23 Aug 2020, 00:04
ޓޫރިޒަމް ދާއިރާގެ ސީނިއާ މެނޭޖްމަންޓް ވަޒީފާތަކުގެ 60 ޕަސެންޓު އަދި އެޗްއާރް މެނޭޖަރު ފަދަ މަގާމުތައް ދިވެހީންނަށް ދޭން ޖެހޭ ގޮތަށް ވަޒިފާއާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީއިން މިރޭ ފާސްކޮށްފިއެވެ.
ޓޫރިޒަމް ދާއިރާގެ އިސް ވަޒީފާތަކުގައި ދިވެހިން ތިބެންޖެހޭ އަދަދު 60 ޕަސެންޓަށް އިތުރު ކުރަން ކޮމެޓީ މަރުހަލާގައި ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އެވެ.
ސީނިއާ މެނޭޖްމަންޓުގައި 60 ޕަސެންޓު ދިވެހީން ތިބެން ޖެހޭ ގޮތަށް ހެދުމުުގެ އިތުރުން 50 މުވައްޒަފުންނަށްވުރެ ގިނަ މުވައްޒަފުން ތިބޭ ކުންފުނިތަކުގައި އެޗްއާރް މެނޭޖަރުގެ ގޮތުގައި ނުވަތަ މުވައްޒަފުންގެ ކަންތައް ބަލަހައްޓާ އިސް މަގާމުތަކުގައި ދިވެއްސަކު ހުންނަން ޖެހޭ ގޮތަށްވެސް އޭނާ އިސްލާހު ހުށަހެޅުއްވިއެވެ.
މި އިސްލާހުތައް ބިލަށް ގެންނަން މިރޭ ކޮމެޓީއިން ވަނީ ފާސްކޮށްފައެވެ.
މި އިސްލާހުަކަށް އަމަލު ކުރަން ފަަށާނެ ތާރީހަކާ މެދު ކޮމެޓީގައި ބަހުސް ކުރެވުނެވެ. ކޮމެޓީއިން ފާސް ކުރީ އިސްލާހަށް އަމަލު ކުރަން ފަށާތާ ފަސް އަހަރު ފަހުން އެއަށް އަމަލު ކުރަން ޖެހޭ ގޮތަށެވެ.
ޝިފާއު މިރޭ "ސަން"އަށް ވިދާޅުވީ، އެ އިސްލާހުތައް ހުށަހެޅުއްވީ ޓޫރިޒަމް ދާއިރާގައި ބޭރު މީހުންގެ ނުފޫޒު މާ ބޮޑަށް ގަދަވުމުގެ ކަންބޮޑުވުން އޮތުމުން ކަމަށެވެ.
ފަސް އަހަރު ފަހުން އިސްލާހަށް އަމަލު ކުރާ ގޮތަށް ކޮމެޓީއިން ފާސް ކުރީ ފަސް އަހަރަކީ އިސް ވަޒީފާތައް އަދާ ކުރާނެ މީހުން ބިނާ ކުރަން އެކަށީގެންވާ ވަގުތެއް ކަމަށް ބަލާފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.