ގުރޫޕަކުން ކ. ތުލުސްދު އަށް ގޮސް ކުޑަ އަންހެން ކުއްޖަކާ ގަދަކަމުން ޖިންސީ ގުޅުން ހިންގި ކަމުގެ ތުހުމަތުގައި 18 އަހަރުން ދަށުގެ ހަތަރު ކުއްޖަކާއި އިތުރު މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހުގެރޭ ކުޑަ އަންހެން ކުއްޖަކާ ގަދަކަމުން ޖިންސީ ގުޅުން ހިނގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ކުދިންގެ ތެރޭގައި ހިމެނެނީ 16 އަހަރުގެ ތިން ކުއްޖަކާއި 17 އަހަރުގެ ކުއްޖެއްގެ އިތުރުން 18 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ.

އަދި ހައްޔަރު ކުރި ކުދިންގެ ތެރެއިން 16 އަހަރުގެ އެއް ކުއްޖަކު މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ހައްޔަރު ކުރި ކުދިންގެ ތެރޭ ހިމެނޭ ފަސް ކުދިންގެ ތެރެއިން ދެ ކުއްޖަކީ ތުލުސްދޫ ކުދިންނެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެ މައްސަލަ އާ ގުޅިގެން ހައްޔަރު ކުދިންގެ ތެރޭ އަންހެން ކުއްޖާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ފިރިހެން ކުއްޖާ ވެސް ހިމެނެ އެވެ.
މިދިޔަ އަހަރުގެ ޑިސެންބަރު މަހުތެރޭ ވަނީ ހދ. ނޮޅިވަރަމްފަރުގައި ވެސް 15 އަހަރުގެ އަންހެން ކުއްޖަކަށް ގުރޫޕަކުން ވަޅިން ބިރުދައްކައި ޖިންސީ ގޯނާކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފަ އެވެ.