22 Aug 2020, 08:55
ތުރުކީން އަނެއްކާވެސް ކްރިސްޓިއަނުންގެ ކުރީގެ މުގައްދަސް ފައްޅިއެއް މިސްކިތަކަށް ބަދަލުކޮށްފި އެވެ.
މީގެ މަހެއްހާ ދުވަސްކުރިން ތުުރުކީން ވަނީ ކްރިސްޓިއަނުންގެ ޒަމާންވީ މުގައްދަސް ފައްޅި ހާޔާ ސޮފީއާވެސް މިސްކިތަކަށް ބަދަލުކޮށްފަ އެވެ.
މިފަހަރު މިސްކިތަކަށް ބަދަލުކޮށްފައި ވަނީ މީލާދީން ހަތަރު ވަނަ ގަރުނުގައި ތުުރުކީގެ އިސްތަންބުލްގައި ބިނާކޮށްފައިވާ ޗާޗު އޮފް ދަ ހޮލީ ސެވިއާ ޗޯރާ (ޗޯރާ ޗާޗް) އެވެ. އިސްތަންބޫލް މުސްލިމުންގެ ބާރުގެ ދަށަށް 1453ގައި ދިއުމަށް ފަހު ހާޔާ ސޮފީއާއެކޭ އެއްގޮތަށް ޗޯރާ ޗާޗް ބޭނުންކުރަމުން ދިޔައީ މިސްކިތަކެއްގެ ގޮތުގަ އެވެ. އެތަން މިސްކިތަކަށް ބަދަލުކުރުމަށް ފަހު ކިޔަމުންދިޔައީ ކަރިޔޭ މިސްކިތުގެ ނަމުންނެވެ.
ފަހުން ތުުރުކީގައި ވެރިކަންކުރެއްވި މުސްތަފާ ކަމާލް (އަތާތުރުކު)ގެ ވެރިކަމުގައި ހާޔާ ސޮފީއާއެކޭ އެއްގޮތަށް ކަރިޔޭ މިސްކިތް މިއުޒިއަމްއަކަށް ބަދަލުކުރެއްވި އެވެ. އޭގެ ފަހުން އެތަނަށް ކިޔަމުންދިޔައީ ކަރިޔޭ މިއުޒިޔަމްއެވެ.

ކަރިޔޭ މިއުޒިއަމް. އެތަން މިހާރު ވަނީ މިސްކިތަކަށް އަނެއްކާވެސް ބަދަލުކޮށްފައި---
ކަރިޔޭ މިއުޒިއަމް އަލުން މިސްކިތަކަށް ބަދަލުކުރަން ތުރުކީގެ އެންމެ މަތީ އެޑްމިނިސްޓްރޭޓިވް ކޯޓުން ހުއްދަ ދިނީ މިދިޔަ އަހަރު ނޮވެމްބަރުމަހު އެވެ. މިސްކިތަކަށް އަލުން އެތަން ބަދަލުކުރިކަމުގައި ވިޔަސް އެތަނުގައި އަލުން މުސްލިމުންގެ އަޅުކަންތައް ފެށޭނެ ދުވަހެއް ހާމައެއް ނުކުރެއެވެ.
ކަރިޔޭ މިއުޒިއަމް އަލުން މިސްކިތަކަށް ބަދަލުކުރުމުން ގްރީސްއިން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ. އަދި މިއީ އަނެއްކާ ވެސް ކްރިސްޓިއަނުން ރުޅިއަރުވަން ކުރިކަމެއްކަމަށް ގްރީސްއިން ވަނީ ބުނެފައެވެ.---- އަލްޖަޒީރާ، އާރުޓީ