ކޮވިޑް-19އަށް ޕޮޒިޓިވްވި ނަމަވެސް، އައިސޮލޭޝަނަށް ނުގެންދެވި މާލޭގައި 348 މީހަކު އެބަ ތިބި ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ބުނެފިއެވެ.

ޕޮޒިޓިވްވާ ފަހުންވެސް އައިސޮލޭޝަނަށް ނުދެވި ގޭގައި މަޑުކޮށްގެން ތިބެން ޖެހި ގޭގެ އެހެން މީހުންވެސް ނުރައްކަލަށް ހުށަހެޅޭތީ ބައެއް އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މި ވަގުތު އެގޮތަށް އައިސޮލޭޝަނަށް ނުގެންދެވި ތިބީ ކިތައް މީހުންތޯ ނޫސްވެރިން ސުވާލު ކުރާތީ މިއަދު އެޗްއީއޯސީއިން ވަނީ އިއްޔެ ހަވީރު 6:00އާ ޖެހެންދެން އައިސޮލޭޝަނަށް ނުގެންދެވި ތިބި މީހުންގެ އަދަދުތައް ހާމަކޮށްފައެވެ.

އެޗްއީއޯސީއިން ބުނި ގޮތުގައި އިއްޔެގެ އެ ވަގުތާ ހަމައަށް އައިސޮލޭޝަނަށް ނުގެންދެވި ތިބި 348 މީހުންގެ ތެރެއިން 194 މީހުންނަކީ ކަމާ ބެހޭ ފަރާތްތަކުން އެ މީހުން އައިސޮލޭޝަނަށް ބަދަލު ކުރަންދެން މަޑުކޮށްގެން ތިބި މީހުންނެވެ.

އޭގެ އިތުރުން، އާއިލާގެ އެހެން މީހުންގެ ޓެސްޓުގެ ނަތީޖާ ލިބެންދެން 18 މީހަކު އައިސޮލޭޝަނަށް ނުގެންގޮސް މަޑުކޮށްގެން ތިބި ކަމަށް އެ ސެންޓަރުން ބުންޏެވެ.

އައިސޮލޭޝަނަށް ބަދަލުވާން 89 މީހަކު ދެކޮޅު ހަދާފައިވާ އިރު 33 މީހެއްގެ ފަރާތުން އެއްވެސް ޖަވާބެއް ލިބިފައި ނުވާ ކަމަށްވެސް އެ ސެންޓަރުން ބުންޏެވެ.

އެހެނިހެން ސަބަބުތަކާ ހުރެ އައިސޮލޭޝަނަށް ނުގެންދެވި 14 މީހަކު އެބަ ތިބި ކަމަށްވެސް އެޗްއީއޯސީއިން ބުންޏެވެ. ނަމަވެސް، އެ ސަބަބުތަކެއް އެ ސެންޓަރުން ހާމައެއް ނުކުރެއެވެ.

މާލޭގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާތީ މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މާލޭ ސަރަހައްދުގައި މާސްކު އެޅުން ވަނީ މަޖުބޫރުކޮށްފަ އެވެ. އަދި ކޮންމެ ރެއެއްގެ 22:00 އިން ފެށިގެން ފަތިހު 05:00 އަށް މާލޭގައި އަންނަނީ ކާފިއު ހިންގަމުންނެވެ.