23 Aug 2020, 14:10
ޗާންދަނީ މަގުގައި ހުންނަ ޔޫރޯ ސްޓޯރުގެ މައި އޮފީހުގެ ދެ ތިޖޫރީ ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފި އެވެ.
ޔޫރޯ ސްޓޯރުގެ އިސް ބޭފުޅަކު "ސަން" އަށް ވިދާޅުވީ އެ އޮފީހުން ވައްކަންކޮށްފައިވަނީ ދޮރެއް ހަލާކުކޮށްލައިގެން ކަމަށެވެ.
"ކެމެރާތަކުގައިވެސް ޓޭޕް އަޅާފައި ހުރީ. ރޭ ދަންވަރުގެ ފަހުން ވައްކަންކޮށްފައިވަނީ،" ޔޫރޯ ސްޓޯރުން ވާހަކަ ދެއްކި ބޭފުޅާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ތިޖޫރީގައި އެ ކުންފުނީގެ އެކި އައުޓްލެޓްތަކުން ލިބިފައިވާ ފައިސާ ހުންނާނެ ކަމަށެވެ. ނަމަވެސް ފައިސާގެ ސީދާ އަދަދެއް ވިދާޅެއް ނުވެ އެވެ.
ޔޫރޯ މާކެޓިންގެ ދަށުން ހިންގަމުންދާ ޔޫރޫ ސްޓޯރުގެ ފިހާރަތައް މާލެ އާއި ހުޅުމާލެ އަދި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގައިވެސް ހިންގަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޔޫރޯ ސްޓޯރުން ވައްކަން ކުރި މައްސަލަ މިއަދު ހެނދުނު ހުށަހަޅާފައިވާ ކަމަށެވެ.
އެތަނުން ވަގަށް ނަގާފައިވަނީ ކިހާ ފައިސާއެއްކަމެއް ފުލުހުން ވެސް ހާމައެއް ނުކުރެ އެވެ. އަދި އެ މައްސަލައިގައި އަދި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
އެ މައްސަލަ އިތުރަށް ތަހުގީގްކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.