23 Aug 2020, 13:04
އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާލެ ސިޓީ ކައުންސިލަށް ހޯދި ވެހިކަލްތައް ސިޓީ ކައުންސިލާ ހަވާލުކޮށްފި އެވެ.
ވެހިކަލްތައް ހަވާލުކޮށް ނިންމުމުގެ ގޮތުން މިއަދު ވާޗުއަލް ރަސްމިއްޔާތެއް ބާއްވާފައިވާއިރު މި ރަސްމިއްޔާރުގައި ފޮރިން އަބްދުﷲ ޝާހިދާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު، މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދުގެ އިތުރުން ފޮރިން މިނިސްޓްރީ، އިންޑިއާ ހައިކޮމިޝަން އަދި ސިޓީ ކައުންސިލްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.
މާލެ ސިޓީގައި ދިރިއުޅޭ ރައްޔިތުންނަށް ސިޓީ ކައުންސިލުން ދެމެދުންދާ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ބޭނުންވާ ބައެއް ވެހިކަލްތަކާއި މެޝިނަރީ ހޯދާފައިވަނީ އިންޑިއާ ސަރުކާރުން ފޯރުކޮށްދިން އަށް މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުންނެވެ. މިއަހަރުގެ ފެބްރުއަރީ މަހު މީގެ ތެރެއިން ބައެއް ވެހިކަލްތައް ހަވާލުކޮށްފައިވާއިރު، މި ޕްރޮޖެކްޓްގެ ދަށުން ޖުމްލަ 16 ވެހިކަލެއް ސިޓީ ކައުންސިލަށް ވަނީ ހޯދާފަ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހާއެކު މާލޭ ސިޓީ ކައުންސިލަކީ ވަރަށް ގިނަ ޒިންމާތަކެއް މަތިވެފައިވާ ތަނެއްކަމަށާއި، މާލެ ސިޓީގެ ރައްޔިތުންނަށް ދުވަހުން ދުވަހަށް ކައުންސިލުން ދެމުންދާ ހިދުމަތްތައް ދިނުމުގައި މި ވެހިކަލްތަކުގެ ސަބަބުން ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ.
މޭޔަރު ސިފާ ވަނީ ސިޓީ ކައުންސިލުގެ އެކި މަސައްކަތްތަކަށް އިންޑިއާ ސަރުކާރުން ދެއްވާފައިވާ މާލީ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފަ އެވެ.
މާލެ ސިޓީ ކައުންސިލަށް ވެހިކަލް ހޯދުމުގެ ޕްރޮޖެކްޓަށް ފަންޑުކޮށްފައިވަނީ 2019 ވަނަ އަހަރު މާޗް މަހު އިންޑިއާއިން އިއުލާންކުރި 106 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުންނެވެ.
މި އެހީގެ ދަށުން ހިންގާ އެކި މަޝްރޫއުތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށްދާއިރު، މަޝްރޫއުތައް މެނޭޖްކުރަމުންދާ މަޝްރޫއާ ގުޅުން ހުރި ސަރުކާރުގެ އިދާރާތަކާ ރަށްރަށުގެ ނުވަތަ ސިޓީތަކުގެ ކައުންސިލްތަކުންނެވެ.