22 Aug 2020, 14:31
މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ނުލިބި ގިނަ ދުވަސްތަކެއް ވެފައިވާތީ، ހިތްހަމަނުޖެހުން ފާޅުކޮށް، ގއ. ކޫއްޑޫގައި އިހުތިޖާޖު ކުރަމުން އެބަދެއެވެ.
މިއަދު ހެނދުނުން ފެށިގެން އެ ރަށުގައި އިހުތިޖާޖު ކުރަމުން އަންނަ އިރު ގިނަ އަދަދެއްގެ މަސްވެރިން އަންނަނީ މުޒާހަރާގައި ބައިވެރިވަމުންނެވެ.
މުޒާހަރާގެ ބައިވެރިޔަކު ބުނެފައި ވަނީ އޭނާގެ "ކަރަވައްޓާ" ކިޔާ ދޯނިން މިފްކޯއިން މަސް ނެގުމަށްފަހު، ފައިސާ ނުދޭތާ މަހަކަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ.
އެ ދޯނީގައި މަސައްކަތް ކުރާ މީހަކު ބުނެފައި ވަނީ، އެ ދޯނިން މަސް ގަނެ، ފައިސާ ނުލިބި 12 ބިލެއް އެބަ އޮތް ކަމަށާއި، އެއީ ގާތްގަނޑަކަށް މިލިއަނެއްހާ ރުފިޔާ ކަމަށެވެ.
"އެ ލާރި ނުލިބިގެން މި އައީ. މިހާރު ތިން ދުވަސް ވެއްޖެ މިކަމުގައި އަޅުގަނޑުމެން އުޅޭތާ،" އޭނާ ބުންޏެވެ.
"ސަން" އާ ވާހަކަ ދެއްކި މުޒާހަރާގެ ބައިވެރިޔަކު ބުނެފައި ވަނީ މީގެކުރިން ވެސް އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ޝަކުވާ ކޮށްފައިވާނެ ކަމަށާއި، ނަމަވެސް މިދިޔަ އާދީއްތަ ދުވަހު ފައިސާ ލިބޭނެ ކަމަށް ބުނި ނަމަވެސް، އަދިވެސް ފައިސާ ނުލިބޭ ކަމަށެވެ.
"އެބޭފުޅުން ވިދާޅުވަނީ ކޮވިޑާ ހެދިއޭ ދަތިވަނީ. އަޅުގަނޑުމެން މި ބުނަނީ ކޮވިޑާ ހެދި ލާރި ނުދެވެންޏާ އަޅުގަނޑުމެން އަތުން މަސް ނުނަގާށޭ. ނަގަންޏާ ލާރި ދޭން ޖެހޭނޭ، އަޅުގަނޑުމެން ވެސް ދިރިއުޅުމަށް ކުރާ މަސައްކަތޭ،" އޭނާ ބުންޏެވެ.
އިހުތިޖާޖާ ގުޅިގެން ފުލުހުން ބުނީ، ކޫއްޑޫގައި މަސްވެރިންގެ ބަޔަކު އިހުތިޖާޖު ކުރަމުން އަންނާތީ، ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި އެ އިހުތިޖާޖުގައި އެއްވެސް ހަމަނުޖެހުމެއް ހިންގާފައި ނުވާ ކަމަށެވެ.
ފުލުހުން ބުނީ މައްސަލަ ހައްލުކުރުމަށް ގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
އިހުތިޖާޖުގައި ފިޝަރީޒް މިނިސްޓަރާއި، މިފްކޯގެ އިސްވެރިންތަކުގެ އިސްތިއުފާއަށް އަންނަނީ ގޮވަމުންނެވެ. އަދި ލިބެންވާ ފައިސާ ލިބުމުން ނޫނީ ކޫއްޑޫއިން ނުފައިބާނެ ކަމަށް މަސްވެރިން އަންނަނީ ބުނަމުންނެވެ.
މިކަމާ ގުޅިގެން މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއީލް ފައުޒީ "ސަން"އަށް ވިދާޅުވީ މަސްވެރިންނަށް އެންމެ ފަހުން ފައިސާ ދޫކޮށްފައި ވަނީ މި މަހުގެ ދެވަނަ ދުވަހު ކަމަށެވެ. އަދި މާދަމާ ވެސް ފައިސާގެ ބައެއް މަސްވެރިންނަށް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން މި މަހުގެ ދެވަނަ ދުވަހު 15 މިލިއަނެއްހާ ރުފިޔާ ދޫކުރި އިރު، އަދި 33 މިލިއަނެއްހާ ރުފިޔާ ނުދެވި ހުރި ކަމަށާއި އެ ފައިސާ މާދަމާއިން ފެށިގެން ދޫކުރަން ފަށާނެ ކަމަށެވެ.
އޭނާ ވިދާޅުވީ މިފްކޯގެ ކެޕޭސިޓީއަކީ ދުވާލެއްގެ މައްޗަށް 300 ޓަނުގެ މަސް ކަމަށާއި އެއީ ގާތްގަނޑަކަށް ހަ މިލިއަން ރުފިޔާ ކަމަށެވެ. ނަމަވެސް ކޮވިޑް19 އާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި މަހަށް އޮތް ޑިމާންޑް ވަރަށް ބޮޑަށް ދަށްވެފައި ވާތީ، މިފްކޯއަށް މަސް ގަންނަ އަގަށްވުރެ ކުޑަ އަގުގައި އެކްސްޕޯޓު ކުރަން ޖެހުމުން، އެ ކުންފުނީގެ ކޭޝް ފްލޯ މެނޭޖުކުރަން ބޮޑެތި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ.