23 Aug 2020, 11:24
ވޮޝިންޓަން (އޮގަސްޓް 23)-- ޕާޓީއަށްވުރެ ގައުމު މާ މުހިއްމު ކަމަށް ވިދާޅުވެ އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ އިސް ބޭފުޅުންތަކެއް އިދިކޮޅު ޕާޓީކަމަށްވާ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓު ޖޯ ބައިޑެން އަށް ތާއީދު ކުރައްވައި ޓްރަމްޕާ ދެކޮޅަށް ނުކުންނަވަން ނިންމަވައިފި އެވެ.
"ވީއާ ދަ ޕީޕަލް ހޫ ޕުޓް ދަ ނޭޝަން އަބޮވް ދަ ޕާޓީ"
"ވީއާ ދަ ޕީޕަލް ހޫ ޕުޓް ދަ ނޭޝަން އަބޮވް ދަ ޕާޓީ" މި ޝިއާރުގެ ދަށުުން ރިޕަބްލިކަން ޕާޓީގެ އެކި ދައުރުގައި ކޮންގްރެސްގެ މެންބަރުކަމާ އަދި އެމެރިކާ ސަރުކާރުތަކުގެ ވަޒީރުކަމާއި ސިފައިންގެ ކޮމާންޑަރުކަމާއި މުސްތަޝާރުންފަދަ އިސް މަގާމުތައް އަދާކުރައްވާފައިވާ އެޕާޓީގެ 70 އަށް ވުރެ ގިނަ ސިނިއާ ބޭފުޅުންވަނީ ކުރިޔަށް އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އެބޭފުޅުންގެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ބަދަލުގައި އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓު ޖޯ ބައިޑެން އަށް ތާއީދު ކުރަން ނިންމެވިކަން އިއްޔެ އިޢުލާން ކުރައްވާފައެވެ.
ޓްރަމްޕް ވެރިކަމަށް ކުފޫހަމަނުވުން
އަމިއްލަ ޕާޓީއަށްވުރެ ގައުމާއި ގައުމުގެ މަސްލަހަތު އިސްކުރަންޖެހޭ ކަމަށް ވިދާޅުވެ ޓްރަމްޕްގެ ބަދަލުގައި ބައިޑެން އަށް ތާއީދުކުރަން ނިންމެވީ މައިގަނޑު 10 ސަބަބަކާ ގުޅިގެންކަމަށާ އެ 10 ސަބަބު ގުޅިފައިވަނީ ޓްރަމްޕަކީ އެއްވެސް ގޮތަކުން އެމެރިކާގެ ރައީސްކަމަށް ކުފޫ ހަމަވާބޭފުޅެއް ނޫންކަން ސާބިތުވެފައި ވުމުގެ މައްޗަށް ކަމަށް އެބޭފުޅުން ނެރުއްވި ބަޔާނުގައި ފާހަގަ ކުރައްވާފައިވެއެވެ.

ޓްރަމްޕާ ދެކޮޅަށް ނުކުންނެވި އޭނާގެ ޕާޓީގެ އިސް ބައެއް މެންބަރުން (މީގެތެރޭގައި ހިމެނެނީ އެމެރިކާގެ ކުރީގެ އިސް މަސްއޫލުވެރިން) ރޮއިޓާސް
މި 10 ސަބަބުގެ ތެރޭގައި ޓްރަމްޕްގެ ވެރިކަމުގައި ދުނިޔޭގައި އެމެރިކާގެ ބާރުކުޑަވެ އެމެރިކާގެ ލީޑާޝިޕް ގެއްލި ބޮޑު ބާރެއްގެ ހައިޘިއްޔަތުން އެމެރިކާ ބަލިކަށިވެގެން ދިޔުމާއި އެމެރިކާގެ މުޖްތަމައު ބައިބައިވެ ނަސްލީ އިމްތިޔާޒުގެ ރޫހު އިތުރުވެގެން ދިޔުން ހިމެނެއެވެ.
