23 Aug 2020, 13:06
މާލޭ ސަރަހައްދުން ކޮވިޑް19 އަށް ހާއްސަކޮށްފައިވާ ހޮސްޕިޓަލު އެނދުތަކުގެ 62 ޕަސެންޓު ފުރިފައިވާ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެ އެވެ.
މިހާތަނަށް ރާއްޖެއިން ކޮވިޑް19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 6660 އަށް ވަނީ އަރާފަ އެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން 4113 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.
އެޗްއީއޯސީން އެންމެ ފަހުން ހާމަކޮށްފައިވާ ގޮތުން، މިވަގުތު 169 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދެމުންނެވެ. ހުޅުމާލޭ މެޑިކަލް ފެސިލިޓީ އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ ކޮވިޑް ފެސިލިޓީ ހިމަނައިގެން އެޑްމިޓް ކުރެވެނީ 200 މީހުންނެވެ.
ޑރ. ނަޒްލާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލޭގައި ހުރި ކޮވިޑް ހޮސްޕިޓަލް އެނދުގެ ތެރެއިން 62 ޕަސެންޓް އެނދު މިހާރު ފުރިފައިވާ ކަމަށެވެ.
މެއި މަހުގެ ފަހުކޮޅުން ފެށިގެން، ޖުލައި މަހުގެ ނިޔަލަށް، އެނދުތަކުގެ އޮކިއުޕެންސީ ހުރީ 30 ޕަސެންޓަށް ވުރެ ދަށުގައެވެ. ނަމަވެސް އޯގަސްޓް މަސް ފެށުމާއެކު ހޮސްޕިޓަލުގައި އެޑްމިޓްކުރަންޖެހޭ މިންވަރު ވަނީ ވަރަށް ބޮޑުތަން އިތުރުވެފަ އެވެ.
އަދި އެއާއެކު މިހާރު ހޮސްޕިޓަލުގައި ހުރި އެނދުތައް މަދުވެ، އެލާޓް ލެވެލް ވަނީ ދޭކަށް އަރައިފަ އެވެ.
އެހެންކަމުން ބަލި ފެތުރުމުން ކޮންޓްރޯލް ކުރުމަށް ކަމާބެހޭ ފަރާތްތަކުން އަޅަމުން އަންނަ ފިޔަވަޅުތަކަށް ބޯލަނބައި، މިކަމުގައި ރައްޔިތުންގެ އެއްބާރުލުން ފުރިހަމައަށް ދިނުމަށް ޑރ. ނަޒްލާ ވަނީ އެދިވަޑައިގެންފަ އެވެ.
ފަހަކަށް އައިސް، އުމުރުން ދުވަސްވީ މީހުންނަށް ބަލި ޖެހޭ މިންވަރު ކުރިއަށް ވުރެ އިތުރުވެފައި ވާތީ، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ މީހުންގެ އަދަދު ވެސް އަންނަނީ އިތުރުވަމުންނެވެ.
އަދި މިގޮތަށް ނަންބަރުތައް މައްޗަށް ދާނަމަ، އެނދުމަތިކުރާނެ ތަނެއް ނެތް ހާލަތަށް ހިނގައިދާނެ ކަމުގެ އިންޒާރު އެޗްއީއޯސީން މީގެކުރިން ވެސް ވަނީ ދީފަ އެވެ.
ރާއްޖޭގައި ކޮވިޑް19 ފެތުރުން ކޮންޓްރޯލް ނުކުރެވި، ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނާތީ، މިހާރު ވަނީ ފިޔަވަޅުތައް ވެސް ވަރުގަދަކޮށްފަ އެވެ.
އެގޮތުން އޯގަސްޓް ފުރަތަމަ ދުވަހުން ފެށިގެން މަގުމައްޗަށް ނުކުންނަ އިރު މާސްކް އެޅުން މަޖުބޫރުކޮށް، ރޭގަނޑު 10 ން ފެށިގެން ފަތިހު 5:00 އާ ހަމައަށް ކާފިއު ވެސް އަންނަނީ ހިންގަމުންނެވެ.
ރޭގަނޑު 8:00 އިން ފެށިގެން ފަތިހު 5:00އާ ހަމައަށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން ވެސް ވަނީ މަނާކޮށްފަ އެވެ.