ރޭގަނޑު 8:00 އިން ފެށިގެން ފަތިހު 5:00އާ ހަމައަށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފި އެވެ.

އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ މާދަމާއިން ފެށިގެން ރޭގަނޑު 8:00 އިން ފަތިހު 5:00އާ ދެމެދު މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި އެވަގުތުތަކުގައި އެއްގަމު އުޅަނދު ދުއްވުން މަނާވާނެ ކަމަށެވެ.

އެވަގުތުތަކުގައި ގަވާއިދާ ހިލާފަށް އެއްގަމު އުޅަނދު ދުއްވާނަމަ ޖޫރިމަނާ ކުރާނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

"މިކަން ތަންފީޒުކުރަން ފިޔަވަޅުތަކެއް އަޅާނަން. އެގޮތުން ރޭގަނޑު އަށަކުން ފެށިގެން ފަތިހު ފަހަކާ ދެމެދުގައި އެއްވެސް އުޅަނދެއް ދުއްވާނަމަ، ފުރަތަމަ ނަސޭހަތްތެރިވާނަން. އަދި އެއަށްފަހުގައި ދެވަނަ ފަހަރު އެ އުޅަނދެއް ޗެކް ކުރެވިއްޖެނަމަ ޖޫރިމަނާ ކުރާނަން. އިތުރު ފިޔަވަޅެއްގެ ގޮތުން ]މިކަން ތަކުރާރު ވާނަމަ] އެ އުޅަނދެއް ޓޯ ކުރާނަން. ޓޯކުރުމަށްފަހު އެ އުޅަނދެއް ދޫކުރެވޭނީ އެ ޖޫރިމަނާއެއް ދެއްކުމަށްފަހު،" ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖޫރިމަނާ ކުރާ ކޮންމެ ފަހަރަކުވެސް ކުރާނީ 1000 ރުފިޔާގެ މަގުން ކަމަށެވެ.

ރޭގަނޑު އަށަކުން ފަތިހު ފަހަކަށް މާލެ ސަރަހައްދުގައި އުޅަނދު ދުއްވުން މަނާކުރި ނަމަވެސް، ކުރިން ނެރެފައިވާ ގައިޑްލައިންގައި ބުނެފައިވާ ގޮތަށް، ރޭގަނޑު 10:00އާ ހަމައަށް ފައިމަގުގައި މަގުމަތީގައި އުޅެވޭނެ އެވެ.

ރޭގަނޑު 8:00 އިން ފެށިގެން ޑެލިވަރީ ޚިދުމަތް ދިނުން ވެސް މަނާވާނެ ކަމަށް އެޗްއީއޯސީން ވަނީ ބުނެފައެވެ.