އިންގްލެންޑްގެ ސިޓީއެއް ކަމަށްވާ ބްރިސްޓަލްގެ ޒުލެއްގައި ގޮރިއްލާއެއް ވިހައިފި އެވެ.

ޒޫ ބަލަހައްޓާ މީހުންނަށް އެ ތުއްތު ގޮރިއްލާ ފެނިފައި ވަނީ އޭތީގެ މަންމަ ގޮރިއްލާ އުރާލައިގެން އިންދަ އެވެ.

އުމުރުން ނުވަ އަހަރުގެ ކާލާ ވިހާފައިވާ ގޮރިއްލާގެ ހާލު ރަނގަޅު ކަމަށް ބްރިސްޓަލް ޒޫގެ މުވައްޒަފުން ބުނެ އެވެ. ކާލާއަކީ ވެސްޓާން އަޔޯލޭންޑްގެ ގޮރިއްލާއެކެވެ.

ޒޫގެ މުވައްޒަފުން ބުނި ގޮތުގައި ކާލާ ވިހެއި އިރު އެތަނުގައި ތުއްތު ގޮރިއްލާގެ ބައްޕަ ޖޮކް ހުއްޓެވެ.

ކާލާ ވަނީ މީގެކުރީން ވެސް ބަނޑުބޮޑުވެފަ އެވެ. ނަމަވެސް މިދިޔަ އަހަރު ކާލާއަށް ލިބުނު ގޮރިއްލާ ވަނީ ވިހެއިތާ ހަފްތާއެއްގެ ތެރޭގައި މަރުވެފަ އެވެ.

"އަޅުގަނޑުމެންނަށް އިނގޭ ގޮރިއްލާއެއް ވިހަން އުޅޭކަން. އެހެންވެ ވަރަށް ގާތުން ކާލާގެ ހާލު ބަލަމުން ދިޔައީ،" އެ ޒުލުގެ މެމަލްސްގެ ކިއުރޭޓަރެއް ކަމަށްވާ ލިންޑްސީ ބަގް ބުންޏެވެ.

ލިންޑްސީ ބުނި ގޮތުގައި ކާލާ އާއި ދަރިފުޅުގެ ހާލު ވެސް ރަނގަޅެވެ. އަދި އެ ދެ ގޮރިއްލާގެ ހާލު ވެސް ގާތުން މޮނިޓާކުރަމުންދާ ކަމަށް އޭނާ ފާހަގަކޮށްފައިވެ އެވެ. -- ބީބީސީ