މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ބިލް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ތަސްދީގު ކުރައްވައިފި އެވެ. މި ބިލް ތަސްދީގު ކުރެއްވުމާ ގުޅިގެން، އެ ގާނޫނު ވަނީ ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފަ އެވެ.

މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގާނޫނަކީ، ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ސިޔާސަތުތައް އެކަށައަޅައި، މަދަނީ ވައިގެ ދަތުރުފަތުރާ ބެހޭ އެންމެހައި ގަވާއިދުތަކާއި އުސޫލުތަކާއި ހަމަތައް ކަނޑައަޅައި، އެކަންކަން ރާވައި ހިންގާ ބެލެހެއްޓުމަށްޓަކައި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ނަމުގައި ވަކި ގައުމީ އިދާރާއެއް އުފެއްދުމަށާއި އެ އިދާރާގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ބަޔާންކުރާ ގާނޫނެވެ.

މި ގާނޫނުން ހާސިލްކުރަން ބޭނުންވާ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި، ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ އެންމެހައި ކަންކަން ސަލާމަތާއި ރައްކާތެރިކަމާއެކު ހަރުދަނާ ނިޒާމެއްގެ ދަށުން ހިންގާ ބެލެހެއްޓުމާއި، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ނަމުގައި ވަކި އިދާރާއެއް އުފައްދައި، އެ އިދާރާ ހިންގަމުން ގެންދާނެ އުސޫލުތައް ކަނޑައެޅުން ހިމެނެ އެވެ.

އަދި ރާއްޖޭގެ ގާނޫނީ އިމުގެ ތެރެއިން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫނާރާ ގޮތުގެ މަތިން، މަދަނީ ވައިގެ ދަތުރުފަތުރާ ބެހޭ މުއާހަދާތަކުގެ އުސޫލުތަކާ އެއްގޮތްވާ، މަދަނީ ވައިގެ ދަތުރުފަތުރުގެ ކަންކަން ރާއްޖޭގައި ހިންގުމަށް މަގުފަހިކޮށްދިނުން ވެސް ހިމެނެ އެވެ.

މި ގާނޫނަށް އަމަލުކުރަން ފަށާނީ މިއަދުން ފެށިގެންނެވެ. މިގާނޫނަށް އަމަލު ކުރަން ފެށުމާ އެކު، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ އުފެދުނީ އެވެ. މި އޮތޯރިޓީއަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމާއި މުދާ ހޯދުމާއި މުދާ މިލްކު ކުރުމާއި ދަރަންޏަށް ޒިންމާވުމާއި އެ މުދަލުން ތަސައްރުފް ކުރުމުގެ ހައްގު ލިބިގެންވާ، އަދި ރާއްޖޭގައި މަދަނީ ވައިގެ ދަތުރުފަތުރާ ގުޅުން ހުރި އެންމެހައި ކަންކަން ހަރުދަނާކަމާ އެކު ރާވައި ހިންގާނެ ގޮތްތަކާއި އުސޫލުތައް ކަނޑައަޅައި، އަދި އެ ގާނޫނު ތަންފީޒު ކުރުމަށް ކުރަން ޖެހޭ އެންމެހައި ކަންކަން ކުރާ ދައުލަތުގެ އިދާރާ ކަމުގައި އެގާނުގައިވެ އެވެ.

މޯލްޑިވްސް ސިވިލްއޭވިއޭޝަން އޮތޯރިޓީއަކީ ދިވެހި ސިވިލް ސާވިސްގައި ނުހިމެނޭ އިދާރާއެކެވެ. މި އޮތޯރިޓީ ހިނގަމުންދާނީ، އެކަމަށްޓަކައި ރައީސް ކަނޑައަޅުއްވާ މިނިސްޓަރެއްގެ ބެއްލެވުމުގެ ދަށުންނެވެ. މި އޮތޯރިޓީގެ ސިޔާސަތު ކަނޑައެޅުމަށް މަސްއޫލުވާން ޖެހޭ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑެއް އޮންނަންވާނެ ކަމަށް، މި ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ. އެއޮޓޯރިޓީގެ ބޯޑު އެކުލެވިގެންވަނީ ފަސް މެންބަރުންގެ މައްޗަށެވެ. އަދި މެންބަރުންނަކީ، ބޯޑުގެ ޗެއާމަނާއި އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އާއި، އިތުރު ތިން ޑިރެކްޓަރުންނެވެ.