އިއްޔެގެ 18:00 ން މިއަދުގެ 18:00 އަށް އިތުރު 194 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން އިއުލާންކޮށްފައިވާއިރު އޭގެ ތެރެއިން 167 މީހުންނަކީ ދިވެހީންނެވެ.

އެޗްޕީއޭއިން އިއުލާންކޮށްފައިވާ ތަފާސްހިސާބަށް ބަލާލާއިރު ޕޮޒިޓިވްވި މީހުންގެ ތެރެއިން ދެން ހިމެނެނީ ބަންގްލަދޭޝްގެ 16 މީހުން، އިންޑިއާގެ ހަތް މީހުން، ސްރީ ލަންކާ އެކަކު، ނެޕާލްގެ އެކަކު، ތައިލެންޑުގެ އެކަކު އަދި އިޓަލީގެ މީހެކެވެ.

މިއަދު ފެނުނު ޕޮޒިޓިވްވި ކޭސްތަކުގެ ތެރެއިން 191 ކޭސް ފެނިފައިވަނީ ގްރޭޓާ މާލެ ސަރަހައްދުންނެވެ. ބާކީ ތިބި ތިން ކޭސް ފެނިފައިވަނީ އަތޮޅުތެރޭ ރަށްތަކުންނެވެ.

މިއަދު ޕޮޒިޓިވްވި ކޭސްތަކާ އެކު ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 6،564 އަށް އަރައިފައެވެ. އެކްޓިވް ކޭސް ނުވަތަ މިވަގުތު ފަރުވާ ދެމުންދާ ކޭސްތަކުގެ ގޮތުގައި ތިބީ 2،527 މީހުންނެވެ.

އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބި މީހުންގެ އަދަދު ވަނީ މިހާރު 1،398 އަށް އަރައިފަ އެވެ. ބައްޔަށް ފަރުވާ ދިނުމުގެ ގޮތުން ހޮސްޕިޓަލުގައި މިވަގުތު އެޑްމިޓްކުރެވިފައިވާ މީހުންގެ އަދަދަކީ 166 އެކެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކުވައިދޭގޮތުގައި ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭ އިތުރު 97 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ. ރަނގަޅުވި މީހުންނާއެކު ރާއްޖެއިން ބަލިޖެހުމަށް ބަލިން ފަސޭހަވި މީހުންގެ އަދަދު ނުވަތަ ރިކަވަރީ އަދަދު ހުރީ 4،012 ގަ އެވެ.

އެޗްޕީއޭއިން ވަނީ މިހާތަނަށް ބައްޔަށް ޓެސްޓުކުރުމުގެ ގޮތުން 101،730 ސާމްޕަލް ނަގާފަ އެވެ. މީގެ ތެރޭގައި ތަކުރާރުކޮށް ނެގިފައިވާ ސާމްޕަލްވެސް ހިމެނެ އެވެ.

ކޮވިޑް-19 ޖެހިގެން ރާއްޖެއިން މިހާތަނަށް ވަނީ 25 މީހަކު ނިޔާވެފަ އެވެ.

މާލޭގެ އިތުރުން މިވަގުތު އެކްޓިވް ކޭސްތައް ހުރި ރަށްތަކަކީ:
އައްޑޫ ސިޓީ، ފޭދޫ
ތ. ތިމަރަފުށި
ވ. ތިނަދޫ
އ.ދ. މާމިގިލި
ކ. ގުޅި
ރ. ހުޅުދުއްފާރު
ނ. މިލަދޫ
އައްޑޫ ސިޓީ، ހިތަދޫ
ތ. ވިލުފުށި
ފ. ނިލަންދޫ
ކ. ހިންމަފުށި
ޅ. ހިންނަވަރު
ރ. އިނގުރައިދޫ
ހ. ދ. ނާވައިދޫ
ތ. މަޑިފުށި
ވ، ކެޔޮދޫ
އ. ދ. އޮމަދޫ
ކ. ތުލުސްދޫ
ޅ. ނައިފަރު
ބ. ކަމަދޫ
ހ. ދ. ކުރިނބީ
މީގެ ތެރެއިން ގިނަ ރަށްތަކުން ފެނިފައިވަނީ ހޯމް ކަރަންޓީނުގައި ތިބި ޕޮޒިޓިވް ކޭސްތަކެވެ. އެޗްޕީއޭއިން އިތުރަށް ހާމަކުރިގޮތުގައި 17 ރިސޯޓަކުންވެސް ވަނީ ޕޮޒިޓިވް ކޭސްތަކެއް މިހާތަނަށް ފެނިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތަރު ފަތުރުވެރިންނާއި 13 ސްޓާފުންނެވެ.