11 Jan 2012, 14:07
ރާއްޖޭގެ ކެރަމް އެސޯސިއޭޝަން ހިންގުމުގެ އޮނިގަނޑަށް މިހާރުގެ ހިންގާ ކޮމިޓީން 2010 ވަނަ އަހަރު ގެންނެވި ގިނަ ގުނަ ބަދަލުތަކާ އެކު 2011 ވަނަ އަހަރަށް އާ ކެރަމްގެ އެކްޓިވިޓީ ކަލަންޑަރެއް އެކުލަވާލެވުނެވެ. އަދި އެ އެކްޓިވިޓީ ކަލަންޑަރާއި އެއްގޮތަށް އެސޯސިއޭޝަންގެ މުބާރާތްތަކުގެ އޮނިގަނޑު ކަނޑައެޅިގެން ދިޔަދިއުމީ ކެރަމްގެ ތާރީޚުގައި ވެސް އެންމެ ހަރާކަތްތެރި އަހަރުކަމުގައި 2011 ވަނަ އަހަރު ވެގެން ދިޔަކަމަށް ގިނަބަޔަކު ޤަބޫލުކުރި ސަބަބެވެ. މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ކޮންމެ މަހަކު ވެސް ތަފާތު އެކިއެކި އެކްޓިވިޓީތަކާ އެކު ކުރިއަށް ގެންދިޔަ ކެރަމް ސީޒަނަކީ ކުރެމްގެ ޕްރޮފެޝަން ކުޅުންތެރިންނަށާއި ޒުވާން ކުޅުންތެރިންނަށާއި އަދި ކެރަމް ކުޅުމަށް ޝައުޤުވެރިކަން ހުންނަ އެހެނިހެން ފަރާތްތަކަށް ގިނަ ދޮރުތަކެއް ހުޅުވިގެން ދިޔަ އަހަރެކެވެ. ކެރަމްގެ އާ އޮނިގަނޑު ބައްޓަން ކުރެވިފައި އޮތްގޮތުން ޕްރޮފެޝަނަލް ކުޅުންތެރިންގެ އިތުރުން އާންމުގެ ތެރެއިން ކެރަމް ކުޅުމަށް ޝައުޤު ހުންނަ ފަރާތްތަކަށް މިކަމުގައި ބައިވެރިވެ ކުރިއަށް ދިއުމުގެ ދޮރުތަކެއް ހުޅުވިގެން ދިޔަ އެވެ. މިގޮތުން އޮފީސް ތަކުގައި ތިބި ކެރަމް އަށް ޝައުޤުވެރިކަން ހުންނަ ފަރާތްތަކަށް ހުޅުވާލެވުނު މުބާރާތަކީ ވަރަށް ފާހަގަ ވެގެން ދިޔަ މުބާރާތެކެވެ.
މުޅިން އަލަށް ތައާރަފު ކުރެވުނު ތިން މުބާރާތަކާ އެކު ކުރިން ވެސް ހިނގަމުން އައި ރަސްމީ މުބާރަތްތައް ބޭއްވި އިރު، 2011 ވަނަ އަހަރު ވަނީ ކެރަމް އެސޯސިއޭޝަންގެ ފަރާތުން ބައިނަލް އަޤްވާމީ ބޮޑު ދެ މުބާރާތެއް ވެސް ރާއްޖޭގައި ބާއްވާފަ އެވެ. ފަނަރަ ވަރަކަށް އަހަރަށް ފަހު ކެރަމް މެޗުތައް ލައިވްކޮށް ބެލުންތެރިންނަށް ގެނެސްދޭން ފެށުމުގެ އިތުރުން ޒުވާން ކުޅުންތެރިން އުފެއްދުމަށްޓަކައި ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކާއި ޓެކްނިކަލް ދާއިރާ އިން އަންޕަޔަރިން ކޯސްތައް ފަދަ ގިނަ ހަރަކާތްތަކެއް ވަނީ ކެރަމް އެސޯސިއޭޝަނުން ހިންގާފަ އެވެ.
