23 Aug 2020, 11:03
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތަކާ ހިލާފަށް މާލެ ސަރަހައްދުގައި ހިދުމަތްތައް ދެމުން އަންނަ ފަރާތްތައް ޖޫރިމަނާކޮށް ކުރިއަށްވުރެ ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ނިންމައިފި އެވެ.
މާލޭ ސަރަހައްދުގައި ކޮވިޑް-19 ފެތުރުމާ ގުޅިގެން އެޗްޕީއޭއިން އެކުލަވާލާފައިވާ ގައިޑްލައިނާ އެއްގޮތަށް މަސައްކަތް ކުރޭތޯ ބެލުމަށް މާލޭ ސަރަހައްދުގައި އަނެއްކާ އަންގާރަ ދުވަހު ބޮޑު އިންސްޕެކްޝަނެއް ފެށުމަށް ވަނީ އެޗްޕީއޭއިން ނިންމާފަ އެވެ.
އެހެންކަމުން އެ އުސޫލުތަކާ އެއްގޮތަށް އަމަލު ކުރޭތޯ ބެލުމަށްޓަކައި އަންގާރަ ދުވަހު ގްރޭޓާ މާލެ ސަރަހައްދުގައި ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދާނެކަން އެޗްޕީއޭއިން ވަނީ ހާމަކޮށްފަ އެވެ. އެ އޮޕަރޭޝަން ކުރިއަށް ގެންދާނީ އެޗްޕީއޭ އާއި ސަރުކާރުގެ އެހެން އިދާރާތައް ގުޅިގެންނެވެ.
އެޗްޕީއޭއިން މީގެކުރީންވެސް ވަނީ އެފަދަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފަ އެވެ. އެ އޮޕަރޭޝަންގައި އުސޫލުތަކާ ހިލާފުވާ ފަރާތްތައް ވަގުތުން ބަންދުކުރުމަށް އަންގާފައިވެ އެވެ. އެހެންނަމަވެސް އެ ކަންތައްތައް އިސްލާހު ކުރުމަށްފަހު އެ ތަންތައް އަލުން ހުޅުވެ އެވެ.
އެޗްޕީއޭއިން ވަނީ އުސޫލާ ހިލާފުވާ ފަރާތްތަކާ މެދު ދެން ފިޔަވަޅު އަޅާނެގޮތްތައް ވެސް ހާމަކޮށްފަ އެވެ. އެގޮތުން އުސޫލާ ހިލާފަށް ހިދުމަތް ދޭ ކަން އެނގިއްޖެ ނަމަ ފުރަތަމަ ފަހަރު އެ ތަނެއް 48 ގަޑިއިރަށް ބަންދު ކުރާނެ އެވެ.
ދެވަނަ ފަހަރަށް އެފަަދަ ކަމެއް ހިނގައިފި ނަމަ އެތަން ބަންދުކުރުމަށްފަހު 1،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ އެވެ. އެތަނެއް ބަންދު ކުރާނީ ތިން ދުވަހުގެ މުއްދަތަށެވެ.
ތަކުރާރުކޮށް އުސޫލާ ހިލާފަށް ހިދުމަތް ދޭކަން އެނގިއްޖެނަމަ އެތަން ފަސް ދުވަހަށް ބަންދުކޮށް 1،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށް އެޗްޕީއޭއިން ބުނެފައިވެ އެވެ.
ލޮކްޑައުންއަށް ލުއިދިން ފަހުން އެޗްޕީއޭއިން ހިންގި މާސް ފުރަތަމަ އިންސްޕެކްޝަނުގައި މާލޭ ސަރަހައްދުން ޖުމުލަ 258 ތަނެއް ބަންދުކޮށްފައިވެ އެވެ.
އެޗްޕީއޭއިން ބުނެފައި ވަނީ ކޮވިޑް-19އާ ގުޅިގެން އާންމު ހިދުމަތް ދޭ ތަންތަނުގައި ރައްކާތެރިކަމާއެކު ހިދުމަތް ދިނުމުގެ އިންތިޒާމު ހަމަޖެއްސުމަކީ ބަލި ފެތުރުން މަދުކުރުމަށް ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އެހެންކަމުން ހިދުމަތްތައް ފޯރުކޮށްދޭން ޖެހޭނީ ކޮވިޑް-19 އާ ގުޅިގެން އާންމުކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް އެޗްޕީއޭއިން ބުނެފައިވެ އެވެ.