ވޯނާ ބްރޮސް އިން 2017 ވަނަ އަހަރު ނެރުނު ޑީސީގެ ޖަސްޓިސް ލީގުގެ އޮރިޖިނަލް ޑައިރެކްޓަރު ޒެކް ސްނައިޑާގެ ފިލްމުގެ ކަޓް ނެރުމަށް ތައްޔާރުވެ އެ ފިލްމުގެ އޮފިޝަލް ޓީޒާ ޓްރެއިލާ އާންމުކޮށްފި އެވެ.

ޑީސީގެ ޖަސްޓިސް ލީގު އަކީ 2017 ވަނަ އަހަރުގެ އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުންދިޔަ އެއް ފިލްމެވެ. ނަމަވެސް އެންމެ ފަހު ވަގުތު ދިމާވި މައްސަލަތަކަކާ ގުޅިގެން ފިލްމުގެ އޮރިޖިނަލް ޑައިރެކްޓަރު ޒެކް ސްނައިޑާ ވަނީ ޓީމާ ވަކިވެފައެވެ. އޭގެ ބަދަލުގައި އެންމެ ފަހުން ފިލްމުގެ ޑައިރެކްޝަނުގައި ހުރީ ޖޮސް ވީޑެން އެވެ.

ޖޮސް ވީޑަން ފިލްމުގެ ޑައިރެކްޝަނުގައި އެ ފިލްމުގެ އެޑިޓިން ސްޓޭޖުގައި ބޮޑެތި ބަދަލުތައް ގެނަ އެވެ. ނަތީޖާއަކަށް ވެގެން ދިޔައީ ފިލްމުގެ ކޮލިޓީ ވެއްޓި އާންމުންގެ ތެރެއިން ފިލްމަށް ފާޑުކިޔުން ލިބުމެވެ. އެ ފިލްމު ބޮކްސް އޮފީހުގައި ކާމިޔާބުވިނަމަވެސް ބެލުންތެރިންގެ ރިވިއުތަކުގައި އެ ފިލްމު ވެގެން ދިޔައީ ބޮޑު ފްލޮޕަކަށެވެ.

އެއާއެކު ފިލްމުގެ ޒެކް ސްނައިޑާ ކަޓް ނެރުމަށް އެތައް ބަޔަކު ޕެޓިޝަން ނެރެ ހެދިއެވެ. އަދި ޒެކް ސްނައިޑާ އެކަމަށް ރައްދު ދެމުން ދާދި ފަހުން ބުނީ އެ ފިލްމުގެ ޝޫޓުކޮށް ނަގާފައިވާ މަންޒަރުތަކުގެ ތެރޭގައި ފަސް ގަޑިއިރަށްވުރެ ގިނަ ބޭނުން ނުކުރާ މަންޒަރު ހުންނާނެ ކަމަށެވެ. އަދި އެންމެ ފަހުން ފިލްމުގެ ޒެކް ސްނައިޑާ ކަޓް އެއް ނެރެން އުޅޭކަން އިއުލާނުކުރި އެވެ.

ދާދި ފަހުން ވަނީ ޒެކް ސްނައިޑާ ކަޓްގެ އޮފިޝަލް ޓީޒާ އާންމުކޮށްފައެވެ. އާ ޓީޒަރުން، 2017 ވަނަ އަހަރުގެ ފިލްމުން ފެނިގެން ގޮސްފައި ނުވާ އެތައް މަންޒަރުތަކެއް ފެނިގެން ގޮސްފައިވެ އެވެ. އަދި ފިލްމަށް އޮތް އުއްމީދު އާންމުންގެ މެދުގައި އަނެއްކާވެސް އިތުރުވެގެން ދިޔަ އެވެ.

އެ ޓްރެއިލާއަށްވެސް އަންނަނީ ގިނަ ބައެއްގެ ތައުރީފު ލިބެމުންނެވެ. އެގޮތުން އެތައް ބަޔަކު ބުނަނީ އެ މުޅި ޓްރެއިލާ އެކަނިވެސް ޖޮސް ވީޑަންގެ ފިލްމުގެ ކަޓް އަށްވުރެ ރީތި ކަމަށެވެ.

ޒެކް ސްނައިޑާ ކަޓް ނެރުމަށް ހަމަޖެހިފައިވަނީ ވޯނާ ބްރޮސްއާ ގުޅުން އޮތް ސްޓްރީމިން ސާވިސް ކަމަށްވާ އެޗްބީއޯ މެކްސްއަށެވެ. އެ ފިލްމު ނެރޭނެ ސީދާ ދުވަހެއް ހާމަކޮށްފައި ނުވި ނަމަވެސް އަންނަ އަހަރުގައި ޖަސްޓިސް ލީގުގެ ސްނައިޑާ ކަޓް ރިލީޒުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.