ގަބީލާތަކުގެ ހާލަތަށް އެމެރިކާގެ އެތެރޭގެކަންކަން ވެއްޓިގެން ދިޔުން
މީގެއިތުރުން ޓްރަމްޕްގެ ވެރިކަމުގައި އޭނާ ގެންގުޅުއްވި ޕޮޕިއުލިސްޓް ސިޔާސަތުގެ ސަބަބުން އެމެރިކާގެ އެތެރޭގައި އޮންނަ ޕާޓީގެ ވާދަވެރިކަން ދުވަހަކުވެސް ނުދާވަރަށް މައްޗަށްގޮސް އިންސާނުން ތަހުޒީބު ނުވާދުވަސްވަރު ގެންގުޅުނު ގަބީލާތަކުގެ ވާދަވެރިކަމުގެ ދަރަޖައަށް ޕާޓީތަކުގެ ވާދަވެރިކަން ވެއްޓިގެން ދިޔައީވެސް ޓްރަމްޕްގެ ސަބަބުން ކަމަށް އެބޭފުޅުން ތުހުމަތު ކުރެއްވިއެވެ.
ޓްރަމްޕަށް ތާއީދުކުރާ ޕޮޕިއުލިސްޓް ފިކުރުމުގެ ދޮންމީހުންތައްވަނީ އެމީހުންގެ ފިކުރުގެ ބޭފުޅަކު އެމެރިކާގެ ވެރިކަމަށް އައުމުން ނަސްލީ އިމްތިޔާޒުގެ ގޮތްތައް ފުޅާކޮށް މުހާޖިރުންނަށާއި އެހެންނަސްލުތަކުގެ މީހުންނަށް ޖެއްސުންކޮށް ގައުމުގެ މަސްލަހަތަށްވުރެ އެމީހުންގެ މަސްލަހަތު ކުރިޔަށްނެރެ އެމެރިކާގެ އެތެރެ ޚަރާބު ކުރަން ފަށާފައިވާ ކަމަށާ އެކަމަށް ޓްރަމްޕް ގެ ތާއީދު ލިބޭކަން ޓްރަމްޕާ ދެކޮޅަށް ތެދުވި ބޭފުޅުން ފާހަގަކުރެއްވިއެވެ. މީގެއިތުރުން ޓްރަމްޕްގެ ސަރުކާރުގެ މަތީ ފަޑީގައި އޭނާގެ އާއިލާގެ މެންބަރުންގެ ބާރުގަދަވުމާއި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަންކަން ކުރުމާއި އެމެރިކާގެ މިނިވަން މުއައްސަސާތަކަށް ބާރާއި ނުފޫޒު ފޯރުވައި އެމެރިކާގެ ޑިމޮކްރެޓިކް ނިޒާމު ބަލިކަށިކޮށްލަ ން ޓްރަމްޕް މަސައްކަތް ކުރެއްވުންވެސް އެބޭފުޅުން ފާހަގަ ކުރައްވާފައިވެއެވެ.
ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި ޓްރަމްޕްގެ ސަރުކާރު މުޅިން ފެއިލްވުން
މީގެއިތުރުން ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި ޓްރަމްޕްގެ ސަރުކާރު މުޅިން ފެއިލްވެ ދުނިޔޭގެ ކޮވިޑްގެ މައްސަލާގައި އެންމެ ނިކަމެތި ގައުމުތަކުގެ ދަރަޖައަށް އެމެރިކާ ވެއްޓިގެން ދިޔުން ފާހަގަ ކުރައްވާފައިވެއެވެ. ކޮވިޑް-19 ގެ ސަބަބުން އެމެރިކާގެ އިގްތިސާދު އާދަޔާ ޚިލާފަށް ހީނަރުވެގެން ގޮސްފައިވާ މައްސަލަ ޓްރަމްޕް އަލުން ވެރިކަމަށް ވަޑައިގެންފިނަމަ އިތުރަށް ގޯސްވެ އިސްލާހު ނުކުރެވޭ ހިސާބަށް ދާނެކަމަށް އެބޭފުޅުން ދެކެވަޑައިގަތުން ހިމެނެއެވެ.
