23 Aug 2020, 11:06
ބާލިން (އޮގަސްޓު 23): ކޯމާއެއްގައި އޮތް ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީއަށް ޖަރުމަނުގެ ހޮސްޕިޓަލެއްގައި ފަރުވާ ދޭން ފަށައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ރަޝިއާގެ ސައިބީރިއާއިން މޮސްކޯއަށް ދިޔަ ފްލައިޓެއްގައި އިންނަވަނިވަނިކޮށް ނަވަލްނީ ކުއްލިއަކަށް ހޭނެތުމާ ގުޅިގެން އޭނާއަށް ފުރަތަމަ ފަރުވާ ދިނީ ސައިބީރިއާގެ އޮމްސްކްގެ ހޮސްޕިޓަލެއްގަ އެވެ.
ނަމަވެސް ނަވަލްނީގެ އާއިލާގެ އެދުމުގެ މަތިން އިއްޔެ އޭނާ ވަނީ ޖަރުމަނަށް ގެންގޮސްފަ އެވެ. އަދި އެގައުމަށް އޭނާ ގެންދިޔުމަށް ހަރަދު ކުރީ ޖަރުމަނުގެ އެހީ ފޯރުކޮށްދޭ ފައުންޑޭޝަނެއް ކަމަށްވާ ސިނެމާ ފޯ ޕީސްއިންނެވެ.
ނަވަލްނީއަށް މިހާރު ފަރުވާ ދެމުންދާ ބާލިންގެ ހޮސްޕިޓަލުން ބުނީ އޭނާގެ ހާލަތާ ބެހޭ ގޮތުން އެއްޗެކޭ ބުނެވޭނީ މާދަމާ ކަމަށެވެ.
ސައިބީރިއާ އިން ނަަވަލްނީއަށް ފަރުވާ ދިން ޑޮކްޓަރުން ވިދާޅުވި ގޮތުގައި އޭނާ ހޭނެތުނީ އޭނާގެ ލޭގައި ހަކުރު ހުރި މިންވަރު ދަށްވުމުންނެވެ. އަދި އޭނާ ގޮވައިގެން ދަތުރު ކުރުން ރައްކާތެރި ނޫން ކަމަށް ފުރަތަމަ ބުނި ނަމަވެސް އިއްޔެ އެ ހޮސްޕިޓަލުގެ ޑެޕިއުޓީ ޗީފް ޑޮކްޓަރު އަނަތޮލީ ކަލަނިޗެންކޯ ވިދާޅުވީ ނަވަލްނީ މިހާރު ސްޓޭބަލް ވެފައިވާ ކަމަށާއި އޭނާ އެހެން ހޮސްޕިޓަލަކަށް ގެންދަން ދެކޮޅު ނަހަދާނެ ކަމަށެވެ.
ނަވަލްނީއަށް ތާއިދު ކުރާ މީހުން ތުހުމަތުކުރަނީ އޭނާއަށް ޒަހަރު ދީފައިވާ ކަމަށެވެ. އަދި އޭނާ ބޭރަށް ގެންދިޔުން ޑޮކްޓަރުން ލަސް ކުރީ އޭނާގެ ހަށިގަނޑުން ޒަހަރުގެ އަސަރު ފިލައިދަންދެން ކަމަށް އެމީހުން ތުހުމަތު ކުރެއެވެ. ނަމަވެސް އެ ހޮސްޕިޓަލުން ވަނީ އެވާހަކަތައް ދޮގުކޮށްފަ އެވެ.
ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންއަށް ފާޑު ކިޔާ އަދި އެގައުމުގެ އިސް އޮފިޝަލުންގެ ކޮރަޕްޝަނުގެ މައްސަލަތައް ފަޅާ އެރުވުމަށް މަސައްކަތް ކުރައްވާ ނަވަލްނީއަށް މީގެ ކުރިން ވެސް ޒަހަރު ދިން ކަމަށް ތުހުމަތުކޮށްފައިވެ އެވެ.
އެގޮތުން މިދިޔަ އަހަރު ގަވާއިދާ ހިލާފަށް މުޒާހަރާ ކުރަން ގޮވާލި މައްސަލައެއްގައި ނަވަލްނީ 30 ދުވަހަށް ޖަލަށް ލާފައި ވަނިކޮށް އޭނާ ހޮސްޕިޓަލަށް ގެންދަން ޖެހުނެވެ. އޭރު ޑޮކްޓަރުން ވަނީ އޭނާ ކޮންމެވެސް އެއްޗަކަށް އެލާޖިކްވީ ކަމަށް ބުނެ، އެއް ދުވަސް ފަހުން އޭނާ އަނބުރާ ޖަލަށް ފޮނުވާލާފަ އެވެ.
ނަމަވެސް ނަވަލްނީގެ ޓީމުން އޭރުވެސް ބުނަމުން ދިޔައީ އޭނާއަށް ޒަހަރު ދިން ކަމަށެވެ.
މީގެ އިތުރުން 2017 ވަަނަ އަހަރު ނަވަލްނީގެ އޮފީސް ކައިރީގައި ބަޔަކު އޭނާގެ މޫނަށް އެންޓިސެޕްޓިކް ކުލަ ޖެހުމާ ގުޅިގެން އޭނާގެ ކަނާތު ލޮލަށް ގެއްލުން ލިބުނެވެ.
ދެހާސް އަށާރަ ވަނަ އަހަރު ނަވަލްނީ ރަޝިއާގެ ރިޔާސީ އިންތިހާބުގައި ޕޫޓިންއާ ވާދަ ކުރައްވަން މަސައްކަތް ކުރެއްވި ނަމަވެސް، 2013 ވަނަ އަހަރު އޭނާގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާއެއް ސާބިތުވެފައި ވުމުން، އޭނާ އެ އިންތިހާބުގައި ވާދަ ކުރުން އިލެކްޓޯރަލް ކޮމިޝަނުން މަނާ ކުރި އެވެ. ނަވަލްނީ ވިދާޅުވި ގޮތުގައި އެއީ އޭނާގެ މައްޗަށް ކުރި ސިޔާސީ ދައުވާއެކެވެ. އަދި އެ މައްސަލާގައި އޭނާގެ މައްޗަށް ޖަލު ހުކުމެއް ކުރި ނަމަވެސް އެ ހުކުމް ވަނީ ސަަސްޕެންޑުކޮށްފަ އެވެ.