ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ރާއްޖެއާ ބެހޭ ގޮތުން ބޭރުގެ މީޑިއާތަކުގައި ދައްކަވަމުން ގެންދަވާ ހަގީގަތާ ހިލާފު ވާހަކަތަކުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށާއި ރާއްޖެ އަށް ގެއްލުން ވަމުން އަންނަ ކަމަށް ބުނެ އެ މައްސަލަ ބަލައިދިނުމަށް އެދި ގައުމީ ޕާޓީން ފުލުހުންނަށް ހުށަހަޅައިފި އެވެ.

ގައުމީ ޕާޓީގެ ސެކެޓްރީ ޖެނެރަލް އަބްދުﷲ އަމީން ސޮއިކުރައްވައި ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ފަސީހު އަށް މިއަދު ފޮނުއްވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ ރާއްޖޭގައި ކޮންމެ އަހަރަކު ތިން ރަށެއް ޣަރަގުވެ، ނެތިގެންދާ ކަމަށް ބައިނަލްއަގުވާމީ މީޑިއާގައި ރައީސް ނަޝީދު ވާހަކަ ދައްކަވައި އެ ވާހަކަ ފެތުރިގެން ގޮސްފައި ވަތީ އާއި އަދި އެ ވާހަކަތައް ދުނިޔޭގެ ބޮޑެތި ނޫސްތަކުގައި ޝާއިއު ކުރުމުން އެ ކަމުގެ ސަބަބުން ރާއްޖޭގެ ވިޔަފާރި އަށް ބޮޑެތި ގެއްލުންތައް ކުރިމަތިވެފައިވާ ކަމަށެވެ.

އަދި ރައީސް ނަޝީދުގެ މިފަދަ ވާހަކަތަކުގެ ސަބަބުން ރާއްޖޭގެ އިގުތިސާދާއި ގައުމުގެ އަގުވެއްޓި ރާއްޖެއާ މެދު އިންވެސްޓަރުންނާއި ފަތުރުވެރިންގެ އިތުބާރު ގެއްލޭ ކަމަށް ވެސް ގައުމީ ޕާޓީން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ރައީސް ނަޝީދަކީ ގާނޫނު އަސާސީގެ ޖަދުވަލް އެކެއްގައި ބަޔާންކޮށްފައިވާ ހުވާކުރައްވައިގެން ހުންނެވި ބޭފުޅެއް ކަމަށާއި އެ ހުވާގައި ކަނޑައެޅިގެން ދިވެހި ގައުމަށް އިހްލާސްތެރިވުމަށް ލާޒިމުކޮށްފައިވާ އިރު ރާއްޖެ އާ ބެހޭ ގޮތުން ހަގީގަތާ ހިލާފަށް ވާހަކަތައް ބޭރުގެ މީޑިއާތަކުގައި ދެއްކެވުމަކީ އެ ހުވަޔާއި ހިލާފުވެވަޑައިގެންނެވުން ކަމަށް ވެސް އެ ސިޓީގައިވެ އެވެ.

ބޭރުގެ މީޑިއާތަކަށް ރައީސް ނަޝީދު ދެއްވާ އިންޓަވިއުތަކަކީ އެ މަނިކުފާނު އަމިއްލަފުޅަށް ދެއްވާ އެއްޗެއް ނޫން ކަމަށާއި އެފަދަ އިންޓަވިއުތައް ދެއްވަމުން ގެންދަ ވަނީ ރާއްޖޭގައި ހިނގަމުންދާ އެކިއެކި ކަންތައްތަކާ ގުޅިގެން އެ ފަރާތްތަކުން ކުރަމުން ގެންދާ ސުވާލުތަކަށް ޖަވާބުދާރީވެވަޑައިގެންނެވުމުގެ ގޮތުން ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ. އަދި ރާއްޖެ އަޑިއަށްދާ ވާހަކަ ދައްކަނީ ސަރުކާރުން ނޫން ކަމަށް ވެސް ވަނީ ބުނެފަ އެވެ.