކޮށް، އެޓެންޑްކޮށްފައި ވާނެ ކަމަށް ޖެންޑާއިން ބުންޏެވެ.
އޭގެ ތެރޭގައި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 93 މައްސަލަ ހިމެނެއެވެ. ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިންސީ ހާނިއްކައިގެ މައްސަލަތަކެވެ. އެ ގޮތުން އެ ބާވަތުގެ 36 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް ޖެންޑާއިން ބުންޏެވެ.
އޭގެ އިތުރުން ޖިސްމާނީ ހާނިއްކައިގެ 20 މައްސަލައަކާއި އިހުމާލުވުމުގެ 20 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ ހަތް މައްސަލަ، ނަފްސާނީ ހާނިއްކައިގެ ހަތަރު މައްސަލަ، ނަހަމަގޮތުގައި ބޭނުންކުރުމުގެ ދެ މައްސަލަ، އެހެން ކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ ދެ މައްސަލަ އަދި އެހެންކުދިންގެ ފަރާތުން ގަނާލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ މައްސަލައެއް ވެސް މިދިޔަ މަހު ވަނީ ރިޕޯޓުކޮށްފައެވެ.
ޖެންޑާއިން ބުނީ ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 29 މައްސަލަ ޖުލައި މަހު ހުށަހަޅަފައިވާ ކަމަށެވެ. އެފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުން ކުރެވޭ އަނިޔާގެ މައްސަލައެވެ. އެބާވަތުގެ 12 މައްސަލަ ޖުލައި މަހު ވަނީ ރިޕޯޓުކޮށްފައެވެ.
އޭގެ އިތުރުން ޖިސްމާނީ އަނިޔާކުރުމުގެ 11 މައްސަލަ، ޖިންސީ ހާނިއްކަކުރުމުގެ ތިން މައްސަލަ، މުދާ ހިފެހެއްޓުމާއި މުދަލަށް ގެއްލުންދިނުމުގެ އެއް މައްސަލަ، ބާރާއި ނުފޫޒު ފޯރުވުމުގެ އެއް މައްސަލަ އަދި ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމާ ގުޅޭ މައްސަލައެއް ވެސް ހިމެނެއެވެ.
އާއިލީ މައްސަލަތަކަށް ބަލާއިރު، ޖުލައި މަހު އެފަދަ 19 މައްސަލައެއް ޖެންޑާއަށް ރިޕޯޓުކޮށްފައިވެއެވެ.
އޭގެ ތެރޭގައި ކުދިން ބެލުމުގައި ޖެހޭ ހަތް މައްސަލަ، ދަރިންނަށް ހަރަދު ދިނުމުގައި ދިމާވާ ހަ މައްސަލަ އަދި ޙަޟާނާތު ނުވަތަ ކުދިންނާ ބައްދަލުނުކުރެވޭ ފަސް މައްސަލަ ހިމެނެއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 11 މައްސަލަ ޖުލައި މަހު މިނިސްޓްރީއަށް ހުށަހަޅައިފައިވެއެވެ.
އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ އަށް މައްސަލައާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ ތިން މައްސަލައެވެ.
ޖެންޑާއިން ބުނީ އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ 10 މައްސަލަ ޖުލައި މަހު ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާ ކަމަށެވެ.
އަދި އެކި ބާވަތުގެ ކުށްކުރާ ކުޑަކުދިންގެ ތިން މައްސަލައެއް ވެސް ހުށަހަޅާފައިވެއެވެ. އެފަދަ މައްސަލަތަކުގެ ތެރޭގައި މާރާމާރީ ހިންގުމުގެ މައްސަލައެއް ހިމެނެއެވެ.
ހަމައެއާއެކު ކުޑަކުދިންގެ އަހުލާގާ ގުޅުން ހުރި ތިން މައްސަލަ އެއް ހުށަހަޅާފައި ވާއިރު، އެފަދަ މައްސަލަތަކުގެ ތެރޭގައި ގެއިން ނުކުމެގެން ދިޔުމުގެ ދެ މައްސަލަ ހިމެނެއެވެ.
ހައްގުތަކުން ކުޑަކުދިން މަހްރޫމުކުރުމުގެ ދެ މައްސަލަ ޖުލައި މަހު ރިޕޯޓުކުރި އިރު އޭގެ ތެރޭގައި އުފަންވުން ރަޖިސްޓްރީ ނުކުރުމާ ބެހޭ މައްސަލައަކާއި ތައުލީމަށް ހުރަސްއެޅުމުގެ މައްސަލައެއް ހިމެނެއެވެ.