22 Aug 2020, 08:31
ތުރުކީން ބްލެކް ސީ ކައިރިން 320 ބިލިއަން ކިއުބިކް މީޓަރުގެ ގޭސް ވަޅެއް ހޯދައިފި އެވެ.
ތުރުކީގެ ރައީސް ތައްތިބް އުރުދުއާން ވިދާޅުވީ މިއީ ތާރީހުގައި ވެސް ބްލެކްސީ ކައިރިން ފެނުނު އެންމެ ބޮޑު ގޭސް ވަޅުކަމަށެވެ. އެ ގޭސް ވަޅު ފެނިފައި ވަނީ ބްލެސީގައި ހިމެނޭ ތުރުކީގެ އެކްސްކްލޫސިކް އިކޮނޮމިކް ޒޯންގައި ހިމެނޭ ޓޫނާ-1 ޒޯން ސަރަހައްދުންނެވެ. މިއީ ބަލްގޭރިއާ އަދި ރޯމޭނިއާގެ އެކްސްކްލޫސިކް އިކޮނޮމިކް ޒޯންއާ ވަރަށް ކައިރި ސަރަހައްދެއް ވެސްމެ އެވެ.
މީގެ އަށް އަހަރު ކުރިން ރޯމޭނިއާގެ ޕެޓްރޮމް އަދި އެގްޒޮންމޮބައިލްއިން ވަނީ ހަމަ އެ ސަރަހައްދާ ކައިރިން ބޮޑު ގޭސްވަޅެއް ހޯދައިފަ އެވެ.
ތުރުކީން ހޯދި ގޭސް ވަޅުން ގޭސް ނަގައި ތިން އަހަރު ތެރޭ އެ ގޭސް އެކްސްޕޯޓްކުރަން ފަށާނެ ކަމަށް އުުރުދުއާން ވިދާޅުވި އެވެ.

ތުރުކީން ގޭސް ވަޅު ހޯދި ސަރަހައްދު--
އުރުުދުއާން އިތުރަށް ވިދާޅުވީ އަލަށް ފެނުނު ގޭސް ވަޅަކީ ފެށުމެއް ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައި އިތުރު ގޭސް ވަޅުތައް ފެންނާނެ ކަމަށް ބެލެވޭ ކަމަށެވެ.
މިފަހުގެ އަހަރުތަކުގައި ތުރުކީން ވަނީ މެޑިޓެރޭނިއަން އަދި ބްލެކް ސީ ސަރަހައްދުގައި ގޭސް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. މެޑިޓަރޭނިއަރުން ކަނޑުގައި ގޭސް ހޯދުމަށް ތޮރުފާ ކަންތައް ކުރަމުންދާތީ ގްރީސް އަދި ސައިޕްރަސްއިން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ.
އެ މަސައްކަތުގައި ހަރަކާތްތެރިވާ ސާވޭ އުޅަނދުތަކަށް ހުރަސް އަޅާފާނެތީވެ ތުރުކީން ހަނގުރާމަމަތީ މަނަވަރުތައް ވެސް އެ ސަރަހައްދަށް ފޮނުވި އެވެ.--- ބްލޫމްބާގް، އަލްޖަޒީރާ