- 1 ވަނަ އެސޯސިއޭޝަން ކެރަމް ޗެމްޕިއަންޝިޕް
2011 ވަނަ އަހަރުގެ ކެރަމް ސީޒަން ފަށާފައި ވަނީ އަލަށް ތައާރަފު ކުރެވުނު މުބާރާތެއް ކަމުގައިވާ ކެރަމް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ނަމުގައި މާޗް މަހުގައި ބޭއްވި މުބާރާތުންނެވެ. ޖުމްލަ 67 ކުޅުންތެރިއަކު ވާދަކުރި މި މުބާރާތުގައި އޯޕަން ސިންގަލްސް އިވެންޓުގެ ނަމުގައި ވަނީ ދިވެހި ކެރަމްއަށް އާ އިވެންޓެއް ތައާރަފު ކޮށްފަ އެވެ.
މި އިވެންޓަކީ އަންހެން އަދި ފިރިހެން ކުޅުންތެރިންނަށް ހަމަހަމަ ގޮތެއްގައި ވާދަކުރުމުގެ ފުރުޟަތު ހުޅުވާލެވުނު އިވެންޓެކެވެ. މި މުބާރާތުގެ އޯޕަން އިވެންޓުގެ ޗެމްޕިއަންކަން އަހަމްދު ހާމިދު ހޯދި އިރު ފިރިހެން ސިންގަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދީ ޝާފީ މުހައްމަދެވެ. އަންހެން ސިންގަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދީ އައިޝަތް ޝަޒްނާ އެވެ. ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހުސެއިން ނީޝާމާއި މުހައްމަދު މުންތަސިރު ހޯދި އިރު އަންހެން ޑަބަލް ޗެމްއިންކަށް ހޯދީ އައިޝަތް ޝަޒްނާ އާއި އައިޝަތް ޒުލްފިޝާނެވެ. މިކްސްޑް ޑަބަލް ޗެމްޕިއަންކަން ހޯދާފައި ވަނީ ޝާފީ މުހައްމަދާއި އަފީފުއްނިސާ އެވެ. އަދި އެމުބާރާތުގެ އެންމެ އުއްމީދީ ފިރިހެން ކުޅުންތެރިޔާގެ މަޤާމު އަލީ އަކްރަމް ހޯދި އިރު އެންމެ އުއްމީދީ އަންހެން ކުޅުންތެރިޔާގެ މަޤާމު ހޯދީ އައިޝަތް ޒުލްފިޝާނެވެ.
http://www.sun.mv/uploads/live_1419220.jpg
- 1 ވަނަ އިންޓަރ އޮފީސް ކެރަމް މުބާރާތް
2011 ވަނަ އަހަރުގެ ދެވަނަ މުބާރާތުގެ ގޮތުގައި މެއި މަހުގައި ބޭއްވިގެން ދިޔައީ ވެސް ކެރަމް އަށް އަލަށް ތައާރަފްކުރެވުނު މުބާރާތެއް ކަމުގައިވާ އޮފީސްތަކުގެ ކެރަމް މުބާރާތެވެ. އޮފީސްތަކުގެ ބޮޑު މަޤުބޫލު ކަމެއް ހޯދި މިމުބާރާތުގައި ޖުމްލަ 13 އޮފީހަކުން 108 ކުޅުންތެރިއަކު ވަނީ ވާދަކޮށްފައިވެ އެވެ. މި މުބާރާތުގެ ފިރިހެން ޓީމު ޗެމްޕިއަންކަން އެމްއެންޑީއެފް އިން ހޯދި އިރު ދެވަނަ ހޯދީީ އެމްއެމްޕީއާރުސީ އެވެ. އަދި ތިންވަނަ ހޯދީ މިނިސްޓްރީ އޮފް ހައުސިންގް އެންޑް އެންވަޔަރުމަންޓެވެ. އަންހެން ޓީމު ޗެމްޕިއަންކަން އެސްޓީއޯ އިން ހޯދިއިރު ދެވަނަ ހޯދީ އެމްޑަބްލިއުއެސްސީ އެވެ. އަދި ތިން ވަނަ ހޯދީ މިނިސްޓްރީ އޮފް ހައުސިންގް އެންޑް އެންވަޔަރުމަންޓެވެ. މި މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އެމްއެމްޕީއާރުސީގެ ޝާފީ މުހައްމަދެވެ. އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އެމްޑަބްލިއުއެސްސީގެ ފާތިމަތު ޒޫޝާނެވެ. ފިރިހެން ޑަބަލް ޗެމްޕިއަންކަން ހޯދީ އެމްއެންޑީއެފްގެ އަހްމަދު ހާމިދާއި މުހައްމަދު އަބްދުއް ސަމަދެވެ. އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދާފައި ވަނީ އެމްޑަބްލިއުއެސްސީގެ ފާތިމަތު ޒޫޝާނާއި އައިމިނަތު ލައިލާއެވެ.