މިކަންބޮޑުވުންތަކާ ބެހޭގޮތުން ވާހަކަ ދެއްކެވި ރިޕަބްލިކަން ޕާޓީގެ ކުރީގެ ކޮންގްރެސް މެންބަރެއްކަމަށްވާ ޗާލީ ޑެނެޓް ވިދާޅުވީ ޓްރަމްޕަކީ ކަނާތުފިޔައިގެވެސް އަދި ވާތުފިޔައިގެވެސް ސިޔާސަތެއް ގެންގުޅެން އެނގޭ ބޭފުޅެއް ނޫންކަމަށާ އޭނާއަކީ ހެވާއި ނުބައިވެސް ވަކިކުރަން ދަންނަ ބޭފުޅެއް ނޫންކަމުގައެވެ. ޓްރަމްޕްގެ ވެރިކަމުގައި ބައިނަލްއަގްވާމީ މުޖަތަމައުގައި އެމެރިކާ އެކަހެރިވެ ދުނިޔޭގެ ގައުމުތަކުގެ އިތުރުން އެމެރިކާގެ އެންމެ ގާތް ބައިވެރިންގެ އިޙްތިރާމުވެސް އެމެރިކާއަށް ގެއްލިފައިވާކަން ހިތާމައާއެކު ޗާލީ ފާހަގަ ކުރެއްވިއެވެ.
އެމެރިކާ ދުނިޔޭގައި އިތުބާރުގެއްލި އެކަހެރިވެގެންދިޔުން
އީރާނާ ދެކޮޅަށް މިދިޔަ ހަފްތާގައި ސަލާމަތީ މަޖިލީހުން ފާސްކުރަން އެމެރިކާ މަސައްކަތްކުރި ގަރާރަށް ތާއީދުކޮށްފައިވަނީ އެކަމަށްޓަކައި އެމެރިކާ ވަރަށް ބޮޑަށް ކޭންޕޭން ކުރުމުންވެސް ސަލާމަތީ މަޖިލީހުގައި ހިމެނޭ އެންމެ ކުޑަ ގައުމުކަމަށްވާ ޑޮމިނިކަން ރިޕަބްލިކް އެކަންޏެވެ.
ޗައިނާއާއި ރަޝިއާ އެމެރިކާއާ ދެކޮޅަށް ފާޅުގައި ނުކުމެފައިވާއިރު ޔޫރަޕްގެ ބޮޑު ދެބާރުކަމަށްވާ ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތްވެސް އެމެރިކާއަށް ތާއީދުކޮށްފައި ނުވުމުން ބައިނަލްއަގްވާމީ މުޖްތަމައުގައި އެމެރިކާ އެކަހެރިވެ ބާކީ ވެފައިވާ މިންވަރާއި އެމެރިކާގެ ބައިވެރިންގެ އިތުބާރުވެސް އެމެރިކާއަށް ގެއްލިފައިވާ މިންވަރު ވަރަށް ބޮޑަށް ފެނިގެން ދިޔަކަން ޗާލީ ފާހަގަ ކުރެއްވިއެވެ.
އެމެރިކާގެ ރިޔާސީ އިންތިޚާބަށް 70 ވަރަކަށް ދުވަހަށް ވެފައިވާއިރު ކޮށްފައިވާ ޚިޔާލު ހޯދުމުގެ ސާވޭތަކުން ދައްކަނީ އިދިކޮޅު ކެންޑިޑޭޓު ޖޯ ބައިޑެން އަށްވުރެ ގާތްގަނޑަކަށް 8 އިންސައްތަ ފަހަތުގައި ޓްރަމްޕް އުޅުއްވާ ކަމެވެ. މިއާއެކުވެސް ޓްރަމްޕް ވަނީ އިންތިޚާބުގައި އޭނާ ކުރިހޯއްދަވާނެ ކަމަށް ވިދާޅުވެފައެވެ. (ނޫސްއެޖެންސީތައް)