ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލް" ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އުފައްދަވައި، އެކައުންސިލް އެމަނިކުފާނު މިއަދު އިފްތިތާހުކޮށްދެއްވައިފި އެވެ.

މިކައުންސިލް އެކުލަވާލައްވާފައި ވަނީ މިދިޔަ ޑިސެންބަރު 31ގައި ރައީސް ތަސްދީގު ކުރެއްވި މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 21 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

މި ކައުންސިލަކީ، ރާއްޖޭގައި މަސްތުވާތަކެތި ޓްރެފިކް ކުރުން ހުއްޓުވުމާއި މަސްތުވާތަކެތީގެ ބޭނުންކުރުން ހުއްޓުވުމާއި މަސްތުވާތަކެތި ބޭނުން ކުރާ މީހުންނަށް ފަރުވާދިނުމާ ގުޅޭ ސިޔާސަތުތަކާ ބެހޭ ގޮތުން ރައީސްއަށް ލަފާދޭ ފަރާތެވެ.

ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލްގައި ހިމެނިވަޑައިގަންނަ ވަނީ، ރައީސްގެ ނައިބާއި މިނިސްޓާ އޮފް ހޯމްއެފެއާޒާއި މިނިސްޓާ އޮފް އެޑިޔުކޭޝަނާއި މިނިސްޓާ އޮފް ހެލްތް އެންޑް ފެމިލީއާއި މިނިސްޓާ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސްއާއި، މިނިސްޓާ އޮފް އިސްލާމިކް އެފެއާޒާއި، އެޓާނީ ޖެނެރަލާއި، ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އާއި، ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނާއި، ޗީފް އޮފް ޑިފެންސް ފޯސްއާއި، ކޮމިޝަނާ އޮފް ޕޮލިސް އާއި، ޕްރޮސެކިއުޓާ ޖެނެރަލެވެ. މި ކައުންސިލުގެ ރައީސަކީ، ރައީސްގެ ނައިބެވެ.

ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލް އުފެއްދެވުމާ ގުޅިގެން މިހާރު ހިނގަމުންދާ ނާކޮޓިކްސް ކޮންޓްރޯލް ކައުންސިލް ރައީސް ވަނީ އުވާލައްވާފަ އެވެ.