އިންޑިއާ އަށް ވައިގެ މަގުން ދަތުރުކުރާ މީހުންނާއި އެ ގައުމުގެ ތެރޭ ވައިގެ މަގުން ދަތުރު ކުރާ މީހުންގެ އަތުން ނަގާ އޭވިއޭޝަން ސެކިޔުރިޓީ ފީ ބޮޑުކުރުމަށް އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓްރީ އިން ނިންމައިފި އެވެ.

އެ މިނިސްޓްރީ އިން ނިންމާފައިވަނީ އަންނަ މަހުގެ އެކަކުން ފެށިގެން މި ފީ ބޮޑުކުރުމަށެވެ. އޭވިއޭޝަން ސެކިޔުރިޓީ ފީ ހިމަނާފައި އޮންނަނީ ޓިކެޓު އަގުގެ ތެރޭގަ އެވެ. އެ ފައިސާ ސަރުކާރަށް ދައްކާނީ އެއާލައިނުންނެވެ. މި ފައިސާ ބޭނުންކުރާނީ އިންޑިއާގެ އެކި އެއާޕޯޓުތަކުގެ ސެކިޔުރިޓީގެ ކަންތައް ހަރުދަނާ ކުރުމަށް ހަރަދު ކުރުމަށެވެ.

އެތެރޭގެ އުދުހުންތަކުގައި މީގެ ކުރިން އޭވިއޭޝަން ސެކިޔުރިޓީ ފީގެ ގޮތުގައި 150 ރުޕީސް (ދެ ޑޮލަރު) ނަގަމުން ދިޔަ ނަމަވެސް އަންނަ މަހުގެ އެކަކުން ފެސިގެން 160 ރުޕީސް (2.14 ޑޮލަރު ނަގަން ވަނީ ނިންމައިފަ އެވެ. އަދި އިންޓަނޭޝަނަލް ފަސިންޖަރުންގެ އަތުން ނަގަމުންދިޔަ 4.85 ޑޮލަރު (363 ރުޕީސް) ގެ ބަދަލުގައި ދެން ނަގާނީ 5.20 ޑޮލަރު (389 ރުޕީސް) އެވެ.

މީގެ ކުރިން 2019 ވަނަ އަހަރު ވެސް އިންޑިއާ އިން ވަނީ އޭވިއޭޝަން ސެކިޔުރިޓީ ފީ ނަގާ މިންވަރު ބޮޑު ކޮށްފަ އެވެ.

ކޮވިޑް19 އާއެކު ވައިގެ ދަތުރު ފަތުރުގެ ސިނާއަތަށް ބޮޑު ގެއްލުމެއް ވަނީ ކުރިމަތިވެފަ އެވެ. ކޮވިޑާ ގުޅިގެން މާޗު މަސް ތެރޭ އިންޑިއާގެ ބޯޑަރު ބަންދުކޮށްފައިވާއިރު އެ ގައުމުން ވަނީ ބައެއް ގައުމުތަކާއެކު އެއާ ބަބްލް ގާއިމްކޮށް ދަތުރުތައް ފަށައިފަ އެވެ.