22 Aug 2020, 11:59
ޔޫރަޕުގެ އެންމެ އަގުބޮޑު ސްކޮޑުތަކުގެ ތެރޭގައި ހިމެނޭ ޕީއެސްޖީން ކުރާ ހަރަދުތަކާ އެއްވަރުގެ ކާމިޔާބީއެއް އެ ޓީމަށް ޗެމްޕިއަންސް ލީގުގައި ނުލިބުމަކީ ލަދުވެތިވާން ޖެހޭ ކަމެއް ކަމަށް ޓޮޓެންހަމްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
ފްރެންޗް ލީގުގައި ވޭތުވެ ދިޔަ ހަތް ވަރަކަށް އަހަރު ރަސްކަން ކުރި ޕީއެސްޖީއަށް ގަތަރުގެ ސްޕޯޓްސް އިންވެސްޓްމެންޓުން ކުރަން ފެށި ހަރަދާ އެކު އެ ޓީމަކީ މިހާރު ދުނިޔޭގެ އެންމެ މުއްސަނދި ކުލަބުތަކުގެ ތެރެއިން އެއް ކުލަބެވެ. ބޮޑު ތަފާތަކުން މިފަހަރު ވެސް ފްރެންޗް ލީގާއި ލީގު ކަޕު ވެސް އެ ޓީމުން ކާމިޔާބު ކުރި ނަމަވެސް އެ ޓީމުގެ ޓްރޮފީ ކެބިނެޓުން މަދުވަނީ ޔޫރަޕުގެ ކާމިޔާބީއެކެވެ.
އެހެން ނަމަވެސް ވޭތުވެ ދިޔަ ހަތް އަހަރުވެސް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ފަހަނަ އަޅާ ދެވޭ ގޮތް ނުވެ ދިޔަ ޕީއެސްޖީއަށް މިފަހަރު މިއޮތީ އެކަން ބަދަލު ކޮށްލުމަށް ފުރުސަތު ހަނިވެފަ އެވެ. ފޯމުގައި އޮތް އެޓްލަންޓާއާއި، އާރްބީ ލައިޕްޒިގް ބަލިކޮށް ޕީއެސްޖީގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ފައިނަލަށް އެކުލަބު ދަތުރު ކޮށްފައިވާ އިރު މި ފަހަރަކީ އެ ޓީމުން ކުރަމުން އަންނަ ބޮޑެތި ހަރަދުތަކުގެ ހަގީގީ ބޭނުން ހިފުމަށް އެންމެ ރަނގަޅު ވަގުތު ކަމަށް ގިނަ ބަޔަކު އަންނަނީ ދެކެމުންނެވެ.
އެކަމަކު ވޭތުވެ ދިޔަ އަހަރުތަކުގައި އެ ކުރި ހަރަދުތަކާ އެއްވަރުގެ ކާމިޔާބީއެއް އެ ޓީމަށް ނުލިބުމަކީ ލަދުވެތިވާން ޖެހޭ ކަމެއް ކަމަށް ކުރިން ދެ ކުލަބަކާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި މޮރީނިއޯ ވަނީ ބުނެފަ އެވެ.
"ވޭތުވެ ދިޔަ ހަތްވަރަކަށް އަހަރު ޕީއެސްޖީން ކުރީ އިންތިހާއަށް ބޮޑު ހަރަދެއް. އަގުބޮޑުކޮށް އެތައް ކުޅުންތެރިންނެއް ގެނައި. އެކަމަކު ޗެމްޕިއަންސް ލީގުގެ ކާމިޔާބީ ލިބިފައި ނެތުމަކީ ބޮޑު ލަދެއް،" މޮރީނިއޯ ބުންޏެވެ.
އޭނާ ބުނީ، ނޭމާ ޖޫނިއާ، ކިލިއަން އެމްބާޕޭ އަދި އެޑިސަން ކަވާނީގެ އިތުރުން ޒްލަޓަން އިބްރަހިމޯވިޗް ފަދަ ކުޅުންތެރިން ޓީމުގައި ތިބި އިރު ޔޫރަޕުގެ ކާމިޔާބީއަކާ ހިސާބަށް ނުދެވުނީތީ ހައިރާންވާ ކަމަށެވެ.
"ޕީއެސްޖީގައި އެތިބީ ފެންވަރު ރަނގަޅު ކުޅުންތެރިންނެއް. ގޮތަކަށް ބުނާނަމަ ދުނިޔެއިން ބޭރުން އައިސްފައި ތިބި ކުޅުންތެރިންތަކެއް. މިފަހަރު ފައިނަލަށް އެ ޓީމު ދެވުމަކީ ބޮޑު ހުވަފެނެއް. ރަނގަޅު މެޗަކަށް ވާނެ ކަމަށް ގަބޫލު ކުރެވޭ."