23 Aug 2020, 12:01
އުރީދޫ މޯލްޑިވްސްގެ 15 ވަނަ އަހަރީ ދުވަހާ ގުޅިގެން ދިވެހި ރާއްޖޭގެ ދުވުންތެރިންނަަށް އަމާޒުކޮށްގެން "އަތޮޅު ރަން"ގެ ނަމުގައި ބާއްވަން ހަމަޖެހިފައިވާ ދުވުމަށް ރަޖިސްޓްރީވާން މިދިޔަ ބުރާސްފަތި ދުވަހު ހުޅުވާލި އިރު މިއަދާ ހަމައަށް 3000 އަށް ވުރެން ގިނަ މީހުން ރަޖިސްޓްރީ ކޮށްފި އެވެ.
އުރީދޫގެ 15 ވަނަ އަހަރީ ދުވަހާ ގުޅިގެން މުޅި ރާއްޖޭގައި ވެސް ފުރަތަމަ ފަހަރަށް ބާއްވާ މި ވާޗުއަލް ދުވުމުގެ ހަރަކާތް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.
ދެ ކެޓަގަރީއަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ދުވުމުގެ ފަސް ކިލޯ މީޓަރު ދުވުމުގައި ބައިވެރިވާން ބޭނުންވާ އެންމެންނަށް ވެސް ބައިވެރިވެވޭނެ އެވެ. ފަސް ކިލޯމީޓަރު ދުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާރްތަކަށް މިދިޔަ ބުރާސްފަތި ދުވަހު އެފުރުސަތު އުރީދުން ވަނީ ހުޅުވާލައިފަ އެވެ. އަދި މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު އުރީދުން ވަނީ ހުޅުވާލައިފަ އެވެ.
މި ހަރަކާތުގެ 15 ކިލޯ މިޓަރު ރިލޭގައި ބައިވެރިވާނީ އުރީދޫއިން ކޮންމެ އަތޮޅަކުން ވެސް ކަނޑައަޅާ އެ އަތޮޅަކަށް ނިސްބަތްވާ 20 ދުވުންތެރިއެކެވެ.
މި މަހުގެ 28ގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އެ ދުވުން ކުރިއަށް ގެންދަން ރާވާފައިވާއިރު، ފަސް ކިލޯމީޓަރު ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު އުރީދޫގެ އަތޮޅު ދުވުން ޕޯޓަލް މެދުވެރިކޮށް ބައިވެރިވެވޭނެ އެވެ. އަދި ކޮންމެ ރަށެއްގައި ވެސް ދުވަން ބޭނުންވާ ރާސްތާއެއް ކަނޑައަޅާ އަންގަން ޖެހޭނެ އެވެ.
އުރީދޫން މި ދުވުމަށް ކަނޑައަޅާފައިވާ ހާއްސަ އެޕްލިކޭޝަންތައް މެދުވެރިކޮށް ފަސް ކިލޯމީޓަރު ދުވުމުގެ ސްކްރީންޝޮޓެއް ޕޯޓަލްއަށް ފޮނުވާލުމުން ދުވުން ފުރިހަމަ ކުރާ ހުރިހާ ދުވުންތެރިންނަށް ހަނދާނީ ލިއުމާއި މެޑަލް ދޭނެ އެވެ.
މި ދުވުމުގެ ޑިރެކްޓަރެެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ އައި-ރަނާސްގެ ފައުންޑާ އަދި ހެޑް ކޯޗު، ހުސެއިން ޝުޖާއު (ކޯޗު ޝުޖާ) އެވެ.
ޝުޖާ ބުނީ ރާއްޖޭގައި މުޅިން އަލަށް ބާއްވާ ވާޗުއަލް މި ދުވުމުގެ "ރަން ޑިރެކްޓަރ" ގެ މަގާމު ލިބުމަކީ ފަޙުރުވެރިވާ ކަމެއް ކަމަށާއި، 200 އެއް ވުރެން ގިނަ ރަށުގައި މި ދުވުމަށް ރެޖިސްޓްރީވާން ހުޅުވާލި އިރު ދުނިޔޭގެ އެހެން ކަންކޮޅުތަކުން ވެސް ބައިވެރިވަމުންދާ ކަމަށެވެ.
ފުރުސަތު ހުޅުވާލިތާ އެންމެ 24 ގަޑިއިރުގެ ތެރޭގައި، 2000 އެއް ވުރެން ގިނަ މީހުން ދުވުމުގައި ރަޖިސްޓްރީވެފައިވާ ކަން ޝުޖާ ވަނީ ފާހަގަ ކޮށްފަ އެވެ.