11 Jan 2012, 14:56
ބައިނަލްއަގުވާމީ އެވޯޑެއް ކަމަށްވާ "ހޮލިޑޭ ޗެކް އެވާޑް 2012" ރާއްޖޭގެ މީރު އައިލެންޑް ރިސޯޓް އެންޑް ސުޕާ އާއި ވެލިގަނޑު އައިލެންޑް ރިސޯޓް އެންޑް ސްޕާ އަށް ލިބިއްޖެ އެވެ.
ޓޫރިސްޓުންގެ ހިޔާލުގެ މައްޗަށް ބިނާކޮށް ހޮލިޑޭ ޗެކް އިން ދީފައިވާ މި އެވޯޑުގައި މީރު އައިލެންޑް ރިސޯޓް އެންޑް ސުޕާ އަށް ލިބިފައި ވަނީ "ބީޗް ހޮލިޑޭ ހޮޓެލް"ގެ އެވޯޑެވެ. އަދި ވެލިގަނޑު އައިލެންޑް ރިސޯޓަށް ލިބިފައި ވަނީ "ކަންޓްރީސް ނަމްބަރު ވަން ހޮޓެލް"ގެ އެވޯޑެވެ.
މިދިޔަ އަހަރު ބޭއްވި އެ މުބާރާތުގައި އެކި ގައުމުތަކުން ފަސް ލައްކައަށް ވުރެ ގިނަ ޓޫރިސްޓުން ވޯޓުދިން ކަމަށް ހޮލިޑޭ ޗެކް އިން ބުނެ އެވެ. އަދި "ހޮލިޑޭ ޗެކް ޓޮޕް ހޮޓެލް" އެވޯޑް ހަވާލުކުރުން އޮންނާނީ މިއަހަރުގެ މާޗް މަހުގައި ބާލިންގައި ބާއްވަން ހަމަޖެހިފައިވާ "އައިޓީބީ ފެއާ"ގައި ކަމަށް ވެސް ހޮލިޑޭ ޗެކް އިން ބުނެ އެވެ.
ހޮލިޑޭ ޗެކްގެ ދެ އެވޯޑާ އެކު މީރު އައިލެންޑް ރިސޯޓް އާއި ވެލިގަނޑު އައިލެންޑް ރިސޯޓު ވަނީ ދުނިޔޭގެ އެންމެ މަގުބޫލު 99 ޓޫރިސްޓު ހޮޓަލުގެ ތެރޭގައި ހިމެނިފަ އެވެ.