22 Aug 2020, 19:41
އެމްޑަބްލިއުއެސްސީގެ ޑޮމެސްޓިކް ކަސްޓަމަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ "1ހާސް1ހާސް" ޕްރޮމޯޝަނުގެ ފުރަތަމަ ދެ ހަފުތާގެ ނަސީބުވެރިން ހޮވައިފި އެވެ.
އޮގަސްޓު އެއްވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަނުގައި ކޮންމެ ހަފުތާއަކުވެސް 10 ނަސީބުވެރި ފަރާތް ހޮވާނެ އެވެ.
މި މުއްދަތުގެ ތެރޭގައި ޑޮމެސްޓިކް ކަސްޓަމަރުންގެ ތެރެއިން ހުރިހާ ފެންބިލަކަށް ފައިސާ ދައްކާ ފަރާތްތަކާއި ވަކި މަސްތަކަށް ބަހާލައިގެން ބިލަށް ފައިސާ ދައްކަމުންގެންދާ ފަރާތްތަކަށް ވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ.
އެމްޑަބްލިއުއެސްސީގެ މޮބައިލް އެޕްލިކޭޝަން، އޮންލައިން ޕޯޓަލް، ޗެކު ނުވަތަ ނަގުދު ފައިސާއިން ބިލު ދައްކާ ފަރާތްތަކަށް ވެސް ޕްރޮމޯޝަނުގެ ބައިވެރިވެވޭނެއެވެ.
ކޮންމެ ހަފުތާއަކު ވެސް 10 ނަސީބުވެރިން ހޮވާ މި ޕްރޮމޯޝަނުގައި ގުރުއަތުން ހޮވިގެން، އިނާމު ލިބޭނީ އެވަގުތެއްގައި އެ ފެން މީޓަރެއް ބޭނުންކޮށް، ބިލު ދައްކާ ފަރާތަކަށް ކަމަށް އެމްޑަބްލިއުއެސްސީއިން ބުނެ އެވެ. އަދި ގުރުއަތުގައި ހިމެނޭ ފޯނު ނަންބަރަކީ އެޕް ނުވަތަ ޕޯޓަލްގައި ރަޖިސްޓްރީކުރާއިރު ނުވަތަ ކައުންޓަރުން ފައިސާ ދައްކާއިރު ކައުންޓަރަށް ދިން ފޯނު ނަންބަރެވެ.
މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ އިތުރުން އެމްޑަބްލިއުއެސްސީއިން ހިދުމަތްދޭ ކ. މާފުށި، ރ. ދުވާފަރު އަދި ހދ. ކުޅުދުއްފުށީގެ ޑޮމެސްޓިކް ކަސްޓަމަރުންނަށް ވެސް މި ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.
މި ޕްރޮމޯޝަނާ ގުޅޭ އިތުރު މައުލޫމާތު އެމްޑަބްލިއުއެސްސީގެ ކަސްޓަމާ ކެއާ ނަންބަރު 105އަށް ގުޅުމުން ލިބޭނެ އެވެ.