http://www.sun.mv/uploads/live_1419231.jpg
- 4 ވަނަ އޭޝައަން ކެރަމް ޗެމްޕިއަންޝިޕް އަދި 15 ވަނަ ސާކް ކެރަމް ޓޯނަމަންޓް
ކެރަމްގެ މިދިޔަ އަހަރުގެ ސީޒަންގައި އެންމެ ފާހަގަކޮށްލެވިގެން ދިޔަ ބައިނަލް އަޤްވާމީ ބޮޑު ދެ މުބާރާތް ކަމުގައިވާ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕާއި ސާރކް ކެރަމް ޗެމްޕިއަންޝިޕް ބޭއްވިގެން ދިޔައީ މެއި އަދި ޖޫން މަހުގެ ތެރޭގަ އެވެ. ދުނިޔޭގައި ވެސް އެންމެ މޮޅު ކެރަމް ކުޅުންތެރިން ހިމެނެނީ ސައުތް އޭޝިއާ ސަރަހައްދު ކަމުގައި ވުމުން މި ދެމުބާރާތް ވެސް ވެގެން ދިޔައީ ދުނިޔޭގެ އެންމެ މޮޅުކުޅުންތެރިން ދިވެހި ފަސްގަނޑުގައި ވަދާކުރި ފެންވަރު ރަނގަޅު މުބާރާތަކަށެވެ. ދުނިޔޭގެ ގިނަ ރިކޯޑުތަކެއް މުގުރާލި މި ދެ މުބާރާތުގައި ޖުމްލަ 36 ވައިޓް ސްލޭމް (ބްރޭކް ކުރާ ގޮތަށް ހުރިހާ ހުދެއް ވެއްޓުން) އަކާއި 6 ބެލެކް ސްލޭމް (ބްރޭކް ކޮށްފައި ދިނުމުން ފުރަތަމަ ކުޅުމުގައި ހުރިހާ ކަޅެއް ވެއްޓުން) އެއް ވަނީ ހަދާފައެވެ. މިއީ ޖުމްލަ ގޮތެއްގައި ބައިނަލް އަޤްވާމީ މުބާރާތްތަކުގައި ހަދާ ސްލޭމްގެ ނިސްބަތުން ތިންގުނަ އިތުރު އަދަދެކެވެ. ދިވެހި އަންހެން ކުޅުންތެރިއެއްގެ ވެސް ބައިނަލް އަޤްވާމީ ފުރަތަމަ ސްލޭމް ފެނިގެން ދިޔަ މިމުބާރާތުގައި ދިވެހި ފިރިހެން ދެ ކުޅުންތެރިއަކުވެސް ވަނީ ސްލޭމް ހަދާފައެވެ. އަދި ޚާއްސަ ގޮތެއްގައި ފާހަގަކުރެވެނީ ބައިނަލް އަޤްވާމީ މުބާރާތަކުން ދިވެހި ކެރަމް ކުޅުންތެރިން ހާސިލުކުރި އެންމެ ގިނަ އަދަދެއްގެ މެޑަލްސް ވަނީ މި ދެމުބާރާތުގައި ހޯދާފަ އެވެ. އެއީ އެކިއެކި އިވެންޓުން ޖުމްލަ އަށް މެޑަލްއެކެވެ. މިކްސްޑް ޑަބަލްސް އިން އެއް ރިހި އަދި އެއް ލޯ މެޑަލް ހޯދި އިރު ފިރިހެން އަދި އަންހެން ޑަބަލްސް އިން ހަތަރު ލޯ މެޑަލް އާއި އަންހެން ޓީމް އިވެންޓުން ދެ ލޯ މެޑަލް ވަނީ ދިވެހި ކުޅުންތެރިން ހޯދާފައެވެ.
