ރާއްޖޭގެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު އަމީނު ދީދީގެ ވެރިކަން 1954 ވަނަ އަހަރު އިންގިލާބުކޮށްލައި އޭނާ އަވަހާރަކޮށްލި ހާދިސާއާ ބެހޭ ފޮތެއް، 57 އަހަރަށް ފަހު، މި މަހުގެ 19 ވަނަ ދުވަހު ނެރެން ހަމަޖައްސައިފި އެވެ.

ރާއްޖޭގެ ތަޖުރިބާރާކު ބްރޯޑްކާސްޓް ޖާނަލިސްޓެއް ކަމަށްވާ މުހައްމަދު ޖަމީލު ލިއުއްވާފައިވާ އެފޮތުގައި އަމީނުގެ އަރިސް ބައެއް ބޭފުޅުންނާއި އަމީންދީދީގެ ވެރިކަން އިންގިލާބުކޮށްލުމުގައި އިސްކޮށް އުޅުއްވި ބައެއް ބޭފުޅުންނާއި ހާދިސާގެ މަންޒަރުތައް ލޮލުން ދުށް އެތައް ސަތޭކަ ބައެއްގެ އިންޓަވިއުތައް ހިމެނޭނެ ކަމަށް ޖަމީލު ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ އެ ހާދިސާއާ ގުޅޭ، ކުރިން އާއްމުކޮށްފައި ނުވާ، ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ އެތައް ލިއުމެއް ވެސް އެ ފޮތުގައި ހިމެނޭނެ ކަމަށެވެ. އޭގެ އިތުރުން އަމީންދީދީގެ ދަރިކަނބަލުން އަމީނާ މުހައްމަދު އަމީނު، އެ ހާދިސާއާ ބެހޭ ގޮތުން ދެއްވާފައިވާ "އެއްވެސް ފޮރުވުމެއް ނެތް" އިންޓަވިއުއަކާއި އިންގިލާބުގައި އިސްކޮށް އުޅުއްވި ފާމުދޭރިގޭ މުހައްމަދު ޒަކީ ދެއްވާފައިވާ އެފަދަ އިންޓަވިއުއެއް ވެސް ހިމަނާފައިވާނެ ކަމަށް ދިވެހިރާއްޖޭގެ އަޑުގެ އެންމެ އިސް އެއް ރިޕޯޓަރުގެ ގޮތުގައި ވިއްސަށް ވުރެ ގިނަ އަހަރު ހޭދަކުރައްވާފައިވާ ޖަމީލު ވިދާޅުވި އެވެ.
އަދި ވިދާޅުވީ އެފޮތުގައި އަމީންގެ ހަޔާތްޕުޅު ދައްކައިދޭ ފޮޓޯތައް ވެސް ހިމެނޭނެ ކަމަށެވެ.

ތިންސަތޭކަ ފަންސަވީސް ސަފުހާ ހިމެނޭ އެ ފޮތް ޖަމީލު އެކުލަވާ ލެއްވީ 15 އަހަރު ވަންދެން އެ ހާދިސާ ދިރާސާ ކުރެއްވުމަށް ފަހުގައި ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ނޮވެލްޓީއާ ޗާޕް ކުރުމަށް ހަވާލުކޮށްފައިވާ ފޮތުގެ ޗާޕްގެ ބޮޑު ބަޔަކަށް ހަރަދު ކުރައްވަނީ ބަނޑޮސް އައިލެންޑް ރިސޯޓްގެ ވެރިޔާ އަންނަބީލް މުހައްމަދު ވަހީދުއްދީން ކަމަށެވެ.

އަދަބީ ގުލްޝަންގައި އަމީނު ބޭނުންކުރެއްވި ނަންފުޅު "އޯކިޑް"ގެ ނަން ދީފައިވާ އެ ފޮތް ނެރެން ހަމަޖައްސާފައިވާ، ޖެނުއަރީ މަހުގެ 19 ވަނަ ދުވަހަކީ އަމީނު އަވަހާރަވި ދުވަހެވެ. އަދި އެއީ އެ ހާދިސާއަށް 58 އަހަރު ފުރޭ ދުވަހެވެ.