22 Aug 2020, 08:48
އޮމްސްކް (އޮގަސްޓު 22): ރަޝިއާގެ ސައިބީރިއާގެ ހޮސްޕިޓަލެއްގައި އޮތް އެގައުމުގެ އިދިކޮޅު ލީޑަރު އެލްކްސީ ނަވަލްނީ އިތުރު ފަރުވާއަށް ޖަރުމަނަށް ގެންދަން ހުއްދަ ދީފައިވާ ކަމަށް އެ ހޮސްޕިޓަލުގެ ޑޮކްޓަރުން ވިދާޅުވެއްޖެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ސައިބީރިއާއިން މޮސްކޯއަށް ދިޔަ ފްލައިޓެއްގައި އިންނަވަނިވަނިކޮށް ނަވަލްނީ ކުއްލިއަކަށް ހޭނެތުމާ ގުޅިގެން އޭނާއަށް ދަނީ ސައިބީރިއާގެ އޮމްސްކްގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންނެވެ. ނަވަލްނީއަށް ތާއިދު ކުރާ ފަރާތްތަކުން ވަނީ އެ ދުވަހު އޭނާއަށް ޒަހަރު ދީފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ.
ނަވަލްނީ ޖަރުމަނަށް ގެންދިޔުމަށް ޓަކައި އެގައުމުގެ ސްޕެޝަލިސްޓުންގެ ޓީމެއް ވަނީ ސައިބީރިއާއަށް ގޮސްފަ އެވެ. އަދި އެ ޑޮކްޓަރުންނާއި ނަވަލްނީއާ އެކު މިއަދު އެ ބޯޓު ޖަރުމަނަށް ފުރާފައިވާ ކަމަށް އޭއެފްޕީން ރިޕޯޓު ކުރި އެވެ.
ސައިބީރިއާ އިން ނަަވަލްނީއަށް ފަރުވާ ދިން ޑޮކްޓަރުން ވިދާޅުވި ގޮތުގައި އޭނާ ހޭނެތުނީ އޭނާގެ ލޭގައި ހަކުރު ހުރި މިންވަރު ދަށްވުމުންނެވެ. އަދި އޭނާ ގޮވައިގެން ދަތުރު ކުރުން ރައްކާތެރި ނޫން ކަމަށް ފުރަތަމަ ވިދާޅުވި އެވެ. ނަމަވެސް އިއްޔެ އެ ހޮސްޕިޓަލުގެ ޑެޕިއުޓީ ޗީފް ޑޮކްޓަރު އަނަތޮލީ ކަލަނިޗެންކޯ ވަނީ ނަވަލްނީ މިހާރު ސްޓޭބަލް ވެފައިވާ ކަމަށާއި އޭނާ އެހެން ހޮސްޕިޓަލަކަށް ގެންދަން ދެކޮޅު ނަހަދާނެ ކަމަށް ވިދާޅުވެފަ އެވެ.
"ނަވަލްނީގެ އާއިލާގެ މެމްބަރުން އޭނާ ގެންދަން ބޭނުންވާ ހޮސްޕިޓަލަށް އޭނާ ޓްރާންސްފާ ކުރަން ދެކޮޅު ނަހަދަން އަޅުގަނޑުމެން ނިންމައިފިން،" ކަލަނިޗެންކޯ ވިދާޅުވި އެވެ.
ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންއަށް ފާޑު ކިޔާ އަދި އެގައުމުގެ އިސް އޮފިޝަލުންގެ ކޮރަޕްޝަނުގެ މައްސަލަތައް ފަޅާ އެރުވުމަށް މަސައްކަތް ކުރައްވާ ނަވަލްނީއަށް މީގެ ކުރިން ވެސް ޒަހަރު ދިން ކަމަށް ތުހުމަތުކޮށްފައިވެ އެވެ.
އެގޮތުން މިދިޔަ އަހަރު ގަވާއިދާ ހިލާފަށް މުޒާހަރާ ކުރަން ގޮވާލި މައްސަލައެއްގައި ނަވަލްނީ ޖަލަށް ލާފައި ވަނިކޮށް އޭނާ ހޮސްޕިޓަލަށް ގެންދަން ޖެހުނެވެ. އޭރު ޑޮކްޓަރުން ވަނީ އޭނާ ކޮންމެވެސް އެއްޗަކަށް އެލާޖިކްވީ ކަމަށް ބުނެ، އެއް ދުވަސް ފަހުން އޭނާ އަނބުރާ ޖަލަށް ފޮނުވާލާފަ އެވެ.
ނަމަވެސް ނަވަލްނީގެ ޓީމުން ވަނީ އޭރުވެސް އޭނާއަށް ޒަހަރު ދިން ކަމަށް ބުނެފަ އެވެ.
މީގެ އިތުރުން 2017 ވަަނަ އަހަރު ނަވަލްނީގެ އޮފީސް ކައިރީގައި ބަޔަކު އޭނާގެ މޫނަށް އެންޓިސެޕްޓިކް ކުލަ ޖެހުމާ ގުޅިގެން އޭނާގެ ކަނާތު ލޮލަށް ގެއްލުން ލިބުނެވެ.
ދެހާސްއަށާރަ ވަނަ އަހަރު ނަވަލްނީ ރަޝިއާގެ ރިޔާސީ އިންތިހާބުގައި ޕޫޓިންއާ ވާދަ ކުރައްވަން މަސައްކަތް ކުރެއްވި ނަމަވެސް، 2013 ވަނަ އަހަރު އޭނާގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާއެއް ސާބިތުވެފައި ވުމުން، އޭނާ އެ އިންތިހާބުގައި ވާދަ ކުރުން އިލެކްޓޯރަލް ކޮމިޝަނުން މަނާ ކުރި އެވެ. ނަވަލްނީ ވިދާޅުވި ގޮތުގައި އެއީ އޭނާގެ މައްޗަށް ކުރި ސިޔާސީ ދައުވާއެކެވެ. އަދި އެމައްސަލާގައި އޭނާގެ މައްޗަށް ޖަލު ހުކުމެއް ކުރި ނަމަވެސް އެ ހުކުމް ވަނީ ސަަސްޕެންޑުކޮށްފަ އެވެ.