http://www.sun.mv/uploads/live_1419258.jpg
- 13 ވަނަ އިންޓާ ސްކޫލް ކެރަމް މުބާރާތް
ޒުވާން ކުޅުންތެރިން އުފެއްދުމަށްޓަކައި ކެރަމް އެސޯސިއޭޝަނުން ރާވާ ހިންގާ ސްކޫލް ކުދިންގެ ކެރަމް މުބާރާތް ބާއްވާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގަ އެވެ. ޖުމްލަ 11 ސްކޫލަކުން ވާދަކުރި މިމުބާރާތުގައި ތިން އުމުރު ފުރާއަކުން ޖުމްލަ 203 ދަރިވަރަކު ވަނީ ވާދަކޮށްފަ އެވެ. މިމުބާރާތުގެ 13 އަހަރުން ދަށުގެ ފިރިހެން އަދި އަންހެން ޗެމްޕިއަންކަން ހޯދާފައި ވަނީ ޤިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލެވެ. މިއުމުރު ފުރައިން ފިރިހެން ސިންގަލްސް ޗެމްޕިއިންކަން ހޯދާފައި ވަނީ ޤިޔާސުއްދީނުގެ މުހައްމަދު ހަސަންއެވެ. އަންހެން ޗެމްޕިއަންކަން ހޯދީ ހަމަ އެސްކޫލްގެ އައިޝަތް ރިފްޤާއެވެ. 16 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަން ހޯދީ މަޖީދިއްޔާ ސުކޫލެވެ. އަންހެން ޗެމްޕިއަންކަން ހޯދީ އަމީނިއްޔާ ސްކޫލެވެ. މި އުމުފުރައިން ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދާފައިވަނީ ދަރުމަވަންތަގެ ޔަމާން އަބްދުލް ޖަލީލެވެ. އަދި އަންހެން ޗެމްޕިއަންކަން ހޯދީ އަމީނިއްޔާގެ އައިޝަތް މައިޝާއެވެ. ނަވާރަ އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަން ހޯދީ އަލް މަދަރަސަތުލް އަމީރު އަހްމަދެވެ. އަންހެން ޗެމްޕިއަންކަން ހޯދީ އަމީނިއްޔާ ސްކޫލެވެ. މިބައިން ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދާފައި ވަނީ މަޖީދިއްޔާގެ ހާރިޝް ޒުހެއިރެވެ. އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އަމީނިއްޔާގެ ފާތިމަތް ރަޔާނެވެ.
http://www.sun.mv/uploads/live_1419244.jpg
- 1 ވަނަ ރަމަޟޯން ކެރަމް ކަޕް
2011 ވަނަ އަހަރު އަލަށް ތައާރަފް ކުރެވުނު ތިންވަނަ މުބާރާތެއްގެ ގޮތުގައި ފެނިގެން ދިޔައީ ރޯދަ މަހަށް ހާއްސަކޮށްގެ ބޭވުނު މުބާރާތެއް ކަމުގައިވާ ރަމަޝޯން ކެރަމް ކަޕެވެ. ދިވެހިންގެ މެދުގައި ރޯދަމަހު ކުޅުމަށް ހާއްސަ ސަމާލުކަމެއް ކެރަމް ކުޅުމަށް ދެވިފައި ވުމުން ރޯދަ މަހަށް އަމާޒުކޮށްގެން ބޭއްވި މިމުބާރާތް ވެގެން ދިޔައީ ކެރަމް ކުޅުމަށް ޝައުޤުވެރިކަން ހުރި ގިނަބަޔަކަށް ބައިވެރިވުމުގެ ފުރުޞަތު ލިބިގެން ދިޔަ މުބާރާތަކަށެވެ. މި މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ ހުސެއިން ނީޝާމެވެ. އަދި އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އައިމިނަތް ނިފާޝާއެވެ. ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ އަބްދުލް ހަމީދު (ކޫޑް) އާއި އަހްމަދު ތޮލާލެވެ. އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ އައިމިނަތް ވިޝާމާއާއި ފާތިމަތް މިންހާ ނިޒާމެވެ.
