22 Aug 2020, 15:59
މިނިސްޓްރީ އޮފް ޑިފެންސްގެ އިމާރާތް ހެދުމަށް ރެއިންބޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އާ ހަވާލުކޮށްފައިވަނީ ނޭޝަނަލް ޓެންޑާ ބޯޑު މެދުވެރިކޮށް އިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑް ކުރުމުގައި އަމަލު ކުރާނެ އުސޫލާ އެއްގޮތަށް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
އުސޫލު ބަދަލުކޮށް، އަގު ބޮޑުކޮށް އެ ޕްރޮޖެކްޓު ބަޔަކަށް އެވޯޑުކޮށްފައިވާ ކަމަށް ބުނެ ފިނޭންސަށް ވަނީ ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.
އެކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސަރުކާރުގެ މި ސިޔާސަތަކީ ޕްރޮކިއުމަންޓް ޕޮލިސީ ބޯޑުން 1 އޭޕްރީލް 2020ގައި ގެޒެޓް ކުރެވި ނޭޝަނަލް ޓެންޑާ ބޯޑުން އަމަލު ކުރުމަށް ލާޒިމުކޮށްފައިވާ އުސޫލެއް ކަމަށެވެ.
އަދި އެ އުސޫލުގެ ބޭނުމަކީ ނޭޝަނަލް ޓެންޑާއިން އެވޯޑް ކުރާ މަޝްރޫއުތައް އަވަސްމިނެއްގައި ކުރިއަށް ގެންދިޔުމާއި ގިނަ ކުންފުނިތަކަށް މަސައްކަތް ހަވާލު ކުރެވޭނެ ގޮތަށް ނިޒާމު ބައްޓަން ކުރުން ކަމަށެވެ.
ހަމަ އެއާއެކު، އެކަމާ ގުޅޭ ގޮތުން މޯލްޑިވްސް ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ޖަމްއިއްޔާ މަސީ އަދި އެނޫންވެސް ކަމާ ގުޅޭ އެހެނިހެން ފަރާތްތަކާ އެކުވެސް މަޝްވަރާކޮށް، ހިޔާލު ހޯދާފައިވާ ކަމަށެވެ.
މިނިސްޓްރީން ބުނީ ޑިފެންސްގެ އާ އިމާރާތް ހެދުމަށް ހުޅުވާލި ޓެންޑާގެ މަސައްކަތް ކުންފުންޏަކާ ހަވާލުކުރި އިރު ބަލާފައި ވާނީ އެ އުސޫލަށް ކަމަށެވެ.
އެގޮތުން ޓެންޑާގައި އެންމެ ކުޑަ އަގެއް ހުށަހަޅާފައިވަނީ އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ކަމަށް ވީނަމަވެސް އެ ބިޑް އެވޯޑްކޮށްފައިވަނީ ދެވަނައަށް އެންމެ ކުޑައަގު ހުށަހެޅި ރެއިންބޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ކަމަށް ފިނޭންސް އިން ބުންޏެވެ.
ފިނޭންސް އިން ބުނީ އެގޮތަށް އެކަންވެފައިވަނީ އަމަލުކުރަމުން އަންނަ އުސޫލުގެ ސަބަބުން ކަމަށެވެ. އަދި އެއީ ކުންފުނިތަކަށް އެއްފަހަރާ ޓެންޑާތަކުގައި މަސައްކަތް ކުރެވޭނެ ވަކި އަދަދުތަކާއި ޖުމްލަ ފައިސާގެ އަދަދު އެ އުސޫލުން ކަނޑައަޅާފައިވާތީ ކަމަށެވެ.
އެ އުސޫލުގެ ދަށުން އެސްޖޭ ކޮންސްޓްރަކްޝަންއަށް އެއްފަހަރާ މަސައްކަތް ކުރެވޭނީ 300 މިލިއަން ރުފިޔާ އާއި ހަމައަށް ކަމަށާއި އަދި އެއްފަހަރާ މަސައްކަތް ކުރެވޭނެ ޓެންޑާތަކުގެ އަދަދަކީ ގިނަ ވެގެން އަށެއް ކަމަށެވެ.
އެހެން ނަމަވެސް މިވަގުތު އެ ކުންފުނިން 310 މިލިއަން ރުފިޔާގެ މަޝްރޫއުގައި ވަނީ ސޮއިކޮށްފައިވާ ކަމަށާއި އެއީ ޖުމްލަ 11 ޕްރޮޖެކްޓު ކަމަށް ފިނޭންސް އިން ބުންޏެވެ.
"އެހެންކަމުން މި އުސޫލުގެ ދަށުން ދެވަނައަށް އެންމެ ކުޑަ އަގެއް ހުށަހެޅި ރެއިންބޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް މި ބިޑް ކާމިޔާބުވީ އެވެ." ފިނޭންސް އިން ބުންޏެވެ.
ފިނޭންސް އިން ބުނީ އެ އުސޫލު ތަންފީޒު ކުރެވުނު ފަހުން އަމަލު ކުރަމުން އަންނަނީ އުސޫލުގެ ދަށުން ކަމަށާއި އަދި ކުރިމަގުގައިވެސް އެކަން ކުރިއަށްދާނީ އެގޮތަށް ކަމަށެވެ.
އަދި މިނިސްޓްރީން ޓެންޑާތަކާއި ގުޅޭ މައުލޫމާތުތައް ވެބްސައިޓްގައި ހާމަކުރުމުގެ އެންމެ ބޮޑު ބޭނުމަކީވެސް ދެފުށް ފެންނަ ހާމަކަން ބޮޑު ގޮތަކަށް މިފަދަ ކަންތައްތައް ހިނގާ ގޮތުގެ މައުލޫމާތު މީޑިއާ މެދުވެރިކޮށް ރައްޔިތުންނަށް އަންގައިދިނުން ކަމަށެވެ.
ނޭޝަނަލް ޓެންޑާ މެދުވެރިކޮށް ކުރިއަށް ގެންދާ ބީލަންތަކުގެ އިވެލުއޭޝަން މަރުހަލާގެ ހުލާސާ، ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއުކުރަން ވަނީ ފަށައިފައެވެ.
އިވެލުއޭޝަން މަރުހަލާ ހުލާސާގައި ބީލަމަށް ކުރިމަތިލީ ފަރާތްތަކާއި އެފަރާތްތަކުން ހުށަހަޅާފައިވާ އަގުތަކާ އަދި އިވެލުއޭޝަނުން ފާސްވިކަން ނުވަތަ ނުވާކަން އެނގޭނޭހެން ބަޔާންކޮށްފައިވާނެ ކަމަށް ފިނޭންސް އިން ބުންޏެވެ.
އަދި ބީލަން ކާމިޔާބުނުވާ ފަރާތްތަކުގެ، އެފަރާތްތަކަށް އިވެލުއޭޝަނުން ދަށްވި ސަބަބުގެ ހުލާސާ ވެސް ހިމަނާފައިވާނެ ކަމަށާއި މީގެ އިތުރުން މަސައްކަތް އެވޯޑުކޮށްފައިވާ އަގު، މުއްދަތު ހިމެނޭހެން ހުއްދަދީފައިވާ ދުވަހާ ހުއްދަދިން ފަރާތުގެ މައުލޫމާތު ވެސް ހިމަނާފައިވެއެވެ.