ކޮވިޑް19 އާ ގުޅިގެން އިއުލާނުކޮށްފައި ކާފިއު އާ ހިލާފުވެގެން ފާއިތުވި ހަ ދުވަހުގެ ތެރޭގައި 387 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ކޮވިޑު ފެތުރުން ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ފިޔަވަޅެއްގެ ގޮތުން ރޭގަނޑު 10 އިން ފަތިހު ފަހަކަށް ބޭރަށް ނިކުތުން ވަނީ މަނާކޮށްފައެވެ.

ބޭރުގައި އުޅޭ މީހުންނަށް ނަސޭހަތްދީ، ތަކުރާރު ކުރާނަމަ 1000 ރުފިޔާ އިން ޖޫރިމަނާ ކުރެއެވެ.

ފުލުހުން ބުނީ މި މަހުގެ 15 އިން ފެށިގެން 21 ވަނަ ދުވަހާ ހަމައަށް، 899 މީހަކަށް ނަސޭހަތްދީ، 387 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

ކާފިއު އާ ހިލާފުވެގެން އެންމެ ގިނަ މީހުން ޖޫރިމަނާކޮށްފައި ވަނީ މި މަހުގެ 19 ވަނަ ދުވަހުއެވެ. އެ ދުވަހު 120 މީހަކު ވަނީ ޖޫރިމަނާކޮށްފައެވެ.

ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުންނާއި ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް މާސްކު އެޅުން މަޖުބޫރުކޮށްފައިވާއިރު މާސްކު ނާޅާ އުޅޭނަމަ އެންމެ ފުރަތަމަ ނަސޭހަތްދީ، ދެވަނަ ފަހަރަށް އެކަން ތަކުރާރު ކުރާނަމަ 1000 ރުފިޔާ އިން ޖޫރިމަނާ ކުރެއެވެ.

ފާއިތުވި ދުވަސްތަކުގައި މާސްކް ނާޅާ މަގުމައްޗަށް ނުކުމެ އުޅުނު ގިނަ އަދަދެއްގެ ބަޔަކު ވެސް ވަނީ ޖޫރިމަނާކޮށްފައެވެ.

ފުލުހުން ވަނީ ކޮވިޑް19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ހުރިހާ ރައްޔިތުން ވެސް ބޯލެނބުމަށް އިލްތިމާސްކޮށްފައެވެ.