http://www.sun.mv/uploads/live_1419252.jpg
- 6 ވަނަ އައި.ސީ.އެފް ކެރަމް ކަޕް
މެލޭޝިއާގެ ކުއާލަލަމްޕޫރުގައި ނޮވެމްބަރު 9 އިން 13 ބޭއްވި މި މުބާރާތަކީ ކެރަމްގެ ވޯލްޑް ކަޕް ފިޔަވައި ދެންކުޅެވޭ ބައިނަލް އަޤްވަމީ އެންމެ ބޮޑު އެއް ކެރަމް މުބާރާތެވެ. އިންޑިއާ، ޝްރީލަންކާ، ދިވެހިރާއްޖެ، ޖަރުމަން، އިޓަލީ، ފްރާންސް، އިންގްލެންޑް، ޔޫ.އެސް.އޭ، ޕޮލެންޑް، ސުވިޓްޒަލެންޑް، ޕޯރޗުގަލް، އޮސްޓްރޭލިއާ، ޕާކިސްތާން، ބަންގްލަދޭޝް، ނޭޕާލް، ޖަޕާން، ކޮރެއާ، މެލޭޝިއާ، ޔޫ.އޭ.އީ ފަދަ ޤައުމުތަކުން ވާދަ ކުރި މިމުބާރާތުން ދިވެހި ޤައުމީ އަންހެން ކެރަމް ޓީމާއި ދިވެހި ޤައުމީ ފިރިހެން ކެރަމް ޓީމުވަނީ ލޯ މެޑަލް ހޯދާފައެވެ.
http://www.sun.mv/uploads/live_1419226.jpg
- 22 ވަނަ ޤައުމީ ކެރަމް މުބާރާތް
2011 ވަނަ އަހަރުގެ އެންމެ ފަހު މުބާރާތެއްގެ ގޮތުގައި ބޭއްވިގެން ދިޔައީ ކެރަމްގެ އެންމެ ޝަރަފުވެރި މުބާރާތް ކަމުގައިވާ ޤައުމީ ކެރަމް މުބާރާތެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައި ބޭއްވި މިމުބާރާތުގައި ޕްރިމިއަރ ޑިވިޝަންގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދާފައިވަނީ ހަސަން ނާޒިމެވެ. އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އަައިޝަތް ފައިނާޒެވެ. ޕްރިމިއަރ ޑިވިޝަންގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ ހުސެއިން ނީޝާމާއި ހަސަން ނާޒިމެވެ. އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އައިޝަތް ޝަޒްނާ އާއި އައިމިނަތް ވިޝާމާއެވެ. މިކްސްޑް ޑަބަލްސް ޗެމްޕިއަންކަން ހޯދީ ހުސެއިން ނީޝާމާއި އައިމިނަތް ވިޝާމާއެވެ. ސެކަންޑް ޑިވިޝަންގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދާ އަހްމަދު ޖަލާލް އަލީއެވެ. މި ޑިވިޝަންގެ އަންހެން ސިންގަލސް ޗެމްޕިއަންކަން ހޯދީ މަރިޔަމް ހަޝްމާއެވެ.
http://www.sun.mv/uploads/live_141925.jpg
ކެރަމް އެސޯސިއޭޝަނުން މަޢުލޫމާތު ދެއްވާ ގޮތޮތުގައި މިއަހަރުވެސް މި ދިޔައަހަރު ހިންގި ހުރިހާ ލޯކަލް މުބާރާތްތެކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި އަހަރުގެ ކެރަމް އެކްޓިވިޓީ ކަލަންޑަރު ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި އާންމު ކުމުވަށް ވަނީ ހަމަޖެހިފައެވެ.